އައްޑޫ ސިޓީގައި ޕެރަމެޑިކްސް އެމްބިއުލާންސްގެ ޚިދުމަތް މިއަހަރުގެ ތެރޭގައި ފެށުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާކަމަށް އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގެ ސީއީއޯ ޑރ. އަޙްމަދު އަދީލް ނަސީރު ވިދާޅުވެއްޖެއެވެ. ދައުލަތުގެމީޑިއާއަށް މައުލޫމާތުދެއްވަމުން ޑރ. އަދީލް ވިދާޅުވީ، މި ޚިދުމަތް ފެށުމަށްޓަކައި ބޭނުންވާ މުވައްޒަފުން ރެކްރޫޓްކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ.
އައްޑޫ ސިޓީއަކީ ރާއްޖޭގެ އެންމެ ދިގު ލިންކް ރޯޑް އޮންނަ ސަރަޙައްދަށް ވެފައި، އާބާދީގެ ބޮޑުކަމުންނާއި ދުއްވުމަށް އޮންނަ ބޮޑު ސަރަޙައްދުގެ ސަބަބުން ނުރައްކާތެރި އެކްސިޑެންޓުތައް ހިނގުން ވަނީ އާންމުވެފައެވެ. މިފަދަ ހާދިސާތަކާ ގުޅިގެން އައްޑޫގެ މައި ހޮސްޕިޓަލުގެ އިމަޖެންސީ ރޫމަށް ބާރުބޮޑުވި ނަމަވެސް، ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން އޭއީއެޗްއަށް ބަދަލުވި ފަހުންވެސް ކުއްލި ފަރުވާގެ ނިޒާމަށް އެދެވޭ ބަދަލެއް މިހާތަނަށް އައިސްފައެއް ނުވެއެވެ.
ޑރ. އަދީލް ފާހަގަކުރެއްވި ގޮތުގައި، މިހާރު ޕެރަމެޑިކްސްގެ ޚިދުމަތް ނެތުމުގެ ސަބަބުން އެކްސިޑެންޓުތައް ހިނގާ ސީންތަކަށް ފޮނުވަންޖެހެނީ ނަރުހުންނެވެ. އެހެންނަމަވެސް، އޭއީއެޗްއާއި ގުޅިފައިވާ ރަށްރަށުގެ ސިއްޙީ މަރުކަޒުތަކާ ގުޅިގެން ހަރުދަނާ ނިޒާމެއްގެ ތެރެއިން އެކްސިޑެންޓު ހިނގާ ތަނަކަށް ވީހާވެސް އަވަހަކަށް ދެވޭނެ އިންތިޒާމުތަކެއް މިހާރުވެސް ވަނީ ހަމަޖައްސާފައެވެ.
ކުއްލި ޙާލަތްތަކުގައި އެކްސިޑެންޓުވާ ފަރާތްތައް ހޮސްޕިޓަލަށް ގެންދިއުމުގެ އެންމެ ބޮޑު ޒިންމާއެއް އުފުލަނީ އެމްބިއުލާންސްގެ ޚިދުމަތުންނެވެ. އައްޑޫއަކީ އެކްސިޑެންޓުތައް ގިނަ ސަރަޙައްދަކަށް ވީއިރު، ޕެރަމެޑިކްސްގެ ޚިދުމަތް ތަޢާރަފްކުރުމަކީ ކުއްލި ފަރުވާގެ ނިޒާމު އިތުރަށް ހަރުދަނާވެގެންދާނެ ކަމެއްކަމަށް ބެލެވެއެވެ. ސީއީއޯ ވިދާޅުވީ ހޮސްޕިޓަލުގެ ހުރިހާ މުވައްޒަފުންވެސް މިހާރު ތިބީ ކޮންމެ ވަގުތެއްގައިވެސް ޚިދުމަތް ދިނުމަށް ތައްޔާރީ ޙާލަތުގައި ކަމަށެވެ.