ފާއިތުވި ސަރުކާރުތަކާ ހިލާފަށް ވިލިމާލޭގެ ތަރައްޤީއަށް އެންމެ ބޮޑު އިސްކަމެއް ދިނީ މިސަރުކާރުން: މުޙައްމަދު އިސްމާޢީލް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 50ސ
ފާއިތުވި ސަރުކާރުތަކާ ހިލާފަށް ވިލިމާލޭގެ ތަރައްޤީއަށް އެންމެ ބޮޑު އިސްކަމެއް ދިނީ މިސަރުކާރުން: މުޙައްމަދު އިސްމާޢީލް

ފާއިތުވި ސަރުކާރުތަކާ ހިލާފަށް ވިލިމާލޭގެ ތަރައްޤީއަށް އެންމެ ބޮޑު އިސްކަމެއް ދިނީ މިސަރުކާރުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރު މުޙައްމަދު އިސްމާޢީލް ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ "މާލެ ޓެކްސީ ލައިން"ގެ ޚިދުމަތް ރަސްމީކޮށް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

މުޙައްމަދު އިސްމާޢީލް ވިދާޅުވީ ވޭތުވެދިޔަ 15 އަހަރުގެ ތެރޭގައި ވެރިކަން ކުރެއްވި ބޭފުޅުންނަށް ވިލިމާލެއަކީ އޮތް ތަނެއްކަން އިހުސާސް ކުރެވިފައި ނުވާ ކަމަށެވެ. ނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު، ވިލިމާލެއަށް ޚާއްޞަ އިސްކަމެއް ދެއްވައި، ރައްޔިތުންނަށް ބޭނުންވާ އަސާސީ އަދި ތަރައްޤީގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ބާރުދުވެލީގައި ކުރިއަށްގެންދަވާކަން އޭނާ ފާހަގަކުރެއްވިއެވެ.

ވިލިމާލޭގެ ތަރައްޤީއަށް ކުރެވެމުންދާ މަސައްކަތްތަކަށް އަލިއަޅުވާލައްވަމުން، އެ އަވަށުގައި އަޅާ 100 އެނދުގެ ހޮސްޕިޓަލުގެ މަސައްކަތް މިހާރު އަމަލީ ގޮތުން ފެށިގެން ކުރިއަށްދާކަން މެންބަރު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، މި ސަރުކާރުން ވިލިމާލޭގެ ކުރިއެރުމަށް ގިނަގުނަ އެހެނިހެން މަޝްރޫޢުތަކެއްވެސް ހިންގަމުންދާކަން އޭނާ ވިދާޅުވިއެވެ.

މެންބަރު ވިދާޅުވީ، މާޒީގެ ޞަފުޙާތަކަށް ބަލާއިރު ފާއިތުވި 15 އަހަރު ވިލިމާލެ އޮތީ އަޅާނުލެވި ކަމަށެވެ. އެހެންނަމަވެސް، މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ވަކި ރަށެއް ތަފާތު ނުކުރުމުގެ ސިޔާސަތުގެ ދަށުން، ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއައްސަވައި، އެންމެ ބޭނުންވާ ކަންކަން ފުއްދައިދިނުމަށް މަގުފަހިކޮށްދެއްވަމުން ގެންދަވާ ކަމަށް ވިދާޅުވިއެވެ.

"ރައީސުލްޖުމްހޫރިއްޔާ ވިލިމާލޭ ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވަޢުދުތައް ވަނީ ފޮތެއްގެ ސިފައިގައި ލިޔެވި، ރައްޔިތުންގެ އަތްމައްޗަށް ފޯރުކޮށްދެވިފައި. އެއީ ހަމައެކަނި ދެއްކެވި ވާހަކަފުޅެއް ނޫން،" މުޙައްމަދު އިސްމާޢީލް ވިދާޅުވިއެވެ.

މެންބަރުގެ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވީ، 2028 ވަނަ އަހަރާ ހަމައަށްދާއިރު، މާޒީގައި ނުފެންނަ ފަދަ ބޮޑެތި ތަރައްޤީގެ މަޝްރޫޢުތައް ނިމި، އޭގެ ފައިދާ ރައްޔިތުންނަށް ފުރިހަމައަށް ލިބިގެންދާނެ ކަމަށެވެ.

މިއަދު އޮންލައިން