ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން އައްޑޫ ސިޓީގައި ކޯލްސެންޓަރުގެ ޚިދުމަތް އަންނަ ޖުލައި މަހުގެ ތެރޭގައި ފެށުމަށް ނިންމައިފިއެވެ. މިއީ އެ އެޖެންސީގެ ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް، ރައްޔިތުންނަށް ފަސޭހަކަމާއެކު މައުލޫމާތު ފޯރުކޮށްދިނުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން ނިންމި ނިންމުމެކެވެ.
އެންސްޕާގެ ސީއީއޯ އާމިނަތު ޝިރުނާ މީސްމީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައި ވިދާޅުވީ، އައްޑޫ ސިޓީގައި ގާއިމުކުރާ މި ކޯލް ސެންޓަރުގެ ޚިދުމަތް ފެށުމާއެކު، އެންސްޕާގެ ކޯލް ސެންޓަރުގެ ޚިދުމަތް ލިބޭ ވަގުތު އިތުރުވެގެންދާނެ ކަމަށެވެ. މީގެ ސަބަބުން ޚިދުމަތް ހޯދާ ފަރާތްތަކަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
އެންސްޕާއިން ފޯރުކޮށްދޭ ތަފާތު މާލީ އެހީތެރިކަމާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދޭ އިނާޔަތްތަކާ ގުޅޭ އެންމެހާ މައުލޫމާތުތައް އެ އެޖެންސީގެ ހޮޓްލައިން ނަންބަރު 1402 އަށް ގުޅައިގެން ސާފުކުރެވޭނެއެވެ. މި ހޮޓްލައިން މެދުވެރިކޮށް މެޑިކަލް ވެލްފެއަރ ނުވަތަ ބޭސްފަރުވާގެ އެހީއާއި ގުޅޭ ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދެވޭނެއެވެ.
މީގެ އިތުރުން، އެކި ބާވަތުގެ މާލީ އެހީތަކަށް އެދި ހުށަހަޅާ ފޯމުތައް ފުރުމުގައި އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެ މަގު ފަހިކޮށްދިނުމާއި، އެންސްޕާގެ ޚިދުމަތްތަކާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތަކާއި ސުވާލުތަކަށް ޖަވާބު ދިނުމުގެ މަސައްކަތްވެސް މި ކޯލް ސެންޓަރު މެދުވެރިކޮށް ކުރިއަށްދާނެއެވެ.
އެންސްޕާގެ ޚިދުމަތްތައް މާލެއިން ބޭރުގައި ފުޅާކުރުމަކީ ސަރުކާރުގެ ސިޔާސަތުގެ ދަށުން ކުރިއަށްދާ މުހިންމު މަސައްކަތެކެވެ. އައްޑޫ ސިޓީގައި މި ޚިދުމަތް ގާއިމުކުރުމުން، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ތިބި ރައްޔިތުންނަށް އެންސްޕާގެ ޚިދުމަތްތަކާ ގުޅޭ މައުލޫމާތު ހޯދުމުގައި މިހާރު ދިމާވާ ދަތިތަކަށް ހައްލެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.