ރަށަކުން އަމިއްލަ ބިމެއް ނުވަތަ ބޯހިޔާވަހިކަމެއް ލިބިފައިވާ މީހުންނަށް ވަގުތުން ރަށްވެހިކަން ބަދަލުކުރެވޭ ގޮތަށް އިސްލާހެއް ހުށަހަޅައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 49ސ
ރަށަކުން އަމިއްލަ ބިމެއް ނުވަތަ ބޯހިޔާވަހިކަމެއް ލިބިފައިވާ މީހުންނަށް ވަގުތުން ރަށްވެހިކަން ބަދަލުކުރެވޭ ގޮތަށް އިސްލާހެއް ހުށަހަޅައިފި

ރަށަކުން އަމިއްލަ ބިމެއް ނުވަތަ ބޯހިޔާވަހިކަމެއް ލިބިފައިވާ މީހުންނަށް، އެ ރަށެއްގައި ފަސް އަހަރު ދިރިއުޅެން ނުޖެހި ވަގުތުން ރަށްވެހިކަން ބަދަލުކުރެވޭނެ ގޮތަށް ދިވެހިރާއްޖޭގެ ރަށެއްގެ ރަށްވެއްސަކަށް ވުމާބެހޭ ޤާނޫނަށް އިސްލާހު ހުށަހަޅައިފިއެވެ. މި ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހިމެވެ.

މިހާރު އަމަލުކުރަމުންދާ ޤާނޫނު އޮންނަ ގޮތުން، މީހަކަށް އެހެން ރަށެއްގެ ރަށްވެހިކަން ބަދަލުކުރެވެނީ އެ ރަށެއްގައި މެދުކެނޑުމެއްނެތި ފަސް އަހަރު ދުވަހު ދިރިއުޅުމަށްފަހުގައެވެ. ނަމަވެސް މެންބަރު މުޙައްމަދު އިބްރާހިމް ހުށަހެޅުއްވި އިސްލާހުގެ މަގުސަދަކީ މި ޝަރުތަށް ބަދަލު ގެނެސް، ރައްޔިތުންނަށް ލުއިފަސޭހަ މަގެއް ފަހިކޮށްދިނުމެވެ.

މި އިސްލާހުގައި ބަޔާންކޮށްފައިވާ ގޮތުގައި، ވަކި ރަށެއްގައި ރަށްވެހިވެފައިވާ މީހަކަށް، ވާރުތައިން ބިން ލިބުމުން ނުވަތަ ގަތުމުން ނުވަތަ ހިބައިން ނުވަތަ ކޯޓު ހުކުމަކުން ބިމެއް ލިބިފައިވާނަމަ ރަށްވެހިކަން ބަދަލުކުރެވޭނެއެވެ. މީގެ އިތުރުން ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢެއްގެ ދަށުން އެހެން ރަށަކުން ބިމެއް، ގެއެއް، ފްލެޓެއް ނުވަތަ ދިރިއުޅުމަށް އެކަށީގެންވާ އެނޫންވެސް ތަނެއްގެ ޤާނޫނީ މިލްކުވެރިކަން ނުވަތަ ޙައްގު ލިބިފައިވާނަމަ، އެ ރަށެއްގެ ރަށްވެއްސަކަށް ވުމަށް އެދި ހުށަހެޅުމުގެ އިޚްތިޔާރު އެމީހަކަށް ލިބިގެންވެއެވެ.

މިގޮތަށް ރަށްވެހިކަން ބަދަލުކުރަން އެދޭ ފަރާތްތަކުން، އެ ރަށަކުން ބޯހިޔާވަހިކަމުގެ ޙައްގެއް ލިބިފައިވާކަން ސާބިތުކޮށްދޭ ރަސްމީ ލިޔެކިޔުންތައް ހުށަހަޅަންޖެހޭނެ ކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ. އަދި އެ ލިޔެކިޔުންތަކުގެ ސައްޙަކަން ކަށަވަރުކުރުމަށްފަހު، އެ މީހަކު އެ ރަށެއްގެ ރަށްވެއްސެއްގެ ގޮތުގައި ރަޖިސްޓްރީ ކޮށްދޭންވާނެ ކަމަށްވެސް އިސްލާހުގައިވެއެވެ.

މި އިސްލާހު ފާސްވެއްޖެނަމަ، އަމިއްލަ ބޯހިޔާވަހިކަން ހުރި ރަށްރަށަށް ރަށްވެހިކަން ބަދަލުކުރުމުގައި މިހާރު ކުރިމަތިވާ ފަސް އަހަރުގެ އިންތިޒާރަށް ނިމުމެއް އަންނާނެއެވެ. މިއީ ގިނަ ރައްޔިތުންނަށް އެމީހުންގެ އަމިއްލަ މިލްކިއްޔާތު ހުރި ރަށްރަށުގައި ރަށްވެހިވެ، ޚިދުމަތްތައް ހޯދުމަށް މަގުފަހިވެގެންދާނެ ބަދަލެކެވެ.

މިއަދު އޮންލައިން