ފަށްކުރުމެއް!: ޒަވާޖީ ޙަޔާތުގައި ޖެހޭ ކުނިބުންޏާއި ހެދޭ ގޯސްތަކަށް ނަބަވީ ފަރުވާއެއް ލިބޭނެ މަގު ނަބިއްޔާ ޞޢވ ގެ ޒަވާޖީ ޙަޔާތްޕުޅުން: 1

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 39ސ
ފަށްކުރުމެއް!: ޒަވާޖީ ޙަޔާތުގައި ޖެހޭ ކުނިބުންޏާއި ހެދޭ ގޯސްތަކަށް ނަބަވީ ފަރުވާއެއް ލިބޭނެ މަގު ނަބިއްޔާ ޞޢވ ގެ ޒަވާޖީ ޙަޔާތްޕުޅުން: 1

މިވާހަކަތައް ތަކުރާރުކޮށްވެސް ގެނެސްދޭންޖެހޭ ސަބަބަކީ އިންސާނާގެ ދުނިޔެއާއި އާޚިރަތް ކާމިޔާބުވުން އޮތީ ޒަވާޖީ ހަޔާތް ރަނގަޅު ގޮތުގައި ދެމެހެއްޓުމުންކަމަށްވާތީއެވެ. ޒަވާޖީ ހަޔާތް ފޭލްވެގެންދަނީ ކުށްކުރެވޭތީއެވެ. ފާފަތައް ކުރެވޭތީއެވެ. ސުންނަތުން ފެންނަން އޮތް ރަނގަޅު ގޮތް ދޫކޮށްލެވޭތީއެވެ. ވީމާ މިއީ ގިނަގިނައިން ވިސްނައި ޢަމަލުކުރަންޖެހިފައިވާ ކަންކަން ކަމަށްވާތީއެވެ.   

މި ސިލްސިލާ ފަށްޓަވަމުން، ޝައިޚް ޒަމްޒަމް ފާރިޝް ވިދާޅުވެފައިވެއެވެ.  

"މިއީ އައްޝައިޙް މުޙައްމަދު ޞާލިޙް އަލްމުނައްޖިދު حفظه الله ލިޔުއްވާފައިވާ ފޮތް “كيف عاملهم صلى الله عليه وسلم” މިފޮތް އަޞްހަލަކަށް ބަލައިގެން ލިޔެފައިވާ މަޢުލޫމާތުކޮޅެކެވެ.  

މި ލިޔުމުގެ ބޭނުމަކީ އަޅުގަނޑާއި ތިޔަ އެންހެމާ އަޚުންގެ ޒަވާޖީ ޙަޔާތުގައި ޖެހޭ ކުނިބުންޏާއި ހެދޭ ގޯސްތަކަށް ނަބަވީ ފަރުވާއެއް ލިބޭނެ މަގެއް ކޮށައިދިނުމެވެ. އަދި އެމަގުގައި ހިނގާ އަޅުގަނޑުމެންގެ ޒަވާޖީ ޙަޔާތަށް ދިރުން ގެނައުމެވެ. އަދި އެ ޙަޔާތުގައި އިންދޭ އޮށްތަކުން ދުޅަހެޔޮ ކުރިތައް ފަޅައި ހެޔޮ ޞިއްޙަތުގެ މަތީގައި އެކުރިތަކުން ގަސްތައް ހެދިބޮޑެތިވުމަށް ރާސްތާ ހެދިގެން ދިއުމެވެ. ދުޢާއަކީ ނިކަމެތި މިއަޅާގެ މިމަސައްކަތް ﷲ ތަޢާލާ ޤަބޫލުކުރައްވައި އަދި ބަރަކާތްލައްވައި މީގެން ދިވެހި މުސްލިމް އުއްމަތައް ފައިދާއާއި މަންފާ މިންވަރު ކުރެއްވުމެވެ". 

الحمد لله رب العالمين ، والصلات والسلام والبركات على رسوله الذي أرسله رحمة للعالمين ، وعلى آله وصحبه ومن استن بسنته إلى يوم الدين. 

ނަބިއްޔާ صلى الله عليه وسلم އެގާރަ ބޭކަނބަލުންނާ ކައިވެނި ބެއްލެވިއެވެ. އެއީ މާތް ﷲ ރުއްސުންލެއްވި ޚަދީޖާ އާއި ޢާއިޝާ އާއި ޙަފްޞާ އާއި ސަޥްދާ އާއި ޒައިނަބު ބިންތު ޖަޙްޝް އާއި ޒައިނަބު ބިންތު ޚުޒައިމާ އާއި ހިންދު (އުއްމު ސަލަމާ) އާއި ރަމްލާ (އުއްމު ޙަބީބާ) އާއި މައިމޫނާ އާއި ޖުވައިރިއާ އާއި ޞަފިއްޔާއެވެ. 

އޭގެ ތެރެއިން ދެ ބޭކަނބަލެއްވަނީ އެކަލޭގެފާނު ދުނިޔޭގައި ހުންނަވަނިކޮށް އަވަހާރަވެފައެވެ. އަދި ބާކީ ނުވަ ބޭކަނބަލުން އަވަހާރަވީ އެކަލޭގެފާނު ދުނިޔެ ދޫކުރެއްވި ފަހުންނެވެ. 

ނަބިއްޔާ صلى الله عليه وسلم ވަނީ އެކަލޭގެފާނުގެ އަނބިއަނބި ކަނބަލުންނާއެކުގައި ވަރަށް އުފާވެރި ޙަޔާތެއް ވޭތުކުރައްވާފައެވެ. އެކަލޭގެފާނު ވަނީ  

﴿وَعَاشِرُوهُنَّ بِالْمَعْرُوفِ﴾ [سورة النساء: 19]،

"އަދި ތިޔަބައިމީހުން އެކަނބަލުންނާ އެކީގައި ހެޔޮގޮތުގައި ދިރިއުޅޭށެވެ".

މި އާޔަތަށް އެންމެ ފުރިހަމައަށް ޢަމަލުފުޅު ކުރައްވައި މިއަޔާތް އޭގެ އެންމެ ފުރިހަމަ ޝާމިލު މާނައިގައި އެކަލޭގެފާނުގެ ޙަޔާތްފުޅުގައި ތަންފީޒުކުރައްވާފައެވެ.  

އެކަލޭގެފާނު ވެވަޑައިގެންނެވީ މީސްތަކުންގެ ތެރެއިން އަނބީންނަށް އެންމެ ހެޔޮ ޞާހިބާކަމުގައެވެ.

އެހެން ނުވާންވީ ކީއްވެތޯއެވެ؟ ފަހެ އެކަލޭގެފާނަކީ ހެޔޮކަމަކަށް އަމުރުފުޅު ކުރައްވައިފިނަމަ އެކަމެއްގައި އެންމެ ކުރިއަރައިވަޑައިގަންނަވާ ފަރާތެވެ. އަދި ނުބައި ކަމެއް މަނާކުރައްވައިފިނަމަ އެކަމަކާ އެންމެ ދުރުގައި ހުންނަވާ ފަރާތެވެ. އެކަލާގެފާނު ހަދީޘްފުޅު ކުރެއްވިއެވެ. 

(خيركم خيركم لأهله، وأنا خيركم لأهلي) [الترمذي 3895] 

މާނައީ: "ތިޔަބައިމީހުންގެ ތެރެއިން އެންމެ ހެޔޮ މީހަކީ އެމީހެއްގެ އަހުލުވެރިންނަށް އެންމެ ހެޔޮ މީހާއެވެ. ފަހެ ތިޔަބައިމީހުންގެ ތެރެއިން އަހުލުވެރީންނަށް އެންމެ ހެޔޮވެގެންވަނީ ތިމަންކަލޭގެފާނެވެ".

ނަބިއްޔާ صلى الله عليه وسلم ވެވަޑައިގެންނެވީ އަނބިއަނބި ކަނބަލުންނާ އެކުގައި ދިރިއުޅުއްވުމުގައި ހެޔޮ އުފާވެރި ޙަޔާތުގެ ފޮނިކަމާއި މީރުކަން ގެނެސްދެއްވި ބޭކަލެއް ކަމުގައެވެ. އެކަލޭގެފާނަކީ، ޒަވާޖީ އަދި ޢާއިލީ ޙަޔާތުގެ ފޮނިކަން އޭގެ ޙަޤީޤީ މާނައިގައި އެކަލޭގެފާނުގެ އަހުލުވެރިންނަށާއި އެކަލޭގެފާނަށް ތަބާވާ ބަޔަކަށް އޭގެ އެންމެ ލާމަސީލު ގޮތުގައި ޢަމަލީގޮތުން ދައްކުވައިދެއްވި ބޭކަލެކެވެ. އަޅުގަނޑުމެންނަކީ އަޅުގަނޑުމެންގެ ދިރިއުޅުމުގައި އެކަލޭގެފާނަށް އިޙްސާންތެރިކަމާއެކު ތަބާވާ ބައެއްކަމުގައި ވާނަމަ، ޢާއިލީ ގޮތުން ކުރިމަތިވާ އެތަކެއް މައްސަލަތަކެއް، އެމައްސަލަތައް ކުރިމަތިވުމުގެކުރިން ސަލާމަތްވެވޭނެއެވެ. އަދި އެމައްސަލަތައް ކުރިމަތިވުމަށް ފަހުގައިވެސް ކާމިޔާބުކަމާއެކީ ޙައްލުވެސް ކުރެވޭނެއެވެ.  

އަދި މިއަދުގެ މުޖުތަމަޢުތަކުން މިފެންނަހާ ޢާއިލީ މައްސަލަތަކެއްވެސް ނުފެންނާނެއެވެ. ފަސޭހަކަމާއެކު ޢާއިލާތައް ރޫޅި، ދަރީންނާއި ގާތްތިމާގެ މީހުންނަށް އޭގެ ނޭދެވޭ އަސަރެއް ނުކުރާނެއެވެ. ޢާއިލާގެ ފަރުދުންގެ މެދުގައި އޮންނަންޖެހޭ އަޅާލުމާއި ކުލުނާއި އޯގާތެރިކަމުން މަޙުރޫމެއް ނުވާނެއެވެ. މިއަދު އަޅުގަނޑުމެންގެ ވަށައިގެން މިފެންނަ ފަދައިން، އަޅުގަނޑުމެންގެ ދަރީން މުޖުތަމަޢުގައި ކުށްތަކަށް އަރައިގަނެ ޖަރީމާތައް ހިންގަމުންނެއް ނޫޅޭނެވެ.  

ނުނިމޭ-  

- ޝައިޚް ޒަމްޒަމް ފާރިޝް

 

މިއަދު އޮންލައިން