އެއީ ޒުވާނެކެވެ. ﷲ ތަޢާލާގެ ވާގިފުޅާއިއެކު އަމިއްލަ މަސައްކަތުން ތަނަވަސްކަން ހޯދައިގެންހުރި ޒުވާނެކެވެ. އޭނާ ފުރަތަމަ ކައިވެނިކުރަން އުޅުނީ އޭނާފަދަ ތަނަވަސް އަންހެނަކާއިއެވެ. ނަމަވެސް އޭނާގެ ކިބައިގައި ހުރި ނުބައި ސިފަތައް އެނގުމުން އޭނާއާއި ކައިވެނިނުކުރަން ނިންމުމުން އަންހެންމީހާ 2،3 ސިޙުރުވެރިން ލައްވައި ޞިޙުރު ހެއްދުވިއެވެ. އޭނާ ދެރަކޮށް ނިކަމެތިކޮށްލުވުމަށެވެ.
ލައްކައިން މިލިއަނުން ޚަރަދުކުރުމުންވެސް ވީއެއްވެސް ކަމެއް ނެތެވެ. ޞިޙުރު ހައްދުވާކަން އޭނާއަށް އެނގުނު ކަމަކަށްވެސް ނުވިއެވެ. އެހެންވެ ރުޅިއައިސް ޞިޙުރުވެރިންނަށް އެއްޗެތި ގޮވުމުން އެންމެންވެސް ބުނީ އެއްވާހަކައެކެވެ. "އަހުރެމެންނަށް ކުރެވެންހުރި ހުރިހާ ކަމެއް ކޮށްފީމެވެ. އެކަމަކު އެއްވެސް ޞިޙުރެއް އޭނާއާއި ހަމައަށް ނުވެސްފޯރިއެވެ. އޭނާގެ ވަށައިގެން ރޫޙާނީ ފާރަވެރިން ތިބޭތީއެވެ."
އެހެންނުވާނީ ކީއްވެގެން ހެއްޔެވެ؟ ޒުވާނެއް ނަމަވެސް އޭނާ ހުންނަނީ ރައްކައުތެރިކަން ލިބިގަންނަން ކުރަންޖެހޭ ހުރިހާ ކަމެއްކޮށްގެންނެވެ. ދީނަށް ޢަމަލުކުރުމުގައި ނަމޫނާ މީހެކެވެ. ތަޤްވާވެރިކަން އެހައިބޮޑެވެ.
އިތުރު ތަފްޞީލް ލިބިލައްވާނެ ލިޔުމެއް!:
ސިޙުރަކީ ޙަޤީޤަތެކެވެ. ކީރިތި ޤުރްއާނަށް އީމާންވެ ޤުރްޢާން ޤަބޫލުކުރާ މީހަކު އެކަމަކަށް ޝައްކެއް ނުކުރާނެއެވެ. ދެން އޮތީ ސިޙުރު ޖެހުމެވެ. ސިޙުރު ޖެހުމަށް ވަކިމީހަކު ނެތެވެ. ކޮންމެ މީހަކަށްވެސް ޖެހިދާނެއެވެ.
މިހެން ބުނި ނަމަވެސް ސިޙުރަށް އެމީހަކާއި ކައިރިނުވެވޭ ބައަކު އެބަތިބިކަމަށް ކާފިރު ސިޙުރުވެރިންވެސް އެބަބުނެއެވެ. ސިއްރަކުންނޫނެވެ. ފައުޅުގައެވެ. މީޑިއާތަކުގެ ކުރިމަތީގައެވެ. އެތަނުން އެންމެ މަޝްހޫރު އެކަކީ ރަސިޔާގެ ސިހުރުވެރި އަންހެނެކެވެ.
އޭނާގެ ބަސް އެއޮތީ އެންމެންނަށް އަޑުއިވޭށެވެ. އޭނާ ބުނެފައިވަނީ ސިޙުރު ޖައްސުވަން އެންމެ އުނދަގޫބައަކީ އިސްލާމް ދީނަށް ޢަމަލުކުރާ މުސްލިމުންނަށް ކަމަށެވެ. ފަރުޟް 5 ނަމާދުކުރާ މުސްލިމުންނަށް ކަމަށެވެ. އެމީހުން ތިބެނީ ޙިމާޔަތްލިބިގެންވާ އެއްޗެއްގެތެރޭގައި ކަމަށެވެ. އެހެންވެ ސިޙުރަށް އޭތި (އެޙިމާޔަތް) ފޫއަޅުވައި ނުލެވެނީ ކަމަށެވެ.
މިވާހަކަ ކުރީގެ ދަރުސެއްގައިވެސް ފާހަގަކުރީމެވެ. ތަކުރާރުކުރަންޖެހެނީ ސިޙުރު ޖެހުމުން ސަލާމަތްވެ ތިބެން ކުރަންހުރި ކަންކަމާއި ބެހޭގޮތުން ސުވާލުކުރަމުން ގެންދާތީއެވެ. ޖަވާބުގައި ބުނަންއޮތީ ފުރަތަމަ ކަމަކަށްވެސް ފަރުޟް 5 ނަމާދުކުރާށެވެ. 2 އިރުކިޔަން ހުރި ޛިކުރުތައް ކިޔަމުން ގެންދާސެވެ. އާޔަތުލްކުރުސި، އިޚްލާޞް، އަލްފަލަޤް، އައްނާސް ސޫރަތް 2 އިރު، 3 ފަހަރު ކިޔަވަމުން ގެންދާށެވެ.
މިވަޤުތު އެބޭކަލެއްގެ ނަންފުޅު ހަނދާނަކަށް ނައެވެ. އެކަމަކު ވިދާޅުވެފައިވާ ބަސްފުޅު ހަނދާނުގައި އެބަހުއްޓެވެ. ތިމަންނާއަށް ނުރައްކަލެއް ކުރިމަތިވީ ހަނދުމަނެތިގެން ޛިކުރުތައް ނުކިޔުނު ދުވަހެއްގެ ޜޭގަނޑުކަމަށެވެ.
ވީމާ ރައްކައުތެރިކަން ހޯދަން ފުރަތަމަ ކުރަންވީ ތިމާކުރަންޖެހޭ ކަންތައްތަކެވެ. ރުޤްޔާކުރާ މީހުންގެ އެހީތެރިކަމަށް އެދިގެން އެމީހުންގެ ޣާތަށްދާންވީ އެއިގެ ފަހުންނެވެ. ތިމާކުރަންޖެހޭ ކަންކަން ކުރަމުންނެވެ.
- މަޢުލޫމާތު: މުފްތީ މެންކުގެ ދަރުސަކުން