ޢާއިޝަތު ރަފާޙް ޢަލީ
ވެރކަން ބަދަލުވާނެއެވެ. ޤާނޫނުތައްވެސް ބަދަލުކުރާނެއެވެ. ނަމަވެސް އަހުރެމެންނަށް ބަދަލުނުކުރެވޭނެ ކަމެއް އެބައޮތެވެ. އެއީ ޤުރްއާނާއި ސުންނަތުގައި ހިފެހެއްޓުމެވެ. ޤުރްއާނާއި ސުންނަތް ދިރުވަން ކުރެވޭ ކޮންމެ ކަމަކަށް އަދި އެމަސައްކަތްކުރާ މީހަކަށް އަހުރެމެން އެންމެ ފުރިހަމަ ގޮތުގައި އެއްބާރުލުންދޭންވާނެއެވެ. މިޙަދީޘޫން އަންގައިދޭ ފިލާވަޅަށް ވިސްނާށެވެ.
ރަސޫލާ ޞައްލަ ﷲ އަލައިހި ވަސައްލަމް ޙަދީޘު ކުރެއްވިއެވެ.
يا رسول الله كأنها موعظة مودِّعٍ فأوصنا، قال «أوصيكم بتقوى الله عز وجل والسمع والطاعة، وإن تأمَّر عليكم عبد، فإنه مَن يَعِشْ منكم فسيرى اختلافًا كثيرًا، فعليكم بسنتي وسنة الخلفاء الراشدين المهديين عَضُّوا عليها بالنواجذ، وإياكم ومحدثات الأمور فإن كل بدعة ضلالة»
މާނައީ: أبي نَجِيح العِرْبَاض بن سارية ރިވާކުރައްވާފައިވެއެވެ. ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ޙަދީޘު ކުރައްވާފައިވެއެވެ.
"ﷲ އަށް ތަޤްވާވެރިވުމަށް ތިޔަބައިމީހުންނަށް ވަޞިއްޔަތް ކުރަމެވެ. އަދި ތިޔަބައިމީހުންގެ ވެރީންނަށް އަޑުއަހައި ކިޔަމަން ވާށެވެ. ތިމަން ނަބިއްޔާއަށް ފަހުގައި ދުނިޔޭގައި ދިރިއުޅޭ މީހާއަށް ވަރަށް ގިނަ ޚިލާފުތައް ފެންނާނެއެވެ. ފަހެ ތިޔަބައިމީހުންނަށް ވަނީ ތިމަންކަލޭގެފާނުގެ ސުންނަތެވެ. އަދި ހިދާޔަތް ލިބިގެންވާ ޚުލަފާއުއްރާޝިދީންގެ ސުންނަތެވެ. އޭގައި ހިފަހައްޓާށެވެ. އަދި ކޮލުދަތްތަކުން އޭގައި ބާރަށް ހިފަހައްޓާށެވެ. އަދި އައު ކަންތަކާމެދު ސަމާލުވެ ތިބޭށެވެ. ފަހެ ހަމަކަށަވަރުން ކޮންމެ އައު ކަމަކީ ބިދުޢައެކެވެ. އަދި ކޮންމެ ބިދުޢައަކީ މަގުފުރެދުމެކެވެ."
ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް މި ޙަދީޘުފުޅުގައި ﷲ އަށް ތަޤްވަވެރިވުމަށް އަމުރުކުރައްވާ، ނަބިއްޔާ ޞައްލަﷲ އަލައިހި ވަަަސައްލަމްގެ ސުންނަތައް ތަބަޢަވުމަށް އަންގަވާފައިވެއެވެ.
އެގޮތުން އަޅުގަނޑުމެންނަށް މިހާރުގެ މުޖުތަމަޢުންވެސް ފެނިގެން ދާގޮތުން ދީނީ އެކި އެކި ޚިލާފުތައް ދަނީ އަންނަމުންނެވެ. އުފެދެމުންނެވެ. އެހެންކަމުން މި ޚިލާފުތަކުން ރައްކާތެރިވުމަށްޓަަކައި ރަނގަޅު މަގު އިޚްތިޔާރު ކުރުމަށް ﷲ ތަޢާލާ އަޅުގަނޑުމެންނަށް އަންގަވާފައިވެއެވެ.
މި ޙަދީޘުން ލިބޭ ފައިދާތައް:
· ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމްގެ ސުންނަތައް ތަބަޢަވުމުގެ މުހިއްމުކަން
· ޚުލަފާއުއްރާޟިދީން ޢަމަލުކުރެއްވި މަގު އިޚްތިޔާރުކޮށް އެބޭކަލުންނަށް ތަބަޢަވުން
· ދީނުގައި އަޅުގަނޑުމެން ދުރުހެލިވާން އަންގަވާފައިވާ ހުރިހާ ކަމަކުން ދުރުހެލިވުން
· ދީނުގެ ތެރެއަށް ވައްދާ އައު ކަންތަައްތަކުން ދުރުހެލިވުމާއި، ކޮންމެ ބިދުޢައަކީ ހަލާކުގެ ތެރެއަށް ދާނެ ކަމެއްކަން
· ފާފައެއް ނުވާ ކޮންމެ ކަމެއްގައާއި ދީނާއި ދުރުހެލިނުވާ ކޮންމެ ކަމެއްގައި ވެރިންނަށް ކިޔަަމަންތެރިވުން
· ހުރިހާ ހާލަތެއްގައިވެސް އަދި ވަގުތެއްގައިވެސް ﷲ ތަޢާލާއަށް ތަޤްވާވެރިވުމުގެ މުހިއްމުކަން
· މިޒަމާނުގައި އިޚްތިލާފުތައް ގިނަވުމުގެ ސަބަބުން އެކަމުގެ ޙައްލަކީ ﷲ ތަޢާލާ އާއި ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް އަޅުގަނޑުމެންނަށް ދައްކައިދެއްވި މަގުކަން