ސިނގިރޭޓުން ނަގާ ޑިއުޓީ ކުޑަކުރުމަށް ހުށަހެޅި އިސްލާހު މުޅި މަޖިލީހުގެ ކޮމިޓީން ފާސްކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 17ސ
ސިނގިރޭޓުން ނަގާ ޑިއުޓީ ކުޑަކުރުމަށް ހުށަހެޅި އިސްލާހު މުޅި މަޖިލީހުގެ ކޮމިޓީން ފާސްކޮށްފި

ސިނގިރޭޓުން ނަގާ އިމްޕޯޓް ޑިއުޓީ ކުޑަކުރުމަށް ސަރުކާރުގެ ފަރާތުން ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓް ގާނޫނަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުގެ މުޅި މަޖިލީހުގެ ކޮމިޓީން މިއަދު ފާސްކޮށްފިއެވެ. ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ކޮމަންޑޫ ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމެވެ.

މި އިސްލާހުގައިވާ ގޮތުން، ގާނޫނުގެ ހަތް ވަނަ މާއްދާގެ ދަށުން ސިނގިރޭޓާއި، ބިޑިއާއި، ހީޓަޑް ޓޮބޭކޯ އުފެއްދުންތައް ނުވަތަ ރޯކުރުމަކާނުލައި ހޫނުކޮށްގެން ބޭނުންކުރެވޭ ގޮތަށް އުފައްދާފައިވާ ދުންފަތުގެ އުފެއްދުންތަކުން ނަގާ ޑިއުޓީ 4 ރުފިޔާއަށް ކުޑަކުރުމަށް ވަނީ ހުށަހަޅާފައެވެ. މީގެ އިތުރުން، ދުންފަތުގެ އިސްތިއުމާލުކުރުމުން ދުރުވުމަށް އެހީތެރިވެދޭ ބާވަތްތައް ކަމަށްވާ ނިކޮޓިން ޗުއިންގަމާއި، ނިކޮޓިން ޕެޗް ފަދަ ތަކެތިން ނަގާ ޑިއުޓީ އެއްކޮށް ކަނޑާލުމަށް ވެސް ސަރުކާރުން ވަނީ ނިންމާފައެވެ.

ބިލު ދިރާސާކުރުމަށް ފޮނުވުމުން މުޅި މަޖިލީހުގެ ކޮމިޓީން ނިންމާފައިވަނީ ބިލަށް އެއްވެސް އިތުރު އިސްލާހެއް ނުގެނެސް، ސަރުކާރުން ހުށަހެޅި ގޮތަށް ބިލު ފާސްކުރުމަށެވެ. މި ނިންމުމަށް ކޮމިޓީގައި ބައިވެރިވެވަޑައިގެންނެވި 69 މެންބަރުން ވަނީ ވޯޓު ދެއްވާފައެވެ.

ރާއްޖެ އެތެރެކުރާ ސިނގިރޭޓުން ނަގާ އިމްޕޯޓް ޑިއުޓީ 50 އިންސައްތަ ކުޑަކުރުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ލަފާދީފައިވާ ކަމަށް ސަރުކާރުން މީގެ ކުރިން ވަނީ ހާމަކޮށްފައެވެ. މިދިޔަ މެއި މަހުގެ ތެރޭގައި ސަރުކާރުން ބުނެފައިވަނީ މިކަމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުމަށްފަހު ގޮތްތަކެއް ނިންމާނެ ކަމަށެވެ.

މިއަދު އޮންލައިން