ޑީބީއެމްގެ ހިއްސާ ޖޭޕީ މޯގަންއަށް ވިއްކާލި ކަމަށް ދެކެވޭ ވާހަކަތައް ރައީސް ދޮގުކުރައްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 24ސ
ޑީބީއެމްގެ ހިއްސާ ޖޭޕީ މޯގަންއަށް ވިއްކާލި ކަމަށް ދެކެވޭ ވާހަކަތައް ރައީސް ދޮގުކުރައްވައިފި

ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް (ޑީބީއެމް) ގެ ހިއްސާ އެމެރިކާގެ ބޮޑު ބޭންކެއް ކަމަށްވާ ޖޭޕީ މޯގަންއަށް ވިއްކާލާފައިވާ ކަމަށް ދެކެވޭ ވާހަކަތައް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު މިއަދު ދޮގުކުރައްވައިފިއެވެ.

މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، މިފަދަ ދޮގު ވާހަކަތަކާއި ގޮސިޕް ފެތުރެމުންދާއިރު، ނޫސްވެރިން އެކަންކަން ސާފުކުރުމަށް ސުވާލުކުރާތީ އެކަމާ އުފާކުރައްވާ ކަމަށެވެ. ޑީބީއެމްގެ ހިއްސާ ވިއްކާލި ކަމަށް ދެކެވޭ ވާހަކަތަކަކީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން، ރަސްމާލެއިން ޔޫއޭއީގެ ކުންފުންޏަކަށް ބިން ދޭން އުޅޭ ކަމަށް ދެކެވޭ ވާހަކައަކީ ވެސް އެއްވެސް ހަގީގަތެއް ނެތް ވާހަކައެއް ކަމަށް ރައީސް މުޢިއްޒު ފާހަގަކުރެއްވިއެވެ. މިފަދަ އަސާސެއް ނެތް ވާހަކަތައް ފަތުރަމުންދާ ދަނޑިވަޅެއްގައި ސަރުކާރުގެ ސިޔާސަތުތައް ސާފުކޮށްދެއްވުމަށް ރައީސް ވަނީ އިސްކަންދެއްވާފައެވެ.

ޑިވެލޮޕްމަންޓް ބޭންކަކީ ރާއްޖޭގެ އިގްތިޞާދީ އަދި އުމްރާނީ ތަރައްގީއަށް އިންވެސްޓުކުރުމަށް ސަރުކާރުން ހާއްސަކޮށް އުފެއްދި މުއައްސަސާއެކެވެ. މި ބޭންކުގެ މަގްސަދަކީ ރާއްޖޭގައި ހިންގާ ބޮޑެތި މަޝްރޫއުތަކަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމެވެ.

ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ރަސްމީކޮށް ހުޅުވާފައިވަނީ 16 ނޮވެމްބަރު 2024 ގައެވެ. މި ބޭންކަކީ ރާއްޖޭގެ މާލީ ދާއިރާ ހަރުދަނާކޮށް، އިގްތިޞާދު ސިންދަފާތު ކުރުމަށް ސަރުކާރުން އަޅާފައިވާ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ބެލެވެއެވެ.

މިއަދު އޮންލައިން