ދުނިޔޭގެ ފެންވަރުން އެންމެ މަތީ ވަނަތަށް ލިބޭ ދަރިވަރުންގެ ޢަދަދުއިތުރުވިޔަސް އަޚްލާޤީ ގޮތުން ދަރިވަރުން ކުރިނުއެރުވޭނަމަ ކުރާނެ ފައިދާއެއް ނެތް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 5މ 14ސ
ދުނިޔޭގެ ފެންވަރުން އެންމެ މަތީ ވަނަތަށް ލިބޭ ދަރިވަރުންގެ ޢަދަދުއިތުރުވިޔަސް އަޚްލާޤީ ގޮތުން ދަރިވަރުން ކުރިނުއެރުވޭނަމަ ކުރާނެ ފައިދާއެއް ނެތް!

ފަހަކަށް އައިސް ބާއްވަމުންގެންދާ އިނާމުދިނުމުގެ ރަސްމިއްޔާތުތަކަށްބަލާއިރު

ދުނިޔޭގެ ފެންވަރުންވެސް މަތީ ވަނަތައް ޙާޞިލުކުރާ ދަރިވަރުންގެ ޢަދަދު ގިނަވަމުން އަންނަކަން ފާހަގަކުރެވެއެވެ. އެއީވެސް އުފާކުރަންޖެހޭ ކަމެކެވެ. ނަމަވެސް މިކާމިޔާބީގެ ޙަޤީޤީ އުފާވެރިކަން ދަރިވަރުންނަށްވެސް، ބެލެނިވެރިންނަށްވެސް އަދި މުޖުތަމަޢުއަށްވެސް ލިބެންއޮތީ ސްކޫލްތަކުން ކިޔަވައިގެން ނުކުންނަ ދަރިބްރުންގެ ތެރޭގައި ރަނގަޅު އަޚްލާޤެއްހުރި ދަރިވަރުންގެ ޢަދަދު ގިނަވުމުންނެވެ. މިކަމަށް ދެބަސްވެވޭކަށް ނެތެވެ.  

ކުރިން  މިބުނިފަދައިން ޢިލްމީ ގޮތުން ދަރިވަރުންތައް ކުރިއަރައިގެންގޮސް ދުނިޔޭގެ ރަންވަނަތައް ހޯދަމުން އަންނާތީ  ފަޚުރުވެރިވެ އަތްއުރާލައިގެން ތިއްބައި އަޚްލާޤް ނުވަތަ ސުލޫކް ހީނަރުވަމުން އައިސް ނެތިގެން ހިނގައިދާނެކަމުގެ ބިރު މިވަނީ އުފެދިފައެވެ. އެކަމުގެ ނޭދެވޭ އަސަރު މުޖުތަމަޢުން އަންނަނީ ފެންނަމުންނެވެ.  

ވަކިކަމަކުން ނޫނެވެ. ހުރިހާ ކަންކަމުގައެވެ. މަގުމަތީގައި އެކްނަޏެއް ނޫނެވެ. ގޭތެރޭގައާއި ޢާއިލީ ކަންކަމުގައިވެސްމެއެވެ. މަސައްކަތުގެ މާޙައުލުގައެވެ. ކުރާ މަސައްކަތުގައެވެ. ޢާއިލީ ދިރިއުޅުމުގައިވެސްމެއެވެ.  

އެހެންކަމަށްވާއިރު އަޚްލާޤް ނުވަތަ ސުލޫކަކީ ހަމައެކަނި ޢަރަބިއްޔާ ސްކޫލުގައި ސަމާލުކަންދޭ ކަމަކަށް ހަދައިގެން ތިބެވޭކަށް ނެތެއް ނޫންތޯއެވެ؟ 

ތިރީގައިވާ ލިޔުމުން ރިވެތި އަޚްލާޤްގެ ފައިދާ ޤިޔާމަތް ދުވަހު ކުރާނެ މިންވަރުވެސް އެނގިލައްވާނެއެވެ. އިން ޝާ ﷲ 

އިސްލާމްދީނަކީ ޝާމިލު ދީނެކެވެ. މި ދީނުގައި އޮންނަނީ ހަމައެކަނި އަޅުކަން ކުރުމެއް ނޫނެވެ. އަޚްލާޤިއްޔާތާއި އިޖުތިމާޢީ ގުޅުމާއި މުޢާމަލާތުގެ ބަޔަކީ ވެސް މި ދީނުގެ ވަރަށް މާތް މަތިވެރި ޤަދަރެއް ދެވިފައި ވާ ޢުންޞުރުތަކެކެވެ.

އިސްލާމްދީނުގެ ރިސާލަތުގެ މަތިވެރި ޒިންމާ، މާތް ނަބިއްޔާ صلى الله عليه وسلم އާ ހަވާލުކުރެއްވުމުގެ ކުރީން ވެސް، އެކަލޭގެފާނަކީ ޤުރައިޝުންގެ ތެރޭގައި ހުންނެވި، އެންމެ މަތިވެރި އަޚްލާޤުގެ ވެރިޔާއެވެ. ދޭދޭ މުޢާމަލާތްތަކުގައި ވަފާތެރިކަމާއި ތެދުވެރިކަމުގެ އެންމެ ފުރިހަމަ ނަމޫނާއެވެ. އެކަލޭގެފާނަށް އަލްއަމީނުގެ ލަޤަބު އެބައިމީހުން ދިނެވެ. އަދި އެކަލޭގެފާނަކީ، އިންސާނިއްޔަތު ދުށް އެންމެ ތެދުވެރި އިންސާނާ ކަމަށް އެބައިމީހުން އެއްބަސްވިއެވެ. އެކަލޭގެފާނަކީ ރީތި އަޚްލާޤުގެ ދަންމަރެވެ.

ކީރިތި މާތް ނަބިއްޔާ صلى الله عليه وسلم އާ ބެހޭ ގޮތުން މާތް ﷲ ކީރިތި ޤުރުއާނުގައި ވަޙީކުރައްވައިފައިވެއެވެ. وَإِنَّكَ لَعَلَىٰ خُلُقٍ عَظِيمٍ القلم: ٤ މާނައީ: " އަދި ހަމަކަށަވަރުން، ކަލޭގެފާނު ވަނީ މާތްވެގެންވާ ޚުލްޤުފުޅެއްގެ މަތީގައިކަން ކަށަވަރެވެ." މައްކާގައި އެކަލޭގެފާނު ހޭދަކުރެއްވި 13 އަހަރުގައި އެކަލޭގެފާނު ގޮވައިލައްވަމުން ގެންދެވީ ދެ ކަމަކަށެވެ. މާތް ﷲ އެއްކައުވަންތަކޮށް އަޅުކަން ކުރުމަށާއި، އަޚްލާޤު ރަނގަޅު ކުރުމަށެވެ. އެކަލޭގެފާނު ޙަދީޘް ކުރައްވައިފައިވަނީ، " إِنِّي بُعِثْتُ لِأُتَمِّمَ مَكَارِمَ الأَخْلاَقِ" (البيهي) "ތިމަންކަލޭގެފާނު ފޮނުއްވުނީ ރިވެތި އަޚްލާޤު ފުރިހަމަ ކޮށްދެއްވުމަށް ޓަކައެވެ." 

މަތިވެރި އަޚްލާޤުގެ ވެރިޔާ ޤިޔާމަތް ދުވަހުން ވާހުށީ އެކަލޭގެފާނާ އެކުގައި ކަމަށް ބަޔާންކުރައްވައި ޙަދީޘް ކުރައްވައިފައިވަނީ " إنَّ مِن أحبِّكم إليَّ وأقربِكُم منِّي مجلسًا يومَ القيامةِ أحاسنَكُم أخلاقًا"  (الترمذي) "ތިޔަބައިމީހުންގެ ކުރެ ޤިޔާމަތްދުވަހުން ތިމަންކަލޭގެފާނަށް އެންމެ ލޮބުވެތި އަދި ތިމަންކަލޭގެފާނާ އެންމެ ގާތްވެގެންވާނޭ މީހަކީ އަޚްލާޤުގެ ގޮތުން އެންމެ ފުރިހަމަ މީހާއެވެ."  

ދީނުގައި އަޅުކަމުގެ ބަޔަކީ އެންމެ މުހިންމު ބައި ކަމާ މެދު ޝައްކެއް ނެތެވެ. ހަމަ އެފަދައިން ހުސްނުލް ޚުލްޤަކީ (ރިވެތި އަޚްލާޤަކީ) ބޭރުފުށުން ކުރާ އަޅުކަމުގައި ފޮރުވިފައިވާ ގަހަނާއޭ ވެސް ދެންނެވިދާނެއެވެ. އެއީ ތިމާގެ ރޫޙާ ގުޅިފައިވާ ކަންކަމެވެ. ރޫޙުގެ ޠާހިރުކަން ކަށަވަރުކޮށްދޭ ކަންކަމެވެ. މާތް ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރައްވައިފައިވެއެވެ. " ((إن المؤمنَ لَيُدركُ بحُسن الخُلق درجةَ الصائمِ القائم)). رواه أبو داود وأحمد وصححه الألباني މާނައީ: " މުއުމިނު އަޅާ، އޭނާގެ ރީތި އަޚްލާޤުން ރޯދަވެރީންނާއި ރޭއަޅުކަންކުރާ އަޅުވެރީންގެ ދަރަޖައަށް ފޯރާހުށިކަމެވެ."  

ނަމަވެސް ހިތާމައަކީ، އަޅުގަނޑުމެންގެ ތެރެއިން އަޚްލާޤީ ރީތި ސިފަތައް ނެތެމުންދާ ކަމެވެ. ބަރާބަރަށް ނަމާދުކޮށް، ސުންނަތްތަކަށް އަހައްމިއްޔަތުކަން ދޭ މުސްލިމް ބައެއް އަޚުންނާއި އުޚުތުންގެ ކިބައިން ވެސް އަޚްލާޤުގެ މަތިވެރި ސިފަތަކަށް ފަރުވާ ކުޑަކުރެވޭ ތަން ފެނިގެންދާކަމެވެ. އެހެންނަމަވެސް، އަޅުކަމާ އެއްވަރަށް އަޚްލާޤީ ރީތި ސިފަތައް ނަފްސުގައި އަށަގެންނެވުމަކީ ނުހަނު ބޭނުންތެރި ކަމެކެވެ.  

ދުޢާއަކީ، އަޅުގަނޑުމެންނަކީ އަޅުކަމުގެ ކަންތައްތަކާ އެއްވަރަށް އަޚްލާޤީ މާތް ސިފަތަކުން ވެސް ޒީނަތްތެރިވެފައިވާ ބަޔަކު ކަމުގައި ލައްވައި، ސުވަރުގޭގައި މާތް ނަބިއްޔާ صلى الله عليه وسلم އާ އެންމެ ގާތުގައިވާ ބަޔަކު ކަމުގައި ލެއްވުމެވެ. 

--ޝައިޚް ޝަފީޢު ޢަބްދުﷲ

 

 

 

 

 

 

މިއަދު އޮންލައިން