ޓެސްޓްތަކުން ރަނގަޅު ނަތީޖާ ހޯދާ ކުދިންގެ ތެރޭގަ ދަރިންގެ ކިޔެވުމާ ބައްޕަ އަޅައިލާ ކުދިން ގިނަ! އަޅާނުލައިފަ ދަށްވީމާ ރުޅިއައުމަކުން ކުރާނެ ފައިދާއެއް ނެތް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 51ސ
ޓެސްޓްތަކުން ރަނގަޅު ނަތީޖާ ހޯދާ ކުދިންގެ ތެރޭގަ ދަރިންގެ ކިޔެވުމާ ބައްޕަ އަޅައިލާ ކުދިން ގިނަ! އަޅާނުލައިފަ ދަށްވީމާ ރުޅިއައުމަކުން ކުރާނެ ފައިދާއެއް ނެތް!

ދަރިންގެ ފޮތްތައް މައިންބަފައިން ބަލައި ޗެކްކުރުމުގެ ވާހަކަ ދެއްކުމުން މައިންބަފައިންނަކީ ކިޔަވައިގެން ތިބި ބައެއް ނޫންނަމަ ފޮތްތައް ބަލައިގެން ކުރާނީ ކޮންފައިދާއެއްތޯ އެބަ ސުވާލުކުރެއެވެ.

އެފަދަ މީހުންނަށް ބުނެލަން ބޭނުމީ ފޮތުގައި މުދައްރިސުން ލާފައި ހުންނަ ފާހަގަތައް ބެލިނަމަވެސް ދަރިފުޅުގެ މަސައްކަތް ހުރިގޮތް އެނގޭނެއެވެ. އަދި ޝައްކުވާނަމަ ޓީޗަރާ މަޝްވަރާކުރުމުން ވަރަށް ރަނގަޅަށް އެނގޭނެއެވެ.  

ދެން މިއެނބުރިލަނީ އިމްތިޙާނުތަކަށް ކުދިން ތައްޔާރުކުރުވުމުގެ ވާހަކައަށެވެ. ރަނގަލު ނަތީޖާ ލިބުމުގައި ބައްޕަގެ ދައުރުގެ މައްޗަށެވެ.  

އަހުރެން ހަނދާން ހުންނަން ފެށީންސުރެ އިމްތިޙާނެއް ގާތްވަމުން އައިސް މަސްދުވަހަށް ގާތްވުމުން މަންމަ ގެއިން ބޭރަކަށް ނުދާނެއެވެ. މިބުނަނީ އެކުވެރިންނާއި އެކުގައި އަދި ޢާއިލާގެ މީހުްނނާއި ބައްދަލުކުރަންވެސް ނުދާވާހަކައެވެ. އަބަދު އިންނަނީ ގޭގައެވެ. މަންމަ އެގޮތަށް ގޭގައި ފެންނަން އިނުން ވެގެންދަނީ ފިލާވަޅުތައް ދަސްކުރަން އިތުރަށް މަސައްކަތްކުރަން ލިބޭ ބާރަކަށެވެ.  

ނަމަވެސް މިއަދު އަދި އެވަރަކުން ފުއްދައިލެވޭކަށް ނެތެވެ. ވަޤުތުވާވަރަކުން ބައްޕަވެސް ގޭގައި މަޑުކުރަން އެބަޖެހެއެވެ. ދަރިންގެ ކުރިމަތީގައި އިންނަން އެބަޖެހެވެ. ދިރިއުޅެން ކޮންމެހެން ކުރަންޖެހޭ ކަންކަން ނޫން އެހެން ކަންކަން ދޫކޮށްލައި ދަރިންގެ ކަންކަމަށް ސަމާލުކަންދޭންއެބަޖެހެއެވެ. 

މަންމަ ޢާއި ބައްޕަ ގޭގައި މަޑުކުރަންވީ ދަރިންނަށް ކިޔަވައިދެވޭނެ ނުވަތަ ފިލާވަޅު ދަސްކޮށްދޭނެ ފެންވަރު ހުންނާތީއެއްވެސް ނޫނެވެ. ދަރިންނަށް ފިލާވަޅުދަސްކުރަން ހިތްވަރު ދިނުމަށެވެ. މަންމަ އެކަނި އަބަދު ގޭގައި އިންނަނަމަ ދަރިންނަށް ވިސްނޭނީ ކިޔެވުމަށް ބާރުއަޅަނީ ހަމައެކަނި މަންމަ ކަމަށެވެ. ނަމަވެސް ބައްޕަ އާއި މަންމަ އެކުގައި ފެންނަނަމަ ދަރިންނަށްވިސްނޭ ގޮތް ވަރަށް ބޮޑަށް ތަފާތުވާނެއެވެ.  

މިކަންކަމަކީ ދަރިން ހޯދާ ނަތީޖާއިން ވަރަށް ރަނގަޅަށް އެގޭ އަދި ތަޖުރިބާކުރެވެމުން އަންނަ ކަންކަމެވެ. ނަމަވެސް ވިސްނައިލަނީ މަދު ބެލެނިވެރިއެކެވެ. ޚާއްޞަކޮށް ގިނަ ބައްޕައިންނަށް ވިސްނިފައި އޮންނަނީ ކުރަންޖެހޭ ޚަރަދުތައްކޮށްދީފައި މަންމަ ގޭގައި ބެއިންދުމުން އެއޮތީ ހުރިހާ ކަމެއް ކުރެވި ނިމިފައި ކަމަށެވެ. ނަމަވެސް އެއީ މުޅިން ނުބައި ވިސްނުމެވެ. ކަމުގެ ޙަޤީޤަތް އޮތް ގޮތް މިހާމަކުރީއެވެ.

 

- އަލަފް / މިއަދުނޫސް

މިއަދު އޮންލައިން