ރަސްމާލެ ތަރައްޤީކުރުމުގެ ބިޔަ މަޝްރޫޢުގެ މާސްޓަރ ޕްލޭން އެކުލަވާލުމަށް ބޭނުންވާ ކޮންސަލްޓަންސީ ސަރވިސް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބިނާރާއި ގެދޮރުވެރިކަމާ ޢުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން އިޢުލާނުކޮށްފިއެވެ. މި މަޝްރޫޢަކީ މާލެ ސަރަޙައްދުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯދައިދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ އެންމެ ބޮޑު ތަޞައްވުރެވެ.
ރަސްމާލެ ތަރައްޤީކުރުމަށްޓަކައި ޖުމްލަ 1010 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. މި މަސައްކަތަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތްތައް ބާރުސްޕީޑުގައި ކުރިއަށްދާއިރު، މިހާތަނަށް 500 ހެކްޓަރަށްވުރެ ބޮޑު ސަރަޙައްދެއް ހިއްކާ ނިމިފައިވާކަމަށް ސަރުކާރުގެ ހިސާބުތަކުން ދައްކައެވެ.
މި މަޝްރޫޢުގެ ދުރުރާސްތާ އަމާޒަކީ ކުރިއަށް އޮތް 20 އަހަރު ދުވަހުގެ ތެރޭގައި 200,000 ހައުސިން ޔުނިޓްގެ ބޯހިޔާވަހިކަމުގެ ފުރުޞަތު އެ ބިމުން ތަނަވަސްކޮށްދިނުމެވެ. މިއީ ރާއްޖޭގެ ތާރީޚުގައިވެސް ހިންގޭ އެންމެ ބޮޑު ބޯހިޔާވަހިކަމުގެ މަޝްރޫޢުކަން ފާހަގަކުރެވެއެވެ.
ރަސްމާލެ ތަރައްޤީކުރުމުގައި ރާއްޖޭގެ މޫސުމާއި ތިމާވެއްޓަށް ވަރަށް ބޮޑަށް ރިއާޔަތްކުރެވިފައިވެއެވެ. މިގޮތުން މިއީ ތިމާވެއްޓާ ރައްޓެހި 'އީކޯ-ސިޓީ' އެއްގެ ގޮތުގައި ތަރައްޤީކުރާ ތަނެކެވެ. ރަސްމާލެއަށް ކަރަންޓު ފޯރުކޮށްދިނުމަށް ނިންމާފައިވަނީ އިޢާދަކުރަނިވި ހަކަތައިގެ ވަސީލަތްތައް ބޭނުންކޮށްގެންނެވެ.
މީގެ އިތުރުން، ތިމާވެށީގެ އެކި މައްސަލަތަކާއި ކާރިސާތަކުގެ ހިރާސްތައް ކުޑަވާނެހެން، ހަރުދަނާ ވަސީލަތްތައް ޤާއިމުކުރުމަށްވެސް ސަރުކާރުން ވަނީ ނިންމާފައެވެ. މި މާސްޓަރ ޕްލޭން އެކުލަވާލުމަށް ހުޅުވާލި ފުރުޞަތާއެކު، މަޝްރޫޢުގެ ޢަމަލީ މަސައްކަތްތައް އިތުރަށް ހަލުވިވެގެންދާނެ ކަމަށް ބެލެވެއެވެ.