މި އަހަރުގެ މޭ މަހުގެ ތެރޭގައި މުދަލު ޒަކާތުގެ ގޮތުގައި ޒަކާތު ފަންޑަށް 7.59 މިލިއަން ރުފިޔާ ބަލައިގަނެފައިވާ ކަމަށް މޯލްޑިވްސް ޒަކާތު ހައުސްގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިއީ މިދިޔަ އަހަރުގެ މޭ މަހާ އަޅާބަލާއިރު 75.3 އިންސައްތައިގެ ބޮޑު ކުރިއެރުމެކެވެ.
ޒަކާތު ހައުސްއިން އާންމުކޮށްފައިވާ ހިސާބުތަކަށް ބަލާއިރު، މިދިޔަ މޭ މަހު މުދަލު ޒަކާތުގެ ގޮތުގައި ޖުމުލަ 7,587,956.14 ރުފިޔާ ބަލައިގަނެފައިވެއެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބިފައިވަނީ 4.33 މިލިއަން ރުފިޔާއެވެ. ޒަކާތް ދެއްކި މިންވަރު މިހާ ބޮޑަށް އިތުރުވުމަކީ ޒަކާތުގެ މުހިންމުކަމާއި، ރަސްމީ ނިޒާމުގެ ތެރެއިން ޒަކާތް ދެއްކުމަށް އާންމުން ހޭލުންތެރިވަމުންދާކަން ހާމަކޮށްދޭ ކަމެއް ކަމަށް އެ އިދާރާއިން ފާހަގަކުރެއެވެ.
މޭ މަހުގެ ތެރޭގައި ޒަކާތު ފަންޑުން އެކި އެހީތަކަށާއި މަޝްރޫއުތަކަށް ޖުމުލަ 2.68 މިލިއަން ރުފިޔާ ދޫކޮށްފައިވެއެވެ. މީގެ ތެރެއިން އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ފަގީރުންނާއި މިސްކީނުންގެ ބަޔަށެވެ. އެގޮތުން އެ ބަޔަށް 1,483,960.50 ރުފިޔާ ދޫކޮށްފައިވާއިރު، އޭގެ ތެރެއިން 1.45 މިލިއަން ރުފިޔާ ހޭދަކޮށްފައިވަނީ ބޭސްފަރުވާގެ އެހީއަށެވެ. އަދި ޒަރޫރީ ބޭނުންތައް ފުއްދުމަށް ދަތިވެފައިވާ ފަރާތްތަކަށް 31,000 ރުފިޔާ ދޫކޮށްފައިވެއެވެ.
ތައުލީމީ، ދީނީ އަދި އިލްމީ މަސައްކަތްތަކަށް ފީސަބީލިﷲ ބައިން ޖުމުލަ 1,037,236.42 ރުފިޔާ ހޭދަކޮށްފައިވެއެވެ. މީގެ ތެރޭގައި ގުރުއާން ހިތުދަސްކުރުމުގެ ޕްރޮގްރާމްތަކަށާއި ގުރުއާނުގެ އިލްމު ފެތުރުމަށް 7.5 ލައްކައަށްވުރެ ގިނަ ރުފިޔާ ހޭދަކޮށްފައިވެއެވެ. މީގެ އިތުރުން އިސްލާމީ ފޮތްތައް ތަރުޖަމާކުރުމަށާއި މަތީ ތައުލީމަށް އެހީތެރިވުމަށްވެސް މި ބައިން ފައިސާ ދޫކޮށްފައިވެއެވެ.
ޒަކާތު ހައުސްއިން ބުނި ގޮތުގައި މި މަސައްކަތްތަކަކީ އިސްލާމީ އިލްމު ކުރިއެރުވުމަށާއި، ދީނީ މައުލޫމާތު އާންމުންނަށް ފަސޭހައިން ލިބޭނެ މަގު ފަހިކޮށްދިނުމަށް ކުރެވޭ މުހިންމު މަސައްކަތްތަކެކެވެ.