މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯގައި ޒަކާތާ ގުޅޭ ހަތަރު ފޮތެއް ނެރެފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 59ސ
މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯގައި ޒަކާތާ ގުޅޭ ހަތަރު ފޮތެއް ނެރެފި

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމް.އެމް.އޭ) އިން އިންތިޒާމުކޮށްގެން ބާއްވާ މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ 2026 ހުޅުވުމުގެ ރަސްމިއްޔާތުގައި، ޒަކާތާ ގުޅޭ ހަތަރު ފޮތެއް މޯލްޑިވްސް ޒަކާތު ހައުސްއިން މިއަދު ނެރެފިއެވެ. މި އެކްސްޕޯ ރަސްމީކޮށް އިފްތިތާޙްކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.

މިއަދުގެ ރަސްމިއްޔާތުގައި ނެރުނު ހަތަރު ފޮތަކީ "ޒަކާތާއި އަޤީދާ"، "ޒަކާތާއި ޞަދަޤާތްދިނުމާމެދު ބާރުއަޅުއްވާފައިވާ މިންވަރު"، "ޒަކާތާއި ޞަދަޤާތްދިނުމާ ގުޅޭ އަދަބުތަކާއި ޞަދަޤާތްދީއުޅޭ މީހުންގެ ސިފަތައް" އަދި "ޒަކާތުގެ ޙުކުމްތަކުގެ ޚުލާޞާ" އެވެ. ރައީސުލްޖުމްހޫރިއްޔާ، އެކްސްޕޯގެ މޯލްޑިވްސް ޒަކާތު ހައުސްގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ޒަކާތު ހައުސްގެ ޑައިރެކްޓަރ ޖެނެރަލް އައްޝައިޚް އިމްތިޠާއު ޢައްބާސް ވަނީ މި ފޮތްތައް އެމަނިކުފާނަށް އަރުވައިފައެވެ.

މީގެ އިތުރުން، "ޒަކާތް ބަލައިގަތުމާއި ބެހުމުގެ ޝަރުޢީ އުޞޫލުތަކާއި މިންގަނޑުތައް" މި ފޮތުގެ ދިވެހި އަދި އިނގިރޭސި އެޑިޝަން ވެސް ރައީސުލްޖުމްހޫރިއްޔާއަށް ވަނީ އަރުވައިފައެވެ. މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ 2026 ކުރިއަށްދާނީ ޖުލައި 2 އިން 4 އަށް، ކޮންމެ ދުވަހަކު މެންދުރުފަހު 3:00 އިން ރޭގަނޑު 10:00 އަށް، ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ.

އެކްސްޕޯ ކުރިއަށްދާ މުއްދަތުގައި ޒަކާތު ހައުސްގެ ސްޓޯލުން ތަފާތު ގިނަ ހަރަކާތްތަކެއް ކުރިއަށްދާނެއެވެ. އޭގެ ތެރޭގައި ދީނީ ޢިލްމުވެރިންނާއެކު ކުރިއަށްގެންދާ ޒަކާތާ ގުޅޭ ސުވާލާއި ޖަވާބު ސެޝަންތަކާއި، ޒަކާތު ހައުސްގެ މަޝްރޫޢުތަކާ ބެހޭ މަޢުލޫމާތު ދިނުމުގެ އިތުރުން، މިހާރު ހުޅުވާލެވިފައިވާ ޒަކާތު ސްކޮލަރޝިޕް ޕްރޮގްރާމާ ބެހޭ މަޢުލޫމާތު ދިނުމާއި ފޯމު ދޫކުރުން ހިމެނެއެވެ.

އާންމުންނަށް ހުޅުވާލައިގެން ކުރިއަށްގެންދާ ޒަކާތު ކުއިޒް ޕްރޮގްރާމުގައި ބައިވެރިވެގެން ކޮންމެ ދުވަހަކު ފައިސާގެ އިނާމު ހޯދުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. އަދި ހުރިހާ ބައިވެރިންގެ މެދުގައި އެކްސްޕޯ ނިމުމުން ނެގޭ ގްރޭންޑް ޕްރައިޒް ގުރުއަތުގައި ބައިވެރިވުމުގެ ފުރުޞަތު ވެސް ލިބޭނެއެވެ. މީގެ އިތުރުން ޒަކާތާ ގުޅޭ ހިލޭ ފޮތްތަކާއި މަޢުލޫމާތު ކަރުދާސްތައް ވެސް އެ ސްޓޯލުން ލިބެން ހުންނާނެ ކަމަށް ޒަކާތު ހައުސްއިން މަޢުލޫމާތުދެއެވެ.

މިއަދު އޮންލައިން