71 ރަށެއްގައި އައުޓްޑޯ ޖިމް ފެސިލިޓީ ގާއިމުކުރުމަށް ބޭނުންވާ ސާމާނު ފޮނުވަން ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 21ސ
71 ރަށެއްގައި އައުޓްޑޯ ޖިމް ފެސިލިޓީ ގާއިމުކުރުމަށް ބޭނުންވާ ސާމާނު ފޮނުވަން ފަށައިފި

ރާއްޖޭގެ 71 ރަށެއްގައި އައުޓްޑޯ ޖިމް ފެސިލިޓީ ގާއިމުކުރުމަށް ބޭނުންވާ ސާމާނު، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އެ ރަށްތަކަށް ފޮނުވަން ފަށައިފިއެވެ. މިއީ ސަރުކާރުން ރަށްރަށުގެ ކުޅިވަރާއި ދުޅަހެޔޮކަން އިތުރުކުރުމަށް ކުރިއަށްގެންދާ މަޝްރޫއުތަކުގެ ތެރެއިން ކުރެވޭ މުހިންމު މަސައްކަތެކެވެ.

2026 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އައުޓްޑޯ ޖިމްތައް ގާއިމުކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ. މި ވަޢުދު ފުއްދުމަށްޓަކައި ސަރުކާރުގެ ކަމާގުޅުންހުރި އިދާރާތަކުން ދަނީ ބާރުމިނުގައި މަސައްކަތް ކުރަމުންނެވެ.

މި މަސައްކަތް ކާމިޔާބުކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން 71 ރަށެއްގައި އައުޓްޑޯ ޖިމް ގާއިމުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައެވެ. މި މަޝްރޫއުގެ ދަށުން އެޗްޑީސީން މިހާރު ވަނީ އެ ރަށްތަކަށް ބޭނުންވާ ސާމާނު ފޮނުވުމުގެ އަމަލީ މަސައްކަތް ފަށާފައެވެ.

މި އަހަރުގެ ނިޔަލަށް ހުރިހާ ރަށެއްގައި އައުޓްޑޯ ޖިމް ގާއިމްކުރުމުގެ މަސައްކަތުގެ ތެރެއިން އެޗްޑީސީއާ ހަވާލުކުރެވުނު 71 މަޝްރޫޢުއާއެކު، ޖުމްލަ 102 އައުޓްޑޯ ޖިމް ގާއިމުކުރުމަށް ސަރުކާރުގެ އެކި ކުންފުނިތަކާ ވަނީ ހަވާލުކުރެވިފައެވެ. މީގެ އިތުރުން ހަތް އައުޓްޑޯ ޖިމެއްގެ މަސައްކަތް ބައެއް އަމިއްލަ ކުންފުނިތަކާވެސް ވަނީ ހަވާލުކޮށްފައެވެ.

މި މަޝްރޫއުތައް ނިމުމުން، ރަށްރަށުގެ ރައްޔިތުންނަށް ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ބޭނުންވާ ކަސްރަތު ކުރުމުގެ ފުރުސަތުތައް ފަސޭހަކަމާއެކު ލިބިގެންދާނެ ކަމަށް ސަރުކާރުން އުންމީދު ކުރެއެވެ.

މިއަދު އޮންލައިން