މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ބޯޑުގައި ޕްރައިވެޓް ސެކްޓަރ ތަމްސީލްކުރާ ޑިރެކްޓަރުންގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު އެ އޮފީހުން މިއަދު ހުޅުވާލައިފިއެވެ.
ޕެންޝަން އޮފީހުން މަޢުލޫމާތު ދެއްވާ ގޮތުގައި، މި ފުރުޞަތު ހުޅުވާލާފައިވަނީ އެ އޮފީހުގެ ބޯޑުގައި ޕްރައިވެޓް ސެކްޓަރ ތަމްސީލުކުރައްވާ މެންބަރުންގެ ތެރެއިން މިވަގުތު ހުސްވެފައިވާ 2 މަޤާމަކަށް މެންބަރުން އައްޔަންކުރުމަށެވެ.
މި މަޤާމުތަކަށް މެންބަރުން ހޮވުމުގެ މަރުޙަލާ ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ޕެންޝަން އޮފީހުގެ ބޯޑަށް މެންބަރުން ހޮވުމާއި އައްޔަންކުރުމާބެހޭ ކަނޑައެޅިފައިވާ އުސޫލުގެ ދަށުންނެވެ. އެ އޮފީހުން ވިދާޅުވި ގޮތުގައި، ބޯޑަށް މެންބަރުން ހޮވުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ޚާއްޞަ ސިލެކްޝަން ކޮމިޓީއެއް އެކުލަވާލެވޭނެއެވެ. މި ކޮމިޓީން ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެންމެ އެކަށީގެންވާ 3 ފަރާތެއްގެ ނަން ޝޯޓްލިސްޓް ކުރާނެއެވެ.
މީގެ އިތުރުން، ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަކީ ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީ.އެމް.ޑީ.އޭ) އިން ކަނޑައަޅާފައިވާ ޝަރުޠުތައް ހަމަވާ ފަރާތްތަކެއްކަން އެ އޮތޯރިޓީން ކަށަވަރުކުރާނެ ކަމަށްވެސް ޕެންޝަން އޮފީހުން ބުނެއެވެ.
ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން، ޕެންޝަން އޮފީހުގެ ބޯޑަށް ޕްރައިވެޓް ސެކްޓަރ ތަމްސީލުކުރައްވާ މެންބަރުން އައްޔަންކުރައްވާނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ. މި މަޤާމުތަކަކީ ޕެންޝަން ފަންޑު ބެލެހެއްޓުމާއި، އޮފީހުގެ ސިޔާސަތުތައް ކަނޑައެޅުމުގައި އަމިއްލަ ދާއިރާގެ ލަފައާއި އިރުޝާދު ހޯދުމަށް މުހިންމު މަޤާމުތަކެކެވެ.