މަސްތުވާތަކެތީގެ ވަބާއިން ދިވެހި މުޖުތަމަޢު ސަލާމަތްކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، ފުލުހުންގެ މުއައްސަސާގެ ތެރޭގައި ކުރިން އޮތް މަސްތުވާތަކެތީގެ ނޭދެވޭ ނުފޫޒުތައް މިހާރު ނައްތާލެވިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
'ޕަލްސް' ޕޮޑްކާސްޓް ސީރީޒްގެ ތިންވަނަ އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ފުލުހުންގެ ޚިދުމަތް އިތުރަށް ހަރުދަނާކޮށް، މަސްތުވާތަކެތީގެ ވަބާއިން ޤައުމު ސަލާމަތް ކުރުމަށްޓަކައި ފުލުހުންގެ ދައުރު އަދާކުރުމުގެ ޤާބިލުކަން އިތުރުކުރުމަށް ފާއިތުވި ދެ އަހަރާއި ބައިގެ ތެރޭގައި ބޮޑެތި މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ. މި މަސައްކަތްތަކުގެ މައިގަނޑު ބޭނުމަކީ ފުލުހުންގެ އިދާރާތަކުގެ ތެރެއިންވެސް މަސްތުވާތަކެތީގެ މައްސަލަތަކަށް ފިޔަވަޅު އެޅޭނެ ހަރުދަނާ ނިޒާމެއް ޤާއިމުކޮށް، ފުލުހުން ބާރުވެރިކުރުވުން ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި، އެމަނިކުފާނު ސަރުކާރާ ޙަވާލުވެވަޑައިގެން ފުރަތަމަ ކަންކަން ބެއްލެވިއިރު، ފުލުހުންގެ ޑްރަގް އެންފޯސްމަންޓުގެ ތެރޭގައި ކަންބޮޑުވާންޖެހޭ ފަދަ ނޭދެވޭ ނުފޫޒުތަކެއް ހުރިކަން ފާހަގަކުރެވުނެވެ. ނަމަވެސް، މިހާރު އެފަދަ ނުބައި އަމަލުތަކަށް އޮތް ހުރިހާ ފުރުސަތުތަކެއް ބަންދުކޮށް ނައްތާލާފައިވާ ކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.
"މީގެ ކުރީގައި އަޅުގަނޑު ފުރަތަމަ އައިސް ބަލާލީއިރުގައި ފުލުހުންގެ ތެރޭގައި ނޭދެވޭ ނުފޫޒުތައް ހުރި ޑްރަގު އެންފޯސްމެންޓުގެ ތެރޭގައި. މިސާލަކަށް ރެއިޑު ކޮށްގެން ހޯދާ ތަކެތި އަނެއްކާވެސް އަނބުރާ މުޖުތަމަޢަށް ދިއުމާއި، ނުބައި ނުފޫޒުތައްވެސް ހުރި. އެކަންކަންވެސް ނައްތާލާ އިރާދަކުރެއްވިއްޔާ ފުލުހުންގެ އިދާރާގެ ތެރޭގައި މިހާރު ވަރަށް ނީވޭނެ މިދެންނެވި ނުބައި އަމަލުތަކަށް ފުރުސަތު ލިބޭ ވާހަކަ،" ރައީސް ވިދާޅުވިއެވެ.
މަސްތުވާތަކެއްޗާ ދެކޮޅަށް ކުރާ މަސައްކަތަކީ ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދޭ އެއް ދާއިރާކަން ފާހަގަކުރައްވަމުން، ރައީސް ވިދާޅުވީ ފުލުހުންގެ މުއައްސަސާއަކީ ރައްޔިތުންގެ އިތުބާރު ލިބިފައިވާ، ނަޒާހަތްތެރި ތަނަކަށް ހެދުމަށް ކުރާ މަސައްކަތް ހުއްޓުމެއް ނެތް ކުރިއަށްދާނެ ކަމަށެވެ.