ފާއިތުވި އަހަރު ރިސޯޓުތަކުގެ ކުލީގެ މުއްދަތު އިތުރުކޮށްގެންނާއި، ބިން ވިއްކުމާއި ބިން ބަދަލުކުރުމުގެ ފީގެ ގޮތުގައި ދައުލަތަށް 120 މިލިއަން ޑޮލަރު (1.8 ބިލިއަން ރުފިޔާ) ލިބިފައިވާކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފިއެވެ.
ފިނޭންސް މިނިސްޓްރީން ދާދިފަހުން އާންމުކުރި ބަޖެޓް ނަތީޖާ ރިޕޯޓުގައިވާ ގޮތުން، ރިސޯޓު ކުލީގެ މުއްދަތު އިތުރުކުރުމަށް ދިން ފުރުޞަތުގައި 18 ފަރާތަކުން ވަނީ އެ ފީ ދައްކާފައެވެ. މީގެ އިތުރުން، ރިސޯޓުތައް ތަރައްގީ ކުރުމަށްޓަކައި ބިން ވިއްކުމާއި ބަދަލުކުރުމަށް ނަގާ ފީގެ ގޮތުގައި 15 ފަރާތަކުން 196 މިލިއަން ރުފިޔާ ދައްކާފައިވާކަންވެސް އެ ރިޕޯޓުން ދައްކައެވެ.
ދައުލަތުގެ އާމްދަނީއަށް މިފަދަ ބޮޑު ކުރިއެރުމެއް ލިބިފައިވަނީ ޓުއަރިޒަމް ޤާނޫނަށް ގެނެވުނު މުހިންމު އިސްލާހުތަކާ ގުޅިގެންނެވެ. ކުރިން އަމަލުކުރަމުންދިޔަ އުސޫލުގެ ދަށުން، ރިސޯޓުތަކުގެ މުއްދަތު އިތުރުކުރާ ކޮންމެ އަހަރަކަށް އެއް ލައްކަ ޑޮލަރު ދައްކަންޖެހެއެވެ. އަދި އެ ފައިސާ 6 މަސް ދުވަހުގެ ތެރޭގައި ދައްކާ ޚަލާސްކުރަން ޖެހޭއިރު، 6 މަހަށް ވުރެ ދިގު މުއްދަތަކުން ފައިސާ ދައްކާނަމަ ކޮންމެ އަހަރަކަށް ދެ ލައްކަ ޑޮލަރުގެ ފީއެއް ދައްކަން ޖެހެއެވެ.
ނަމަވެސް، ރިސޯޓުތައް ކުއްޔަށް ދޫކޮށްފައިވާ މުއްދަތު އިތުރުކުރަން ވަކި މުއްދަތަކަށް ކުޑަ އަގެއް ދެއްކޭ ގޮތަށް ޓޫރިޒަމާ ބެހޭ ގާނޫނަށް ނިމިދިޔަ އަހަރު ގެނައި ބަދަލާއެކު، ރިސޯޓްތަކަށް ވަނީ ބޮޑެތި ލުއިތަކެއް ލިބިފައެވެ. އެގޮތުން، އިސްލާހަށް އަމަލުކުރަން ފަށާތާ 6 މަސް ދުވަހުގެ ތެރޭގައި، ޓޫރިޒަމްގެ ބޭނުމަށް ދޫކުރާ ރަށެއް ނުވަތަ ފަޅެއްގެ މުއްދަތު 99 އަހަރަށް ހަމަކުރުމަށްޓަކައި (49 އަހަރު އިތުރުކުރާ ހާލަތުގައި) ދައްކަން ޖެހެނީ 5 މިލިއަން ޑޮލަރެވެ. އަދި އެ މުއްދަތު 20 އަހަރަށް އިތުރުކުރާ ނަމަ ދައްކަން ޖެހެނީ 2.5 މިލިއަން ޑޮލަރެވެ.
މި ބަދަލުގެ ސަބަބުން ގިނަ ރިސޯޓުތަކަކުން ވަނީ އެ ފުރުޞަތުގެ ބޭނުން ހިފާފައެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރުމަށާއި، ފަތުރުވެރިކަމުގެ ދާއިރާގައި ހުރި އިންވެސްޓްމަންޓްތަކަށް ރައްކާތެރިކަން ހޯދައިދިނުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ލިބުނު ބޮޑު ކުރިއެރުމެކެވެ.