ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ދިމާވެފައިވާ ލިފްޓުގެ ދަތިކަން ހައްލުކުރުމަށްޓަކައި، ކޮންމެ ޓަވަރެއްގައި އަލަށް ހަރުކުރި ދެ ލިފްޓުގެ މަސައްކަތް އެއްކޮށް ނިންމާލުމަށްފަހު މިރޭ އާންމުންނަށް ހުޅުވާލައިފިއެވެ.
ހިޔާގެ 16 ޓަވަރުގައި އިތުރު ލިފްޓު ހަރުކުރުމުގެ މަސައްކަތް ނިންމުމަށްޓަކައި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިރޭ ވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި މަޝްރޫއަކީ ޗައިނާގެ ޝެންޔެންގް ޔުއަންޑާ އިންޓެލެކްޗުއަލް އިންޑަސްޓްރީ ގްރޫޕް ކޯ ލިމިޓެޑާ ހަވާލުކޮށްގެން އެޗްޑީސީން ކުރިއަށް ގެންދިޔަ މަޝްރޫއެކެވެ.
ހިޔާ ޓަވަރުތަކުގައި އިތުރު ލިފްޓު ހަރުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. މި ވައުދުފުޅުގެ މައިގަނޑު ބޭނުމަކީ، ހިޔާ ފްލެޓްތަކުގައި ކުރިން ހަރުކޮށްފައި ހުރި ލިފްޓުތަކުގެ ޖާގަ ކުޑަވުމާއި، ލިފްޓުތަކަށް އޮންނަ ބާރު ބޮޑުވުމުގެ ސަބަބުން އާންމުންނަށް ކުރިމަތިވަމުންދިޔަ ދަތިތަކަށް ދާއިމީ ހައްލެއް ހޯދައިދިނުމެވެ.
މި މަޝްރޫއުގެ ދަށުން އަލަށް ހަރުކުރި ލިފްޓުތަކަކީ 21 މީހުންގެ ޖާގަ ހިމެނޭ، ބަލިމީހުން އުފުލާ ސްޓްރެޗާވެސް ފަސޭހަކަމާއެކު އެރުވޭ ވަރުގެ ބޮޑެތި ލިފްޓުތަކެކެވެ. މީގެ ސަބަބުން ބަލިމީހުން އުފުލުމުގައި ދިމާވާ ދަތިތަކާއި، އޮފީސް ގަޑިތަކާއި ސްކޫލް ގަޑިތައް ފަދަ ކާރޫބާރޫ ބޮޑު ވަގުތުތަކުގައި ލިފްޓަށް އިންތިޒާރު ކުރަންޖެހޭ ވަގުތު ވަރަށް ބޮޑަށް ކުޑަވެގެންދާނެއެވެ.
ހިޔާގެ ކޮންމެ ޓަވަރެއްގައި 2,000 އަށްވުރެ ގިނަ މީހުން ދިރިއުޅެމުންދާއިރު، މި ލިފްޓުތަކަކީ އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުމަށް ސަރުކާރުން އެޅުއްވި މުހިންމު ފިޔަވަޅެކެވެ. އެޗްޑީސީން ހާމަކޮށްފައިވާ ގޮތުގައި، މިރެއިން ފެށިގެން މި ހުރިހާ ލިފްޓެއްވެސް އާންމުންނަށް ބޭނުންކުރެވޭނެއެވެ.