މި ސަރުކާރުން ގާނޫނާ ހިލާފަށް އެއްވެސް ކަމެއް ނުކުރާނެ ކަމަށް ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެއެވެ.
ޝުޖާއު މިފަދައިން ވިދާޅުވީ، ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާ ކަމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ކަނޑައެޅުމާ ގުޅިގެން، އިދިކޮޅު އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު އެކްސްގައި ކުރެއްވި ޕޯސްޓަކަށް ރައްދުދެއްވަމުންނެވެ.
ޝާހިދުގެ ވާހަކަތަކަށް ރައްދުދެއްވަމުން ޝުޖާއު ވިދާޅުވީ، ޝާހިދު ކުރެއްވީ ސިޔާސީ ޕޯސްޓެއް ކަމަށާއި، އެފަދަ ޕޯސްޓެއް ކުރެއްވުމުގެ ކުރިން ގާނޫނުގައި އެކަން އޮންނަ ގޮތް ބައްލަވާލެއްވުން މުހިންމު ކަމަށެވެ. އެގޮތުން، ތިނަދޫ ކައުންސިލްގެ ރައީސް އެމްޑީޕީއަށް ސޮއިކުރެއްވި ތާރީޚާއި، "ދަ ޑިމޮކްރެޓްސް" އުވާލި ތާރީޚުގެ އިތުރުން، ކައުންސިލަރު ހުވާކުރެއްވި ތާރީޚަށް ރަނގަޅަށް ބައްލަވާލެއްވުމަށް ޝުޖާއު އެދިވަޑައިގެންނެވިއެވެ.
"ކައުންސިލަރު ޝުޖާއުގެ ހައްގުގައި ޕޯސްޓެއް ކޮށްލުމުން ނުފުދޭނެ. މިކަމުގައި މަނިކުފާނުގެ ހިތްޕުޅުގައި މި ޕްރޮސެސް ހިނގާފައިވާ ގޮތާމެދު ސުވާލެއް އުފެދޭ ނަމަ، ކައުންސިލަރުގެ ހައްގުގައި ކަން ހިނގާފައިވާ ގޮތް ސާފުކުރުމަށް ކޯޓަށް ވަޑައިގެންނެވިދާނެ،" ޝުޖާއު ވިދާޅުވިއެވެ.
ޝުޖާއު އިތުރަށް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ މި ސަރުކާރުން ގާނޫނާ ހިލާފަށް އެއްވެސް ކަމެއް ނުކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ. އަދި ކަންކަން އެނގިތިބެ، ހަމައެކަނި ސަރުކާރަށް ފާޑުވިދާޅުވުމުގެ ބޭނުމުގައި މިފަދަ ވާހަކަތައް ދައްކަވާނަމަ، ގައުމަށް ދުވަހަކުވެސް ސިޔާސީ ހަމަޖެހުމެއް ނާންނާނެ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
މި މައްސަލައަކީ އެންޓި-ޑިފެކްޝަން ގާނޫނުގެ ދަށުން ކައުންސިލަރެއްގެ ގޮނޑި ގެއްލުނު ކަމަށް އެލްޖީއޭއިން ކަނޑައެޅި ފުރަތަމަ ފަހަރެވެ. އެލްޖީއޭއިން މި ނިންމުން ނިންމާފައިވަނީ ގާނޫނީ ލަފާގެ މަތިން ކަމަށް އެ އޮތޯރިޓީން ވަނީ ހާމަކޮށްފައެވެ.