އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން، ދިރާގު މުވައްޒަފުންނަށް ކުރިއަށްގެންދިޔަ ފަޔަރ އެކްސްޓިންގުއިޝަރ އިންސްޕެކްޓަރުން ތަމްރީނުކުރުމުގެ ޕްރޮގްރާމް ނިންމާލައިފިއެވެ.
ޕްރޮގްރާމް ނިންމުމުގެ ގޮތުން ދިރާގު ހެޑް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ، ފަޔަރ އެންޑް ރެސްކިޔު ސަރވިސް ހިންގެވުމާ ވަގުތީގޮތުން ހަވާލުވެހުންނެވި، ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޠާހިރެވެ.
މި ރަސްމިއްޔާތުގައި، ޕްރޮގްރާމް ފުރިހަމަކުރި ފަރާތްތަކަށް އެކަމުގެ ލިޔުން ހަވާލުކޮށްދެއްވީ ދިރާގުގެ ޗީފް އެގްޒެކެޓިވް އޮފިސަރ އެންޑް މެނޭޖިންގ ޑައިރެކްޓަރ، އިސްމާޢީލް ރަޝީދެވެ.
ފަޔަރ އެންޑް ރެސްކިޔު ޓްރެއިނިންގެ ސްކޫލާއި ދިރާގު ގުޅިގެން ކުރިއަށްގެންދިޔަ މި ޕްރޮގްރާމަކީ އަލިފާން ނިއްވާ ފުޅިތަކަށް ދިމާވާ މައްސަލަތައް ދެނެގަނެ، އެ ފުޅިތައް ބޭނުންވާ ކޮންޑިޝަނުގައި ބެހެއްޓުމަށް ޓަކައި، ދިރާގުން ހަރަކާތްތެރިވާ މުވައްޒަފުންނަށް މި ދާއިރާގެ މަޢުލޫމާތު ދިނުމަށާއި، އެ މުވައްޒަފުން މި ދާއިރާއަށް އަހުލުވެރިކުރުވުގެ މަގުސަދުގައި ކުރިއަށްގެންދިޔަ ޕްރޮގްރާމެކެވެ. ދެ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ މި ޕްރޮގްރާމުގައި ތިއަރީ ކުލާސްތަކާއި ޢަމަލީ ތަމްރީނުތައް ވަނީ ބާއްވާފައެވެ.
ދިރާގުގެ 21 މުވައްޒަފުން ބައިވެރިވި މި ޕްރޮގްރާމުގައި ކިޔަވައިދެއްވީ ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ އޮޕަރޭޝަން ޑިޕާޓްމަންޓުގެ ބޭކަލުންނެވެ.
މި ރަސްމިއްޔާތުގައި، މާލޭ ފަޔަރ ސްޓޭޝަނުގެ ކޮމާންޑަރ، ލެފްޓިނެންޓް ކާނަލް އަޙްމަދު ފާއިޒް ރަޝާދާއި، ފަޔަރ އެންޑް ރެސްކިޔު ޓްރެއިނިންގ ސްކޫލުގެ އޮފިސަރ ކޮމާންޑިންގ، ކެޕްޓަން އިސްމާޢީލް އަޙްމަދާއި، ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ކޮމާންޑް ސާޖަންޓް މޭޖަރ، ކޮމާންޑް ސާޖަންޓް މޭޖަރ އާޒާދު ރުޝްދީއާއި، ދިރާގުގެ ސޭފްޓީ އެންޑް ހެލްތު ޑިޕާޓްމަންޓުގެ ސީނިއަރ ބޭކަލުން ބައިވެރިވެލެއްވިއެވެ.