ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި ބަހައްޓާފައި ހުންނަ ޕަރސަނަލް ސެކިއުރިޓީ ސްކޭނަރގެ މެއިންޓަނަންސް ޓްރެއިނިންގއެއް ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވުޒާރާގެ ޑައިރެކްޓަރޭޓް އޮފް އޭވިއޭޝަން އެޑްމިނިސްޓްރޭޝަން (ޑާސާ)އިން އިންތިޒާމްކޮށްގެން ބާއްވައިފިއެވެ.
ޑާސާއާއި އެމެރިކާގެ ޓްރާންސްޕޯޓް ސެކިއުރިޓީ އެޑްމިނިސްޓްރޭޝަން (ޓީ.އެސް.އޭ) ގުޅިގެން، ޖޫން މަހުގެ 29 ން ޖުލައި މަހުގެ 3 އަށް ބޭއްވި މި ޓްރެއިނިންގ ހިންގާފައިވަނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި ބޮޑީ ސްކޭނިންގ މެޝިންތައް ބަހައްޓާފައިވާ ކުންފުނި ކަމުގައިވާ ރޯޑް އެންޑް ޝްވާރޒް އިންނެވެ.
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި ދެވޭ ޚިދުމަތްތަކުގެ ފެންވަރު މަތިކޮށް، އެއަރޕޯޓްގައި މަސައްކަތްކުރާ މުވައްޒަފުންގެ ފަންނީ ޤާބިލްކަން އިތުރުކުރުމުގެ މަޤްސަދުގައި ބޭއްވި މި ޓްރެއިނިންގގައި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ނުވަ މުވައްޒަފުން ބައިވެރިވެ ޓްރެއިނިންގ ފުރިހަމަކޮށްފައިވެއެވެ.