އިރާނުގެ ސުޕްރީމް ލީޑަރުގެ ޖަނާޒާގައި ރާއްޖޭގެ އިސް އޮފިޝަލަކަށް ބައިވެރިނުވެވުނު ސަބަބު ޚާރިޖިއްޔާއިން ސާފުކޮށްދީފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 37ސ
އިރާނުގެ ސުޕްރީމް ލީޑަރުގެ ޖަނާޒާގައި ރާއްޖޭގެ އިސް އޮފިޝަލަކަށް ބައިވެރިނުވެވުނު ސަބަބު ޚާރިޖިއްޔާއިން ސާފުކޮށްދީފި

އިރާނުގެ ސުޕްރީމް ލީޑަރ، ޝަހީދު އާޔަތުالله އަލީ ޙާމަނާއީ އަވަހާރަވުމާ ގުޅިގެން ބޭއްވި ރަސްމީ ޖަނާޒާގައި ދިވެހި ސަރުކާރުގެ އިސް އޮފިޝަލަކަށް ބައިވެރިވެވަޑައިނުގެންނެވުނު ސަބަބު ދިވެހިރާއްޖޭގެ ޚާރިޖީ ވުޒާރާއިން މިއަދު ސާފުކޮށްދީފިއެވެ. ޖުލައި 3 ވާ ހުކުރު ދުވަހު ބޭއްވި މި ޖަނާޒާގައި ބައިވެރިވުމަށް ދިވެހި ސަރުކާރަށް ރަސްމީކޮށް ދައުވަތު އަރުވާފައިވެއެވެ.

ޚާރިޖީ ވުޒާރާއިން ހާމަކުރި ގޮތުގައި، މި ޖަނާޒާގައި ރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގަންނަވާނީ ސައުދީ އަރަބިއްޔާއަށާއި އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ) އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަލްފާޟިލް އަޙްމަދު ސަރީރު ކަމަށް އިރާން ސަރުކާރަށް ކުރިން އޮތީ ރަސްމީކޮށް އަންގާފައެވެ. ނަމަވެސް، ސަފީރު ފުރާވަޑައިގަންނަވަން ކައިރިވެފައި ވަނިކޮށް، އިރާން އެމްބަސީން ވަނީ ޕްރޮޓޮކޯލް އުސޫލުތަކަށް އައި ބަދަލަކާ ގުޅިގެން ސަފީރުންގެ ފެންވަރުގައި ޖަނާޒާގައި ބައިވެރިނުވެވޭނެ ކަމަށް އަންގާފައެވެ.

އެމްބަސީގެ އެންގުމާ ގުޅިގެން، ރާއްޖޭގެ ފަރާތުން ސްޓޭޓް މިނިސްޓަރުގެ ފެންވަރުގެ ބޭފުޅެއް ފޮނުވުމަށް އަވަސް އިންތިޒާމްތަކެއް ހަމަޖެއްސުމުގެ މަސައްކަތް ވުޒާރާއިން ކުރިއަށް ގެންދިޔައެވެ. ނަމަވެސް، ތެހްރާންއަށް ދިއުމަށް ފްލައިޓްތަކަށް ހުއްދަދޭ ސުންގަޑި ކައިރިވެފައިވުމާއި، ސްޓޭޓް މިނިސްޓަރަށް ތެހްރާނަށް ވަޑައިގެންނެވޭނީ ޖަނާޒާގެ ރަސްމީ ބައި ނިމޭ ފަހުން ކަމަށްވާތީ އެ ދަތުރުފުޅު ކުރެވޭ ގޮތް ވަނީ ނުވެފައެވެ.

މިކަމާ ގުޅިގެން އިރާން ސަރުކާރުން ވަނީ ރާއްޖެއިން ސްޓޭޓް މިނިސްޓަރެއް ފޮނުވުމަށް ނިންމެވި ނިންމެވުމަށް ޝުކުރު އަދާކޮށްފައެވެ. އަދި މި ވަގުތު ދަތުރުފުޅު ކުރެއްވުމުގެ ބަދަލުގައި، ފަހުގެ ތާރީޚެއްގައި ސަރުކާރުގެ އިސްބޭފުޅަކު އިރާނަށް ޒިޔާރަތް ކުރެއްވުމަށް އެ ގައުމުން ވަނީ ލަފާދީފައެވެ.

އިރާނުގެ ސުޕްރީމް ލީޑަރ އަވަހާރަވުމާ ގުޅިގެން، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ރާއްޖޭގެ ޚާރިޖީ ވަޒީރު ވަނީ އިރާނުގެ ޚާރިޖީ ވަޒީރަށް ތައުޒިޔާގެ މެސެޖެއް ފޮނުއްވާފައެވެ.

މިއަދު އޮންލައިން