ވާހަކަ ދެއްކުމުގެ 39 ވަނަ ޤައުމީ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 19ސ
ވާހަކަ ދެއްކުމުގެ 39 ވަނަ ޤައުމީ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

ދިވެހިބަހުގެ އެކަޑަމީން އިންތިޒާމުކޮށްގެން ބާއްވާ އަލްއުސްތާޛު އިބްރާހިމް ޝިހާބުގެ ވާދައިގެ ތަށްޓަށް ބާއްވާ، ވާހަކަ ދެއްކުމުގެ 39 ވަނަ ޤައުމީ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މި މުބާރާތް ބޭއްވުމަށް ތާވަލުކޮށްފައިވަނީ 2026 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 11 އިން 30 ވަނަ ދުވަހުގެ ނިޔަލަށެވެ.

މި މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މައިގަނޑު ދެ ބަޔަކަށް ބަހާލައިގެންނެވެ. އެއީ ވާހަކަ ދެއްކުމުގެ ބަޔާއި ބަހުސް ކުރުމުގެ ބަޔެވެ. ވާހަކަ ދެއްކުމުގެ ބައި ބެހިފައިވަނީ ސްކޫލުތަކުގެ ގިންތިއާއި އަމިއްލަ ފަރާތްތަކުގެ ގިންތިއަށެވެ.

ސްކޫލުތަކުގެ ބައިގައި ހިމެނެނީ ދަށު ސާނަވީ (ކީ ސްޓޭޖް 3)، ސާނަވީ (ކީ ސްޓޭޖް 4) އަދި މަތީ ސާނަވީ (ކީ ސްޓޭޖް 5) އެވެ. އަމިއްލަ ފަރާތްތަކުގެ ބައިގައި ހިމެނެނީ 18 އަހަރުން ދަށުގެ އުމުރުފުރާއާއި 18 އަހަރުން މަތީގެ އުމުރުފުރާއެވެ.

މުބާރާތުގެ ބަހުސް ކުރުމުގެ ބައި ޚާއްސަ ކޮށްފައިވަނީ 16 އަހަރުން މަތީގެ ފަރާތްތަކަށެވެ. މި ބައިގައި އޮފީސްތަކާއި، ކުންފުނިތަކާއި، ޖަމިއްޔާ ޖަމާއަތްތަކުގެ އިތުރުން ޔުނިވަރސިޓީ، ކޮލެޖު އަދި އެކަޑަމީތަކަށް ޓީމުތަކުގެ ގޮތުގައި ބައިވެރިވުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ.

ދިވެހިބަހުގެ އެކަޑަމީން މައުލޫމާތުދޭ ގޮތުގައި، ސްކޫލުތަކާއި އަމިއްލަ ފަރާތްތަކުން ވާހަކަ ދައްކަންޖެހޭ މައުޟޫޢުތައް އާންމުކުރާނީ އެ އުމުރުފުރާއެއްގެ މުބާރާތް ފެށުމުގެ 5 ދުވަސް ކުރިންނެވެ.

މި މުބާރާތުގައި ބައިވެރިވާން އެދޭ ފަރާތްތަކުން އޮގަސްޓު 2 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 13:00 ގެ ކުރިން ބައިވެރިވުމުގެ ފޯމު ހުށަހަޅަން ޖެހެއެވެ. މުބާރާތުގެ ޤަވާއިދާއި ބައިވެރިވުމަށް އެދޭ ފޯމު ދިވެހިބަހުގެ އެކަޑަމީގެ ވެބްސައިޓުން މިހާރު ލިބެން ހުންނާނެއެވެ.

މިއަދު އޮންލައިން