ޢާއިޝަތު ރަފާޙް ޢަލީ
ކުރީގެ ލިޔުމުގައި ބަޔާންކުރި ޙަދީޘުފުޅުގައި ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް، ސުވަރުގެ ނުވަންނާނެ މީހުންގެ ތެރެއިން އެއް ބައެއް ކަމަށް ބަޔާން ކުރައްވާފައިވަނީ ޞަދަޤާތް ދީ އެވާހަކަ އެންމެން ކައިރީގައި ދައްކަމުން ހިނގާ މީހުންގެ ވާހަކައެވެ. މިހާރު ބަޔާން މިކުރަނީ ޞަދަޤާތް ދިނުމަށްފަހު ސިއްރުކުރުމުން ލިބެން އޮތް ބޮޑު ފައިދާގެ ވާހަކައެވެ.
ރަސޫލާ ޞައްލަ ﷲ އަލައިހި ވަސައްލަމް ޙަދީޘު ކުރައްވާފައިވާ ބަސްފުޅެއްގައިވެއެވެ.
” سَبْعَةٌ يُظِلُّهُمْ اللَّهُ فِي ظِلِّهِ يَوْمَ لا ظِلَّ إِلا ظِلُّهُ : الإِمَامُ الْعَادِلُ ، وَشَابٌّ نَشَأ فِي عِبَادَةِ رَبِّهِ ، وَرَجُلٌ قَلْبُهُ مُعَلَّقٌ فِي الْمَسَاجِدِ ، وَرَجُلَانِ تَحَابَّا فِي اللَّهِ اجْتَمَعَا عَلَيْهِ وَتَفَرَّقَا عَلَيْهِ ، وَرَجُلٌ طَلَبَتْهُ امْرَأَةٌ ذَاتُ مَنْصِبٍ وَجَمَالٍ فَقَالَ إِنِّي أَخَافُ اللَّهَ ، وَرَجُلٌ تَصَدَّقَ بِصَدَقَةٍ فَأَخْفَاهَا حَتَّى لا تَعْلَمَ شِمَالُهُ مَا تُنْفِقُ يَمِينُهُ ، وَرَجُلٌ ذَكَرَ اللَّهَ خَالِيًا فَفَاضَتْ عَيْنَاهُ ”
މާނައީ: ޢަރްޝީގެ ހިޔާވަހިކަން ފިޔަވައި، އެހެން ހިޔާވަހިކަމެއް ނުވާ ދުވަހު (އެބަހީ: ޤިޔާމަތް ދުވަހު) މާތްﷲ، ޢަރްޝީގެ ހިޔާވަހިކަން ދެއްވާ، ހަތް ބައެއް ވެއެވެ؛ އަދުލުވެރި ވެރިޔާ، އަދި މާތް ﷲ އަށް އަޅުކަންކުރުމުގައި ޒުވާންކަން ހޭދަކުރި ޒުވާނާ، އަދި އޭނާގެ ހިތް މިސްކިތާ ގުޅިލާމެހިފައިވާ މީހާ، އަދި މާތް ﷲ އަށްޓަކައި ލޯބިވެ އެގޮތުގައި ބައްދަލުވެ އަދި އެގޮތުގައި ވަކިވާ ދެމީހުން، މަންސަބާއި ރީތިކަން ލިބިފައިވާ އަންހެނެއް ފާޙިޝް ޢަމަލު ހިނގަން ދަޢުވަތު ދިނުމުން، އަހުރެން ﷲ ދެކެ ބިރުވެތިވަމޭ ބުނެ އެކަމުން އެއްކިބާވި މީހާ، އަދި ޞަދަޤާތްކުރާއިރު އޭނަގެ ކާނަތުން ހޭދަކުރާ އެތި ވައަތަށްވެސް ނޭނގޭހާ ސިއްރުން ހޭދަކުރިމީހާ، އަދި އެކަހެރިކޮށް ހުރެ ﷲ މަތިން ހަނދުމަވުން ލޮލުން ކަރުނަ އޮހޮރިގެންދާ މީހާއެވެ"
ﷲ ތަޢާލާ ބަޤަރާ ސޫރަތުގެ 264 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.
يَا أَيُّهَا الَّذِينَ آمَنُوا لَا تُبْطِلُوا صَدَقَاتِكُم بِالْمَنِّ وَالْأَذَىٰ كَالَّذِي يُنفِقُ مَالَهُ رِئَاءَ النَّاسِ وَلَا يُؤْمِنُ بِاللَّهِ وَالْيَوْمِ الْآخِرِ ۖ فَمَثَلُهُ كَمَثَلِ صَفْوَانٍ عَلَيْهِ تُرَابٌ فَأَصَابَهُ وَابِلٌ فَتَرَكَهُ صَلْدًا ۖ لَّا يَقْدِرُونَ عَلَىٰ شَيْءٍ مِّمَّا كَسَبُوا ۗ وَاللَّهُ لَا يَهْدِي الْقَوْمَ الْكَافِرِينَ ﴿٢٦٤﴾
މާނައީ: "އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ކަލަގޮވުމުންނާއި، އުނދަގޫ ދިނުމުން ތިޔަބައިމީހުންގެ صدقات ތައް باطل ނުކުރާ ހުށިކަމެވެ! މީހުންނަށް ދެއްކުމަށްޓަކައި އެމީހެއްގެ މުދާ ހޭދަކުރާ މީހެއްގެ مثال ފަދައިންނެވެ. اللَّه އަށާއި آخرة ދުވަހަށް އޭނާ إيمان އެއް ނުވެތެވެ. ފަހެ، އޭނާގެ مثال އީ، އެ ހިލަޔެއްގެ މަތީގައި ވެލިތަކެއް ހުއްޓައި އެ ހިލައިގެ މައްޗަށް ބޯވާރޭގަނޑެއް ވެހި، އޭގެ މަތީގައި އެއްވެސް އެއްޗެއް ނެތިގޮސްފައިވާ އޮމާން، ހިލަޔެއްގެ مثال އެވެ. އެއުރެން ކުޅަ މަސައްކަތުގެ ތެރެއިން އެއްވެސް އެއްޗެއްގެ މައްޗަށް އެއުރެންނަކަށް ކުޅަދާނަކަމެއް ލިބިގެނެއް ނުވެތެވެ. (އެބަހީ: އެއުރެން ކުޅަ عمل އަށް آخرة ދުވަހުން އެއުރެންނަކަށް އެއްވެސް ثواب އެއް ނުލިބޭ ހުށްޓެވެ.) كافر ވެގެންވާ قوم އަކަށް اللَّه ތެދުމަގެއް ނުދައްކަވައެވެ. (264)"
އެހެންކަމުން ޞަދަޤާތް ވަންހަނާކުރުމުގެ މުހިއްމުކަން މި ޙަދީޘްފުޅާ އާޔަތުން އެނގިގެންދެއެވެ. ޞަދަގާތް ވަންހަނާކޮށްދޭ މިހުންނަށް ބޮޑުވެގެންވާ އަޖުރު ލިބެއެވެ. ވަންހަނާކުރުމަކީ ޞަދަޤާތް ދޭ މީހާ ދެއްކުންތެރި ކަމުން ދުރުކޮށްދޭ ކަމެކެވެ.
ހޭދަކުރާ މީހާ ހޭދަކުރަން ވާނީ ﷲ ތަޢާލާއަށް އިޚްލާޞްތެރި ކަމާއެކީގައެވެ. އަދި ދެއްކުންތެރިކަމުން ދުރުހެލިވެގެން ހުރެއެވެ.