ޤާދިސިއްޔާ ހަނގުރާމަ: ފާރިސީންގެ ބޮޑުބާރު ބިމާހަމަކޮށްލި ތާރީޚީ ހަނގުރާމަ- 11

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 44ސ
ޤާދިސިއްޔާ ހަނގުރާމަ: ފާރިސީންގެ ބޮޑުބާރު ބިމާހަމަކޮށްލި ތާރީޚީ ހަނގުރާމަ- 11

ދުޝްމަނުންގެ ހިތްތަކުގައި ބިރުވެރިކަމުގެ ތޫފާނެއް އުފެއްދެވުމަށްފަހު، މުޣީރަތު ބިން ޝުޢުބާ އެނބުރި އިސްލާމީ ލަޝްކަރާ ގުޅިވަޑައިގެންފިއެވެ.

ރުސްތުމް އީރާނުގެ ބޮޑެތިވެރިންނާ ބައްދަލުކޮށް މަޝްވަރާކުރަމުން ގެންދިޔައެވެ. އޭގެ ތެރެއިން މީހަކު އޭނާއަށް ބުންޏެވެ. [އެއީ ހާދަ ތަފާތު ބައެކެވެ. ދެންވާނީ ކިހިނެއްކަމެއް ނޭނގެއެވެ. ކުރިން ދެ ދުވަހު އައި ސަފީރު އެދިޔައީ މަނިކުފާނު ރުޅިއަރުވައި، މާޔޫސްކޮށްފައެވެ. އަނެއްކާ މިއަދު އައި މީހާ އެދިޔައީ ހަމަ އެހެން ހަދާފައެވެ. އެ މީހުން އެ ހަދަނީ ތެދެއްކަމެއް ނުވަތަ ދޮގެއްކަމެއްވެސް ނޭނގެއެވެ. ނަމަވެސް އެނގޭ ކަމަކީ މި މީހުންނަކީ އާދަޔާ ޚިލާފަށް ހިތްވަރުގަދަ ބައެއްކަމެވެ. އެ މީހުންގެ މަޤްޞަދު ބަޔާންކުރުމުގައި އެއްވެސް ފަސްޖެހުމެއް ނެތެވެ. އެ މީހުންނާ ދެކޮޅު ހަދައިލެވޭނެ މީހަކު ނެތްކަހަލައެވެ. ފާފައިން އެބައިމީހުންގެ ފަސްބައިގައި ލައްޖެއްސުމުން އެ މީހުން އެފަދައިން ރައްކާތެރިވާނަމަ، އެ މީހުން އެދޭ ހުރިހާ ކަމެއްވެސް ފުރިހަމަވާނެއެވެ.]

އީރާނީ ލަޝްކަރުގައި ތިބި މީހުންގެ އަދަދު ދެލައްކައަށްވުރެ ގިނައެވެ. އޭގެ ތެރޭގައި ފަސްދޮޅަސްހާސް އަސްވާރުންނާއި ފައިމަގުގައި ހަނގުރާމަކުރާ ފަސްދޮޅަސްހާސް މީހުން ތިއްބެވެ. މީގެ އިތުރަށް ރިޒާވް ފޯސްގެ ގޮތުގައި އަށްޑިހަހާސް މީހުން ތިއްބެވެ. ބައެއް މުއައްރިޚުން ބަޔާންކުރާ ގޮތުގައި އީރާނީ ލަޝްކަރުގެ ޖުމްލަ އަދަދަކީ 240,000 އެވެ. އެ ލަޝްކަރުގައި ހަނގުރާމައިގައި ބޭނުންކުރާ އެންމެ ރަނގަޅު ހަތިޔާރު ހުއްޓެވެ. އެބައިމީހުން ހަނގުރާމައަށް  އެތް ގެނައެވެ. އެ އެތްތަކުގެ ބުރަކަށީގައި ހައުޖަސްތައް ބަހައްޓާފައި ހުއްޓެވެ. ލަޝްކަރުގެ ކޮމާންޑަރަކަށް ހުރީ ރުސްތުމްއެވެ. މީގެ އިތުރަށް ހުރުމުޒާނާއި، ޖާލިނުސްއާއި، ބަހްމާން ފަދަ ހިތްވަރުގަދަ ފަހުލަވާނުން ހިމެނެއެވެ.

މުސްލިމުންގެ ލަޝްކަރުގައި 32,000 ސިފައިން ތިއްބެވެ. ފަހުން ސީރިޔާއިން 6,000 މީހުން އިސްލާމީ ލަޝްކަރާ ގުޅުނެވެ. ޖުމްލަ ތިބީ 38,000 މީހުންނެވެ. މުސްލިމުންގެ ލަޝްކަރުގެ ކޮމާންޑަރަކަށް ހުންނެވީ ސަޢުދު ބިން އަބީ ވައްޤާޞް ރަޟިޔަ ﷲ ޢަންހުއެވެ.

މި ހަނގުރާމަ ހިނގީ ހިޖުރައިން 15 ވަނަ އަހަރުގެ ޝަޢުބާންމަހުގެ 13 ވަނަ ދުވަހުގައެވެ. މީލާދީ ތާރީޚުން 20 ސެޕްޓެމްބަރު 636 ގައެވެ. ހަނގުރާމަ ދެމިގެންދިޔައީ ހަތަރު ދުވަހަށެވެ.

އިސްލާމީ ލަޝްކަރާއި އީރާނުގެ ލަޝްކަރު ވަކިވެފައި އޮތީ [ޢަތީޤު] އޭ ކިޔުނު ކޯރުންނެވެ. އީރާނުގެ މީހުން ކޯރު ހުރަސްކުރުމަށްޓަކައި ފާލަމެއް އަޅައިފައިވެއެވެ. އެބައިމީހުންގެ ހަނގުރާމަވެރިން ތިބީ އެތްތަކުގެ މަތީގައި ބަހައްޓައިފައިވާ ކޮށިތަކުގައެވެ. އޭރު އިސްލާމީ ލަޝްކަރުގެ އަމީރު ސަޢުދު ބިން އަބީ ވައްޤާޞް ރަޟިޔަ ﷲ ޢަންހު އުޅުއްވަނީ ނާރުފުޅުގެ އާލާސްކަންފުޅެއްގައެވެ. އެއާއެކުގައި ހަށިކޮޅުގައި ބިހިތަކެއް ނަގައިގެން އެ ކަމުގެ އުނދަގޫފުޅުތައްވެސް އެހާ ބޮޑެވެ. އާލާސްކަންފުޅުގެ ގޮތުން އަސްމައްޗަށް ސަވާރުވެވަޑައިގަތުމަށްވެސް އުޒުރުވެރިވެވަޑައިގަތެވެ. އެހެންކަމުން އެތަނުގައިވާ ގަދީމީ ގަނޑުވަރެއްގެ ފުރާޅުގެ މައްޗަށް މުސްލިމުންގެ އެހީގައި އެކަލޭގެފާނު އަރާވަޑައިގަތެވެ.  އެއަށްފަހު ފަތުރައިލެވިފައިވާ ރަޖާގަނޑެއްގެ މަތީގައި ބަނޑުން އޮށޯވެވަޑައިގެން އިސްލާމީ ލަޝްކަރު ރަނގަޅަށް ބައްލަވަމުން ގެންދެވިއެވެ. ސަޢުދުގެފާނު އެކަލޭގެފާނުގެ ނައިބެއްގެ ގޮތުން ޚާލިދު ބިން ޢުރްފުޠާ އައްޔަންކުރެއްވިއެވެ. އެކަލޭގެފާނު ސަޢުދުގެފާނުގެ އަމުރުފުޅުތައް ލަޝްކަރާ ހަމައަށް ގެންގޮސްދެއްވަމުން ގެންދެވިއެވެ.

- ނުނިމޭ

މިއަދު އޮންލައިން