މޫސުމީ ކަންކަމާއި ތިމާވެށީގެ ދާއިރާއިން ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މުހިންމު މަޝްވަރާތަކެއް ބާއްވައިފިއެވެ.
މި މަޝްވަރާތައް ކުރިއަށްދިޔައީ މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ޢަލީ ޝަރީފުއާއި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހިޒް އެކްސެލެންސީ ޖީ. ބާލަސުބްރަމާނިއަން ބޭއްވެވި ރަސްމީ ބައްދަލުކުރެއްވުމުގައެވެ.
މި ބައްދަލުވުމުގައި ދެ ޤައުމުގެ ދެމެދުގައި ތިމާވެށީގެ ދާއިރާއިން އެއްބާރުލުން އިތުރުކުރެވިދާނެ މުހިންމު ދާއިރާތަކަށް އަލިއަޅުއްވާލައްވައި ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައިވެއެވެ. އެގޮތުން، މޫސުމީ ޢިލްމު ކުރިއެރުވުމާއި، ވައިގެ ފެންވަރު ދެނެގަނެ ބެލެހެއްޓުމުގެ ނިޒާމުތައް ހަރުދަނާކުރުމާއި، ސެޓެލައިޓް މެދުވެރިކޮށް މަޢުލޫމާތު ބަދަލުކުރުމާ ގުޅޭގޮތުން ވަނީ ޚިޔާލު ބަދަލުކުރައްވާފައެވެ.
މީގެއިތުރުން، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ނޭދެވޭ އަސަރުތަކުން އަރައިގަތުމަށް ވިލުންތެރިކަން އިތުރުކުރުމާއި، ތިމާވެށި ބެލެހެއްޓުމުގެ ދާއިރާއިން އިންސާނީ ވަސީލަތް ތަރައްޤީކޮށް، ދިވެހި ފަންނީ މުވައްޒަފުންގެ ތަމްރީނާއި ޤާބިލުކަން އިތުރުކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި ވަނީ މަޝްވަރާކުރައްވާފައެވެ.
ރާއްޖެއަކީ މޫސުމީ ބަދަލުތަކުގެ ނުރައްކާ ބޮޑު ޤައުމަކަށްވުމާއެކު، އަވަށްޓެހި ޤައުމުތަކާ ގުޅިގެން މިފަދަ ދާއިރާތަކުން ޤާބިލުކަން އިތުރުކުރުމަކީ ސަރުކާރުން ޚާއްޞަ އިސްކަމެއް ދެއްވައިގެން ކުރިއަށްގެންދަވާ މުހިންމު ސިޔާސަތެކެވެ.
ހަބަރު: ސަރުކާރު