އޮތީ ކައިވެނީގެ ޙަފްލާގެ ފެންވަރު މަތިކުރަން ވާދަކުރުމެއް ނޫން! ގިނަބައަކަށް ދަޢުވަތުދީ ކައިވެނިކުރިކަން އެންގުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 43ސ
އޮތީ ކައިވެނީގެ ޙަފްލާގެ ފެންވަރު މަތިކުރަން ވާދަކުރުމެއް ނޫން! ގިނަބައަކަށް ދަޢުވަތުދީ ކައިވެނިކުރިކަން އެންގުން!

ކައިވެނިކުރުމަށްފަހު އެކަން ސިއްރުކޮށްގެން ތިބޭ މީހުންނަށް މިއީ ފިލާވަޅެކެވެ. ކައިވެނިކުރިކަން އިޢުލާނުކުރަންޖެހޭތީއެވެ. ވަލީމާގެ މަޤްޞަދަކީ އެއީ ކަމަށްވެފައި ވަލީމާ ބޭއްވުމަކީ ސުންނަތަކަށްވާތީއެވެ.  

ނ. ކައިވެނީގެ ވަލީމާ: 

ކައިވެނީގެ ވަލީމާ (ނުވަތަ ކައިވެނީގެ ހަފްލާ) އަކީ، ކައިވެނި ކުރެވުނުކަމުގެ އުފަލުގައި އެއްވެ އުޅޭ އެއްވުމެކެވެ. މިކަމުގެ އެންމެ މުހިއްމު މަޤްޞަދުތަކުގެ ތެރޭގައި ކައިވެނި އިޢުލާނުކުރުމަކީ އެންމެ މުހިއްމު އެއްމަޤްޞަދެވެ. 

ކައިވެނީގެ ވަލީމާ ބޭއްވުމަކީ ސުންނަތްކަމެއް ކަމާމެދު ޢިލްމުވެރިން އިއްތިފާޤްވެ ވަޑައިގަންނަވައެވެ. މިގޮތުން އަޅުގަނޑުމެންގެ މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހިވަސައްލަމަ، ޒައިނަބުގެފާނާއި ޞަފިއްޔަތުގެފާނާއި މައިމޫނާ ބިންތިލް ޙާރިޘް އާ ކައިވެނި ބައްލަވައިގެންނެވުމަށްފަހު ވަލީމާ ބޭއްވެވިއެވެ. ހަމައެހެންމެ، ކައިވެނީގެ ވަލީމާ ބޭއްވުމަށާއި، ކައިވެނި އިޢްލާން ކުރުމަށް އެކަލޭގެފާނު އަޅުގަނޑުމެނަށް އިރުޝާދު ދެއްވެވިއެވެ. އެކަލޭގެފާނު ޙަދީޘް ކުރައްވާފައިވެއެވެ.  

"أَوْلِمْ وَلَوْ بِشَاةٍ" މާނައީ: "ބަކަރިއަކުން ނަމަވެސް ވަލީމާ ދޭށެވެ." 

(ބުޚާރީ 2048، މުސްލިމް 1427)

އަދިވެސް ޙަދީޘް ކުރައްވާފައިވެއެވެ. "اعْلِنُوا النِّكَاحَ" މާނައީ: "ކައިވެނި އިޢްލާން ކުރާށެވެ." (އަޙްމަދު، އިބްނު ޙިއްބާން. އާދާބު އައްޒިފާފް ޞ.183) 

ކައިވެނީގެ ވަލީމާ، އިސްލާމްދީނާ ޚިލާފުކަންތައްތަކުން އެއްކިބާ ކުރުމަކީ ވާޖިބުކަމެކެވެ. މިގޮތުން ދެޖިންސުގެ މީހުން މަސްހުނިވުމާއި، މިއުޒިކު ކުޅުމާއި، ކާފަރުންގެ ކައިވެނީގެ އިޙްތިފާލުތައް ބާއްވާފަދައިން ބޭއްވުން ފަދަ ކަންކަމަކީ އިސްލާމްދީނާ ޚިލާފު ކަންތައްތަކެވެ. ހަމައެހެންމެ، ކާބޯތަކެއްޗާއި، އެހެންވެސް ތަކެތިން އިސްރާފުކުރުމަކީ ދީން ވަރަށް ބޮޑަށް މަނާކުރާ ކަންކަމެވެ. 

(ނުނިމޭ)

 

- ޝައިޚް މުޙައްމަދު ސިނާން

މިއަދު އޮންލައިން