4000 ހައުސިންގ ޔުނިޓާ ގުޅޭ 44 މައްސަލައެއް އެފްޑީސީން ބަލަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 3ސ
4000 ހައުސިންގ ޔުނިޓާ ގުޅޭ 44 މައްސަލައެއް އެފްޑީސީން ބަލަނީ

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްޤީކޮށްފައިވާ 4000 ހައުސިންގ ޔުނިޓާ ގުޅޭ 44 މައްސަލައެއް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ބަލަމުންދާކަން އެ ކޯޕަރޭޝަނުން ހާމަކޮށްފިއެވެ.

އެފްޑީސީން ބަލަމުންދާ މައްސަލަތަކުގެ ތެރޭގައި އެންމެ ގިނައީ އިމާރާތުގެ ސްޓްރަކްޗަރ އަދި އިންޓީރިއާއަށް ބަދަލު ގެނައުމުގެ މައްސަލަތަކެވެ. އެގޮތުން މިފަދަ 27 މައްސަލައެއް ބަލަމުންދާއިރު، ގަވާއިދާ ޚިލާފުވި އެއް ފަރާތެއް މިހާތަނަށް ވަނީ ޖޫރިމަނާކޮށްފައެވެ.

މީގެއިތުރުން ހުއްދަނެތި ފްލެޓް ކުއްޔަށް ދޫކުރުމުގެ 11 މައްސަލައެއް ވެސް އެ ކޯޕަރޭޝަނުން ދަނީ ބަލަމުންނެވެ. މި މައްސަލަތަކާ ގުޅިގެން އެއް ފަރާތެއް ޖޫރިމަނާކޮށްފައިވާއިރު، އިތުރު ދެ ފަރާތަކަށް ވަނީ ރަސްމީކޮށް ނޯޓިސް ދީފައެވެ.

ހަމައެހެންމެ، ކުނި އެޅުމުގެ ގަވާއިދާ ޚިލާފުވުމުގެ 3 މައްސަލައެއްގެ އިތުރުން، އާންމުންނަށް އުނދަގޫވާ ގޮތަށް އަޑުގަދަކުރުމާއި، ކަމާބެހޭ ފަރާތްތަކުން އަންގާ އެންގުންތަކަށް ޢަމަލުނުކުރުމުގެ މައްސަލަތައް ވެސް ދަނީ ފާހަގަކޮށް ބަލަމުންނެވެ.

ފްލެޓްތަކުގެ ކުލި ދެއްކުމުގެ ކަންކަމަށް ބަލާއިރު، 3405 ޔުނިޓަކުން ގަވާއިދުން ކުލި ދައްކަމުންދާ ކަމަށް އެފްޑީސީން ފާހަގަކުރެއެވެ. ނަމަވެސް ގަވާއިދުން ކުލި ނުދައްކާ 509 ޔުނިޓެއް އަދިވެސް ހުރިކަމަށް އެ ކޯޕަރޭޝަނުން ވަނީ ހާމަކޮށްފައެވެ.

މިއަދު އޮންލައިން