ފޯނު ކޯލެއް ލައިވް ކުރާނަމަ އެކަން ގުޅާ ފަރާތަށް ސާފުކޮށް އަންގަންޖެހޭނެ: މީޑިއާ ކޮމިޝަން

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 7ސ
ފޯނު ކޯލެއް ލައިވް ކުރާނަމަ އެކަން ގުޅާ ފަރާތަށް ސާފުކޮށް އަންގަންޖެހޭނެ: މީޑިއާ ކޮމިޝަން

ބްރޯޑްކާސްޓަރުން ފޯނު ކޯލެއް ލައިވް ކުރާނަމަ އެކަން ގުޅާ ފަރާތަކަށް ސާފުކޮށް އަންގަންޖެހޭނެ ކަމަށް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުން ވިދާޅުވެއްޖެއެވެ. މީޑިއާ ކޮމިޝަނުން މިގޮތަށް ބަޔާނެއް ނެރެފައިވަނީ، ދާދިފަހުން ރާއްޖޭގެ ޓީވީ ޗެނަލަކުން ސަރުކާރު ހިއްސާވާ ކުންފުންޏަކަށް ގުޅައި އެފޯނު ކޯލު ލައިވް ކުރުމުގެ ކަންބޮޑުވުން ފެންމަތިވެފައިވާ ދަނޑިވަޅެއްގައެވެ.

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުން ނެރުނު ނޫސްބަޔާނުގައި، ނޫސްވެރިންނާއި މީޑިއާގައި މަސައްކަތް ކުރާ ފަރާތްތަކުން ކޯލުތަކާއި، އިންޓަރވިއުތަކާއި، ލައިވް ޕްރޮގްރާމް ހިމެނޭހެން އެހެނިހެން މުޢާމަލާތްތައް ބްރޯޑްކާސްޓް ކުރުމުގައި ޢަމަލުކުރަންޖެހޭ ޤާނޫނުތަކާއި، ޤަވާއިދުތަކާއި ސުލޫކީ މިންގަނޑުތަކާއި ފަންނީ ހަމަތަކަށް ރިޢާޔަތް ކުރުމަށް ވަނީ ގޮވާލާފައެވެ. ޤާނޫނު އަސާސީގައި ކޮންމެ މީހެއްގެ ޒާތީ އަދި ޢާއިލީ ދިރިއުޅުމާއި، ގޯތި ގެދޮރާއި، އަނެކުންނާއި ކުރަންޖެހޭ ޒާތީ މުޢާމަލާތްތަކަކީ ޚުރުމަތްތެރިވެގެންވާ ކަންކަން ކަމަށް ބަޔާންކޮށްފައިވާއިރު، މި ހައްޤުތަކަށް ހުރިހާ ފަރާތަކުންވެސް އިޚްތިރާމް ކުރަންވާނެ ކަމަށް މީޑިއާ ކޮމިޝަނުން ފާހަގަކުރެއްވިއެވެ.

އެކޮމިޝަނުން ވިދާޅުވީ، މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ޤާނޫނުގައި މީޑިއާގައި މަސައްކަތް ކުރާ ފަރާތްތަކުން ދަމަހައްޓަންޖެހޭ ސުލޫކީ މިންގަނޑު ވަރަށް ތަފްސީލުކޮށް ކަނޑައަޅާފައިވާ ކަމަށެވެ. ވަކިން ޚާއްސަކޮށް އެ ޤާނޫނުގެ 39 ވަނަ މާއްދާގައި ވަކިވަކި ފަރުދުންގެ ކަރާމާތާއި އަބުރު އަދި ނަފްސުގެ ހުރުމަތް ރައްކާތެރިކުރުން ލާޒިމްކޮށްފައިވާ ކަމަށާއި، އިންސާނީ ހައްޤުތަކަށް އިޚުތިރާމް ކުރުމަށް ބާރުއަޅާފައިވާ ކަމަށްވެސް އެ ކޮމިޝަނުން ވިދާޅުވިއެވެ.

މީޑިއާ ކޮމިޝަނުގެ ބަޔާނުގައި އިތުރަށް ބަޔާންކޮށްފައިވަނީ، އާންމު މަސްލަހަތުގައި މައުލޫމާތު ހޯދުމާއި، އެ މައުލޫމާތެއް ހޯދި މަޤުޞަދަށް އެކަނި މައުލޫމާތު ބޭނުންކުރުމާއި، ސައްޚަކަން ކަށަވަރުކޮށް ޒާތީ މަޢުލޫމާތާއި މަސްދަރު ރައްކާތެރިކޮށް ސިއްރުކޮށް ހިފެހެއްޓުން މިއޮނިގަނޑުގައި ހިމެނޭ ކަމަށެވެ.

އެހެންކަމުން، ބްރޯޑްކާސްޓަރުންނާއި މީޑިއާގައި މަސައްކަތް ކުރާ ފަރާތްތަކުން މީޑިއާގެ ސުލޫކީ މިންގަނޑުތަކާއި ބްރޯޑްކާސްޓަރުން ޢަމަލުކުރަންޖެހޭ މިންގަނޑުތަކުގައިވާ ފަދައިން، އަމިއްލަ ދިރިއުޅުމުގެ ސިއްރު ހިފެހެއްޓުމަށާއި، އިންޓަރވިއުތަކާއި، ރެކޯޑިންގތައް އަދި މައުލޫމާތު އެއްކުރުމާ ގުޅޭގޮތުން ކަނޑައަޅާފައިވާ ފަންނީ ޒިންމާތަކަށް ސަމާލުވުމަށް އެ ކޮމިޝަނުން ވަނީ ހަނދާންކޮށްދީފައެވެ.

މިއަދު އޮންލައިން