ސަރުކާރުގެ ތިން ވުޒާރާއެއް ހިންގަމުންދިޔަ އިމާރާތްތަކުގައި އަލިފާން ރޯވި މައްސަލައާ ގުޅިގެން ކުރީގެ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ދެއްކެވި ވާހަކަފުޅުތަކާ ގުޅިގެން އެމަނިކުފާނުގެ ފަރާތްޕުޅުން މަޢުލޫމާތު ސާފުކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތަށް ދަންނަވާފައިވާ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
ވަޒީރު ޢަލީ އިޙްސާން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ސަރުކާރުގެ 3 ވުޒާރާއެއް ހިންގަމުންދިޔަ އިމާރާތްތައް އަންދައިގެން ގޮސްފައިވާ މައްސަލައާ ގުޅިގެން ދިވެހި ފުލުހުންނާއި އެކުވެރި ޤައުމުތަކުގެ ތަހުޤީގު މާހިރުން ގުޅިގެން ކުރި ތަހުގީގުން ހޯދިފައިވަނީ އެ ހާދިސާ ހިނގާފައިވަނީ ކަރަންޓު ނަރުތަކުގައި ރޯވެގެން ކަމަށެވެ. އަދި އެއްވެސް މީހަކަށް މި މައްސަލާގައި ޖިނާއީ ތުހުމަތެއް ކުރާނެ އެއްވެސް ހެއްކެއް ތަހުގީގަށް ލިބިފައިނުވާ ކަމަށް ފުލުހުން މައުލޫމާތު ދީފައިވާ ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
ނަމަވެސް، 5 ސެޕްޓެމްބަރ 2026 ގައި ކުރީގެ ރައީސް ޔާމީން ދެއްކެވި ވާހަކަފުޅުގައި އެ އިމާރާތްތަކުގައި އަލިފާން ރޯކޮށްލާފައިވާ ކަމަށާއި އެކަން ކުރި މީހާވެސް ފުލުހުންނަށް އެނގޭ ކަމަށް މުތުލަގުކޮށް ވިދާޅުވެފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އެހެންކަމުން މި މައްސަލާގައި އެމަނިކުފާނަށް އެނގިވަޑައިގަންނަވާ މަޢުލޫމާތު ސާފުކުރައްވައި، ތަހުޤީގުގައި އިތުރަށް ބައްލަވަންޖެހޭ ކަމެއް ހުރިނަމަ އެކަން ބެއްލެވުމަށް ފުލުހުންނަށް އަންގަވާފައިވާނެ ކަމަށް ވަޒީރު އިޙްސާން ވިދާޅުވިއެވެ.
މީގެއިތުރުން، ދިވެހި ފުލުހުންގެ މައްޗަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ތުހުމަތު ތަހުޤީގުކޮށް ދެއްވުމަށް އެދި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އަށް ވެސް ދަންނަވާފައިވާނެ ކަމަށް ދާޚިލީ ވަޒީރުގެ ޕޯސްޓުގައި ހާމަކުރައްވާފައިވެއެވެ.