ކަނޑުފަޅުގެ ދިރުންތައް ހިމާޔަތްކުރުމަށް އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމުގެ މަޤުސަދުގައި، އެއް ތަނެއްގައި އެއްވަގުތެއްގައި އެންމެ ގިނަ މީހުން ސްނޯކްލިންގ ކުރުމުގެ ގިނީސް ވޯލްޑް ރެކޯޑް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކާމިޔާބުކަމާއެކު ގާއިމްކޮށްފިއެވެ.
ނިވާ ކުރުނބާ މޯލްޑިވްސްގައި ކުރިއަށްދިޔަ މި ހަރަކާތުގައި، ދުނިޔޭގެ ރެކޯޑް މުގުރާލުމަށްޓަކައި ޖުމްލަ 314 މީހުން ވަނީ އެއްވަގުތެއްގައި ސްނޯކްލިންގ ހަދައި ބައިވެރިވެފައެވެ.
މި ކާމިޔާބީއާ ގުޅިގެން ބީއެމްއެލްއިން ހާމަކޮށްފައިވާ ގޮތުގައި، މިއީ ރާއްޖޭގެ ނާޒުކު ފަރުތަކުގެ ރީތިކަން އަމިއްލައަށް ތަޖުރިބާކޮށް، އެ ތަންތަން ހިމާޔަތްކުރުމުގައި އެންމެން ގުޅިގެން ޒިންމާދާރުކަމާއެކު މަސައްކަތްކުރުމަށް ހިތްވަރު ދިނުމުގެ ގޮތުން ހިންގުނު ހޭލުންތެރިކަމުގެ އިސްނެގުމެކެވެ.
މި ހަރަކާތް ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމުގައި ބައިވެރިވި އެންމެހާ ޕާޓްނަރުންނަށް ޝުކުރު އަދާކުރަމުން، ބީއެމްއެލްއިން ބުނެފައިވަނީ "މި އިވެންޓް ކާމިޔާބުވީ އަޅުގަނޑުމެންގެ ފުރިހަމަ ޕާޓްނަރުންގެ އެހީތެރިކަމާއެކު" ކަމަށެވެ.