މަދަނީ ކުދި މައްސަލަތައް އަވަސްކުރުމަށް ކޯޓެއް ޤާއިމްކުރުމަށް ޤާނޫނު އިސްލާޙުކުރަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 30ސ
މަދަނީ ކުދި މައްސަލަތައް އަވަސްކުރުމަށް ކޯޓެއް ޤާއިމްކުރުމަށް ޤާނޫނު އިސްލާޙުކުރަނީ

މަދަނީ ކުދިކުދި މައްސަލަތައް ފަސޭހައިން ކޯޓަށް ހުށަހެޅޭނެ އިންތިޒާމު ހަމަޖައްސައި، އެފަދަ މައްސަލަތައް އަވަހަށް ހައްލުކުރުމަށް ޚާއްޞަ ކޯޓެއް ޤާއިމްކުރުމަށްޓަކައި ޤާނޫނަށް ގެންނަންޖެހޭ އިސްލާޙުތައް ގެންނަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ 3 ވަނަ ދައުރު ހުޅުވުމާއެކު، ކޯޓުތަކާއި ބެހޭ ޤާނޫނަށް ބައެއް އިސްލާޙުތައް ހުށަހަޅުއްވާނެ ކަމަށެވެ. އަދި މަދަނީ މައްސަލަތައް ކުރިއަށް ގެންދިއުމުގައި ދިމާވާ ދަތިތައް ހައްލުކޮށް، މައްސަލަތައް އަވަސްކުރުމަށާއި، މަދަނީ މައްސަލަތަކުގެ މަރުހަލާ ފަސޭހަކުރުމުގެ ގޮތުން މަދަނީ އިޖުރާޢަތުގެ ޤާނޫނަށްވެސް އިސްލާޙު ހުށަހަޅުއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެއިތުރުން، ވިޔަފާރިތަކާއި ގުޅުންހުރި މައްސަލަތައް އަވަސްކުރުމަށް އިސްލާޙުތަކެއް ހުށަހަޅުއްވާނެކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، އެ އަމާޒަށް ވާސިލްވުމަށްޓަކައި ސިވިލް ކޯޓުގައި ކޮމާޝަލް ޑިވިޜަނެއް ނުވަތަ ވަކި ކޯޓެއް ޤާއިމްކުރުމަށް ނިންމަވާފައިވާ ކަމަށެވެ.

"ސްމޯލް ކްލެއިމްސް ކޯޓެއް ޤާއިމްކުރުން މިއީ މެނިފެސްޓޯގައި ވެސް ހިމަނާފައިވާނެކަމެއް. އޭރުން ކުދިކުދި މައްސަލަތައް މިސާލަކަށް 1 ލައްކައަށް ވުރެ ކުދި މައްސަލަތައް އަވަހަށް ހުށަހެޅި އަވަަހަށް ނިންމާލެވޭނެ. އަވަހަށް މައްސަލަތައް ހުށަހެޅި ނިންމޭ ގޮތަށް ކުދިކުދި ވިޔަފާރިތަކަށްވެސް ފަސޭހަވާނެ،" ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވީ ދައުލަތުގެ ނިޒާމަކީ ޚަރަދު ކުޑަ ނިޒާމަކަށް ބަދަލުކުރުމަކީ ސަރުކާރުގެ މުހިންމު އަމާޒެއް ކަމަށެވެ. އަދި ޝަރުޢީ ނިޒާމު މިނިވަންކުރުމަށާއި، އެ ނިޒާމު އިތުރަށް ހަރުދަނާކުރުމަށްޓަކައި މިހާތަނަށް މި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކޮށްފައިވާނެ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މިއަދު އޮންލައިން