ރާއްޖޭގައި ނެތެމުންދާ އިޙްތިރާމްކުރުމުގެ ރިވެތި އާދަ އަލުން އިޔާދަކުރުމަށް ސަރުކާރުން އިސްނަގައިގެން ކުރިއަށްގެންދާ "އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު" ގައި ބައިވެރިވުމަށް ދިން ދަޢުވަތު އިދިކޮޅު ސިޔާސީ ޕާޓީތަކުން ޤަބޫލުނުކުރުމަކީ ހިތާމަހުރި ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އަދި ޤައުމާމެދު އިޚްލާޞްތެރިވެ، ޢަމަލާއި ބަހުން އެކަން ދެއްކުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އިލްތިމާސްކުރައްވާފައެވެ.
ދިވެހި މުޖުތަމަޢުގައި އިޙްތިރާމްކުރުމުގެ ސިފަ އިޔާދަކުރުމުގެ ގޮތުން މި މަޝްރޫޢު ރާއްޖޭގެ ހުރިހާ ރަށެއްގައި ކުރިއަށްގެންދިއުމަށް ވަޒީރުންގެ މަޖިލީހުން ވަނީ ނިންމަވާފައެވެ. މި މަޝްރޫޢަކީ މުޅި މުޖުތަމަޢުގެ ބައިވެރިވުން ބޭނުންވާ މުހިންމު ޤައުމީ މަސައްކަތެއްކަން ސަރުކާރުން ފާހަގަކުރައްވައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައިކުރިއަށްގެންދެވި ނޫސްވެރިންގެ ބައްދަލުވުމުގައި، ރައީސް ވިދާޅުވީ ދިވެހިރާއްޖެއަކީ މާޒީގައި ވަރަށް ބޮޑަށް އެކަކު އަނެކަކަށް އިޙްތިރާމްކުރި މުޖުތަމަޢެއް އޮތް ތަނެއް ކަމަށެވެ. އެގޮތުން އަވައްޓެރިންނާއި، ކުޑަކުދިންނާއި، ދޮށީ އުމުރުގެ މީހުންނަށް އަދި މުޅި މުޖުތަމަޢުގެ އެންމެންނަށްވެސް އިޙްތިރާމް އަދާކުރަމުން ދިޔަ ކަމަށް ވިދާޅުވިއެވެ.
"މިއީ ވަރަށް އިޙްތިރާމްކުރާ މުޖުތަމަޢެއް އޮތް ތަނެއް. އަވައްޓެރިންނާއި، ކުޑަކުދިންނާއި، މުސްކުޅިންނާއި އެންމެންނަށް. އެހެން ނަމަވެސް މަޑުމަޑުން މަޑުމަޑުން އިރޯޑުވަމުން އިރޯޑުވަމުން ގޮސް މިހާރު ގާތްގަނޑަކަށް ނެތިއްޖެއެކަންތައް. ހިނގާށޭ އެކަން އަނެއްކާވެސް އިޔާދަކުރަން. ސިޔާސީ ޕާޓީތަކުން، ނޫސްވެރިން ޖެހޭނެ މީގައި ބައިވެރިވާން،" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މިފަދަ ޤައުމީ މަސައްކަތްތަކުގައި ސިޔާސީ ފިކުރު އެއްކިބާކޮށް، ޤައުމީ ލާބައަށްޓަކައި ހުރިހާ ފަރާތްތަކަކުން ޚާއްޞަކޮށް ސިޔާސީ ޕާޓީތަކާއި ނޫސްވެރިން ގުޅިގެން މަސައްކަތްކުރުމަކީ މުހިންމު ކަމެކެވެ.