ހުޅުމާލެއިން ދުވަހު ކުއްޔަށާއި މަހު ކުއްޔަށް އެޕާޓްމަންޓް ކުއްޔަށްދޭކަމަށް ބުނެ، ސޯޝަލް މީޑިއާގެ އެކި މަންސަތައް މެދުވެރިކޮށް މަކަރާއި ހީލަތުން ފައިސާ ހޯދަމުންދާ މައްސަލަތަކެއް ފާހަގަކުރެވިފައިވާތީ އެކަމަށް ސަމާލުވުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އިލްތިމާސްކޮށްފިއެވެ. ފުލުހުންގެ ތަހުގީގުތަކުން އެނގިފައިވާ ގޮތުގައި، މިފަދަ މަކަރާއި ހީލަތް ހަދާ ފަރާތްތަކުން ދަނީ ސޯޝަލް މީޑިއާގައި ފޭކް އެކައުންޓްތައް ހަދައިގެން ހަރަކާތްތެރިވަމުންނެވެ. އެގޮތުން "Hulhumale Daily Rent Apartment" (@hulhumaleapartment) ފަދަ ޓިކްޓޮކް އެކައުންޓްތަކާއި 7217905 (960+) ނަންބަރު ބޭނުންކޮށްގެން މިފަދަ އޮޅުވާލުންތައް ހިންގަމުންދާކަން ވަނީ ފާހަގަކުރެވިފައެވެ. މީގެ އިތުރުން، މިފަދަ މައްސަލަތަކުގައި ފައިސާ ޓްރާންސްފަރ ކުރާ އެކައުންޓްތަކުގެ ވެރިފަރާތްތަކުގެ ބައިވެރިވުމެއް މިފަދަ މަކަރާއި ހީލަތުގެ އަމަލުތައް ހިންގުމުގައި ނޯންނަކަންވެސް ތަހުގީގަށް ވަނީ ފާހަގަކުރެވިފައެވެ. ފުލުހުން ހާމަކޮށްފައިވާ ގޮތުގައި މިފަދަ ފަރާތްތަކުން މީހުން ޝައުގުވެރިކުރުވުމަށްޓަކައި އެހެން ފަރާތްތަކުގެ އެޕާޓްމަންޓްތަކުގެ ވީޑިއޯއާއި ފޮޓޯ ވަގަށް ނަގައިގެން ބޭނުންކުރުމާއި، އެކަށީގެންނުވާ ހެޔޮ އަގުތަކުގައި ކުއްޔަށްދޭކަމަށް ބުނެ އިޝްތިހާރު ކުރެއެވެ. އަދި މެސެޖިންގ ޕްލެޓްފޯމްތަކުން މުއާމަލާތްކުރަން ފެށުމުން، އެޕާޓްމަންޓް ހޯދުމަށް އެހެން ކަސްޓަމަރުންވެސް އެދެމުންދާ ކަމަށް ބުނެ އަވަސްއަރުވާލައި، ބުކިންގ ކަށަވަރުކުރުމަށް ވަގުތުން 2،550 ރުފިޔާއާއި 10،000 ރުފިޔާއާ ދެމެދުގެ އަދަދަކުން އެޑްވާންސް ފައިސާ ވަކި އެކައުންޓްތަކަކަށް ޖަމާކުރުމަށް ޑިމާންޑްކުރެއެވެ. މީގެ އިތުރުން، އިތުބާރު ހޯދުމުގެ ގޮތުން ވަގަށް ނަގާފައިވާ އައިޑީ ކާޑާއި ސައްހަނޫން ލިޔެކިޔުންތައް ޗެޓް މެދުވެރިކޮށް ފޮނުވުމަށްފަހު، ފައިސާ ޓްރާންސްފަރ ކުރި ސްލިޕް ފޮނުވުމާއެކު މުއާމަލާތްތައް ވަގުތުން ހުއްޓާލައި، އެޕާޓްމަންޓް ހަވާލުނުކޮށް އަދި ފައިސާވެސް އަނބުރާ ނުދޭކަން ފުލުހުން ފާހަގަކޮށްފައިވެއެވެ. މިފަދަ ކަންކަމުން ރައްކާތެރިވުމުގެ ގޮތުން، އެޕާޓްމަންޓަށް އަމަލީގޮތުން ގޮސް ބަލައި، އިމާރާތުގެ ވެރިފަރާތް ނުވަތަ ހުއްދަ އޮތް އެޖެންޓާ ބައްދަލުނުކޮށް އެއްވެސް އެޑްވާންސް ފައިސާއެއް ނުވަތަ ބުކިންގ ފީއެއް ޓްރާންސްފަރ ނުކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ކުއްޔަށް ހިފުމުގެ އެއްބަސްވުންތައް ހެދުމުގެ ކުރިން، ތަނުގެ މިލްކުވެރިކަން ސާބިތުކޮށްދޭ ސައްހަ ލިޔުމެއް ނުވަތަ ތަން ކުއްޔަށްދިނުމުގެ ރަސްމީ ހުއްދަ އޮތްކަން ޔަގީންކުރުމަށާއި، ވަގުތު ކުޑަތަންވެފައިވާ ކަމަށް ބުނެ އަވަހަށް އޮންލައިންކޮށް ފައިސާ ޓްރާންސްފަރ ކުރުމަށް މަޖުބޫރުކުރާ ހާލަތްތަކުގައި ފައިސާ ނުދެއްކުމަށްވެސް ވަނީ އަންގާފައެވެ. މީގެ އިތުރުން، ސައްހަކަން ކަށަވަރުނުވާ ސޯޝަލް މީޑިއާ ޕްރޮފައިލްތަކާއި ޕްރައިވެޓް މެސެޖިންގ އެޕްލިކޭޝަންތައް މެދުވެރިކޮށް އެކަނި މާލީ މުއާމަލާތްތައް ނުހިންގުމަށްވެސް ފުލުހުން ވަނީ އެދިފައެވެ. މި އޮޅުވާލުމުގެ ޝިކާރައަކަށްވެފައިވާ ފަރާތްތަކާއި، ފޯނު ނަންބަރު 7217905 (960+) އަށް ފައިސާ ޓްރާންސްފަރ ސްލިޕް ފޮނުވާފައިވާ ފަރާތްތަކުން، ނުވަތަ މިފަދަ އެއްވެސް މަކަރާއި ހީލަތުގެ އަމަލެއް ފާހަގަކުރެވިއްޖެނަމަ ލަސްނުކޮށް ދިވެހި ފުލުހުންގެ ޚިދުމަތުގެ ހޮޓްލައިން 3322111 އަށް ގުޅުއްވައި ނުވަތަ ފުލުހުންގެ އެންޓި-ސްކޭމް ސެންޓަރަށް ރިޕޯޓުކުރުމަށް ފުލުހުން ވަނީ އެދިފައެވެ.