އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 38 ސިކުންތު
ސުޕްރީމް ކޯޓުގައި ހުސްވެފައިވާ ދެ ފަނޑިޔާރުންގެ މަގާމަށް ހައި ކޯޓުގެ ފަނޑިޔާރު މުހައްމަދު ސަލީމް އާއި ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުﷲ ހަމީދު އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ލަފާ ދިނުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.
ޖޭއެސްސީ އިން މި ނިންމުން ނިންމާފައިވަނީ އަންގާރަ ދުވަހު ބޭއްވި ކޮމމިޝަނުގެ ޖަލްސާގައެވެ. ސުޕްރީމް ކޯޓުގެ ބެންޗުގައި ހުސްވެފައިވާ ފަނޑިޔާރުކަމުގެ ދެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ޖޭއެސްސީ އިން ކުރިން ހުޅުވާލުމާ ގުޅިގެން، ގިނަ ފަރާތްތަކަކުން ވަނީ ކުރިމަތިލާފައެވެ.
ކުރިމަތިލި ފަރާތްތަކުގެ ތެރޭގައި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަދި ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މިހާރުގެ ރައީސް އަބްދުލްޣަނީ މުހައްމަދު، ހައި ކޯޓުގެ ކުރީގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާނު، ކްރިމިނަލް ކޯޓުގެ ކުރީގެ އިސްގާޒީ އަހުމަދު ހައިލަމް އަދި ކުރީގެ މެޖިސްޓްރޭޓް މުހައްމަދު ރާޣިބް އަހުމަދު ހިމެނެއެވެ. މީގެ އިތުރުން، ސިވިލް ކޯޓުގެ ކުރީގެ ގާޒީ އަދި ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް މަރިޔަމް ނިހާޔަތު، ކުރީގެ އެސިސްޓެންޓް ޕީޖީ އައިޝަތު ފަޒްނާ އަހުމަދު، އަދި ގާނޫނީ ވަކީލު އަދި ކުރީގެ މަޖިލިސް މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ވައްޑެ) ވެސް ވަނީ ކުރިމަތިލާފައެވެ.
ޖޭއެސްސީން ކުރިމަތިލި ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ހޮވާފައިވަނީ ހައި ކޯޓުގެ ފަނޑިޔާރު މުހައްމަދު ސަލީމް އާއި ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުﷲ ހަމީދެވެ. މި ދެ ނަން ރައްޔިތުންގެ މަޖިލީހަށް ފޮނުވުމަށް ރައީސުލްޖުމްހޫރިއްޔާއަށް ލަފާ ދިނުމަށް ޖޭއެސްސީން ވަނީ ނިންމާފައެވެ.
މި ނިންމުމާ ގުޅިގެން ދެން އޮންނާނީ ރައީސުލްޖުމްހޫރިއްޔާ މި ދެ ނަން ރައްޔިތުންގެ މަޖިލީހަށް ފޮނުވުމެވެ. އަދި މަޖިލީހުން ފާސްވުމުން، ރައީސުލްޖުމްހޫރިއްޔާ މި ދެ ފަރާތް ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރުމެވެ.
Advertisement
28 މެއި 2025