އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 30 ސިކުންތު
ދިވެހިރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް މަސައްކަތްކުރާ މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން، ވިޒިޓް މޯލްޑިވްސް ލޯކަލް އެމްބެސެޑަރަށްޝިޕް ޕްރޮގްރާމްގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފިއެވެ.
އެމްއެމްޕީއާރުސީން ވިދާޅުވީ މި ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ކުރިއެރުވުމަށް، އެކި ދާއިރާތަކުގެ ދިވެހި ފަންނާނުންނާއި އުފެއްދުންތެރިންގެ މަސައްކަތްތަކާއި، ތަފާތު ފަންނީ އުފެއްދުންތައް ދައްކުވައިދިނުމަށް ޝައުޤުވެރިވާ ފަރާތްތަކާއެކު މަސައްކަތްކުރުން ކަމަށެވެ. މީގެ އިތުރުން، މި ޕްރޮގްރާމްގެ ދަށުން ދިވެހި ސަޤާފަތާއި، ތަރިކައާއި، އުފެއްދުންތައް މުޅި ދުނިޔެއާ ހިއްސާކުރުމަށްވެސް މަސައްކަތް ކުރެވޭނެ ކަމަށް އެމްއެމްޕީއާރުސީން ފާހަގަކުރިއެވެ.
މި ޕްރޮގްރާމްގައި ބައިވެރިވާ ފަރާތްތަކަށް ވިޒިޓް މޯލްޑިވްސް ލޯކަލް އެމްބެސެޑަރއެއްގެ ހައިސިއްޔަތުން ދިވެހިރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް ސީދާ މަސައްކަތްކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މީގެއިތުރުން، އެމްބެސެޑަރުންނަށް ބައިނަލްއަގުވާމީ ޕްލެޓްފޯމްތަކުގައި ފުޅާ ވިޒިބިލިޓީއެއް ލިބި، އެ ފަރާތްތަކުގެ ފަންނާއި ހުނަރު ދުނިޔެއަށް ދައްކުވައިދިނުމުގެ ފުރުސަތު ވެސް ލިބިގެންދާނެ ކަމަށް އެމްއެމްޕީއާރުސީން ވިދާޅުވިއެވެ.
އެމްއެމްޕީއާރުސީން ވިދާޅުވެފައިވަނީ، އުފެއްދުންތެރި އަދި ޤައުމުގެ އަމިއްލަވަންތަކަމާއި، ސަޤާފަތާއި، ޤުދުރަތީ ރީތިކަން ތަމްސީލުކުރުމަށް ޝައުޤުވެރިވާ ހުރިހާ ދިވެހި ފަންނާނުންނަށް މި ޕްރޮގްރާމްގައި ބައިވެރިވެވޭނެ ކަމަށެވެ. މި ފުރުސަތުގެ ބޭނުން ހިފުމަށް ހިތްވަރު ދެއްވާ ކަމަށް ވެސް އެމްއެމްޕީއާރުސީން ވިދާޅުވިއެވެ.
މި ޕްރޮގްރާމްގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން، އެ ފަރާތެއްގެ ވަނަވަރާއި (CV)، ފަންނީ ޕޯޓްފޯލިއޯ އަދި ދިވެހިރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް ހުށަހަޅާ ޚިޔާލުތައް ހިމެނޭ ކުރު ޕްރޮޕޯޒަލްއެއް ތައްޔާރުކޮށް [email protected] އަށް އީމެއިލް ކުރުމަށް އެމްއެމްޕީއާރުސީން ވަނީ އެދިފައެވެ.
މި ޕްރޮގްރާމަކީ ދިވެހިރާއްޖޭގެ ރީތިކަމާއި ސަޤާފަތް ދުނިޔެއަށް ފުޅާ ދާއިރާއެއްގައި ފޯރުކޮށްދިނުމަށް ލިބިގެންދާ ރަނގަޅު ފުރުސަތެކެވެ.
Advertisement
6 ޖުލައި 2025