ޑރ. ޝަހީމްގެ އަޑުފުޅުން ރެކޯޑް ކުރެއްވި ޢަންމާފޮތުގެ އޯޑިއޯ ސީޑީީ ނެރެފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 49ސ
ޑރ. ޝަހީމްގެ އަޑުފުޅުން ރެކޯޑް ކުރެއްވި ޢަންމާފޮތުގެ އޯޑިއޯ ސީޑީީ ނެރެފި
އިސްލާމިކް ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ އަދި ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދި ޝަހީމް ޢަލީ ސަޢީދުގެ އަޑުފުޅުން ރެކޯޑް ކުރެއްވި ކީރިތި ޤްރްއާނުގެ ޢަންމާ ފޮތުގެ އޯޑިއޯ ސީޑީ ނެރެފިއެވެ.

ހޮޓެލް ޖެންގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި މިސީޑީ ނެރެދެއްވީ ޑރ. ޝަހީމްގެ ދަރިކަލުން ޢަބްދުﷲ މާހިލް މުޙައްމަދު ޝަހީމް އެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޑރ. ޝަހީމްގެ އުސްތާޛެއް ކަމަށްވާ ޢަބްދުﷲ ޢިމާދް ވިދާޅުވީ ޑރ. ޝަހީމް އަކީ ކުޑައިރުންސުރެ އެދުރުންގެ ބަސް ޤަބޫލުފުޅު ކުރައްވައި ކީރިތިޤްރްއާނުގެ ޢިލްމު އުނގެނިވަޑައިގަތުމަށް ގަދައަޅުއްވައި މަސައްކަތް ކުރެއްވި ދަރިވަރެއް ކަމަށެވެ.

ޢިމާދް ވިދާޅުވީ މިއަދު ފެނިގެން މިދަނީ އެދުވަހު ޑރ. ޝަހީމް ކުރެއްވެވި މަސައްކަތްޕުޅުގެ ނަތީޖާ ކަމަށެވެ. އަދި ޑރ. ޝަހީމަށް ލިބިވަޑައިގަންނަވަމުންދާ ކާމިޔާބީތަކުގެ ހަޤީޤީ ސަބަބަކީ އެމަނިކުފާނު ކީރިތި ޤްރްއާނަށް ލޯބިކުރައްވާ މިންވަރު ކަމަށެވެ.

މިސީޑީ އަބާޔާ ފިހާރައިންނާއި މެސެޖް އޮފް އިސްލާމް ފިހާރައިން ގަންނަން ލިބެން ހުންނާނެއެވެ. ހޯލްސޭލްކޮށް ދޫކުރާނީ ޖަމިއްޔަތުއް ރަޙްމާ އިންނެވެ. ޙޯލްސޭލްކޮށް ގަންނަން ބޭނުންވާ ފަރާތްތަކުން 2525 972 ނަމްބަރު ފޯނަށް ގުޅުމުން އެކަން ހަމަޖައްސައިދޭނެއެވެ.
ސީޑީ ވިއްކަން ބޭނުންވާ ހުރިހައި ފަރާތްތަކަށް ހޯލްސޭލް އަގުތަކަށް ސީޑީ ވިއްކުމަށް ވަނީ ހަމަޖެހިފައެވެ.

ރޭގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޑރ. ޝަހީމް ވިދާޅުވީ ސީޑީ ވިއްކައިގެން ލިބޭ އެންމެ ލާރިއެއްވެސް އެމަނިކުފާނު ބޭނުންފުޅު ނުކުރައްވާނެ ކަމަށެވެ.

"މިއީ ﷲއަށްޓަކައި ކީރިތި ޤްރްއާނުގެ ކަންކަން ދިރުވައި ކުރިއަރުވަން އަޅުގަނޑު ކުރި ވަޤްފެއް. މިސީޑީ ވިއްކުމުގެ އެންމެހައި ޙައްޤުތަކެއް އަޅުގަނޑު ދީފައިވާނީ ޖަމިއްޔަތުއް ރަޙްމާއަށް."

ޑރ. ޝަހީމް ވިދާޅުވީ މި ސިޑީ ވިއްކައިގެން ލިބޭ ހުރިހައި ފައިސާއެއް ވެސް އެ ޖަމިއްޔާއިން ޚަރަދުކުރާނީ ކީރިތި ޤްރްއާނުގެ ޢިލްމުފެތުރުމަށް ކަމަށެވެ. ކީރިތި ޤްރްއާނާއިމެދު ރައްޔިތުން ހޭލުންތެރި ކުރުވުމަށާއި ކީރިތި ޤްރްއާން އުނގަންނައިދިނުމާއި ކީރިތި ޤްރްއާން ކިޔެވުމުގެ މުބާރާތްތަކަށް ފަދަ ކަންކަމަށް ކަމަށެވެ.

ޑރ. ޝަހީމް ވިދާޅުވީ ކީރިތި ޤްރްއާނުގެ ދެން އޮތް 29 ފޮތް ވެސް ރެކޯޑް ކުރައްވާނެ ކަމަށެވެ. އަދި ފޮތެއް ރެކޯޑް ކުރައްވައި ނިމުމުން އެ ފޮތެއްގެ ސީޑީ ނެރުއްވަމުން ގެންދަވާނެ ކަަމަށެވެ. "އަޅުގަނޑުގެ އުންމީދަކީ އަހަރެއްހައި ދުވަސް ތެރޭގައި މަސައްކަތް ނިންމައިލުން. ކަންކަން ކުރިއަށްދާ ގޮތަކުން ތަންކޮޅެއް ލަސްވި ނަމަވެސް ދެ އަހަރު ތެރޭގައި އެކުގައި ނެރުއްވަވާނެ ކަމަށް ވެސް ޑރ. ޝަހީމް ވިދާޅުވިއެވެ.

ޑރ. ޝަހީމް ވަނީ ކީރިތި ޤްރްއާނަށް ޚިދުމަތްކުރެއްވުމުގެ މަސައްކަތުގައި ދެމިހުންނެވުމަށް އެމަނިކުފާނުގެ ދަރިކަލުން ޢަބްދުﷲ މާޙިލްއަށް ވަޞިއްޔަތްކުރައްވާފައެވެ.

ސީޑީ ނެރުމުގެ ކަންކަމަށް ރާއްޖޭގެ ބޮޑެތި ބައެއް ކުންފުނިތަކުންނާއި އިސްލާމިކް ބޭންކުން ސްޕޮންސަރކޮށްފައި ވާތީ އެފަރާތްތަކަށް ޑރ. ޝަހީމް ވަނީ ޝުކުރު އަދާކުރައްވާފައެވެ.

ރޭގެ ރަސްމިއްޔާތުގައި ޑރ. ޝަހީމްގެ މަންމާފުޅާއި ބައްޕާފުޅު އަދި ޢާއިލާގެ ގިނަ ބޭފުޅުންނާއި ގާތް ރަޙްމަތްތެރިން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ސީޑީ ރެކޯޑް ކުރުމުގެ މަސައްކަތްތަކުގައި އެހީތެރިވެދިން ފަރާތްތަކުންވެސް ބައިވެރިވިއެވެ.
މިއަދު އޮންލައިން