އޭޝިއަން ޔޫތު ނެޓްބޯލް ޗެމްޕިއަންޝިޕްގައި ރާއްޖެ، ހޮންގކޮންގ މެޗު ހޮންގކޮންގ ކާމިޔާބުކޮށްފިއެވެ.
ދެކުނު ކޮރެއާގެ ޖިއޮންޖޫގައި މިހާރު ކުރިއަށްދާ މި މުބާރާތުގައި ހޮންގކޮންގ އިން މި މެޗު ކާމިޔާބުކުރީ 61-14 ޕޮއިންޓުންނެވެ.
މި މެޗުގެ ފުރަތަމަ ކްއާޓަރގައި ހޮންގކޮންގ ޓީމުން 19 ޕޮއިންޓުގެ ލީޑެއް ނަގާފައިވީ ނަމަވެސް، ދެވަނަ ކްއާޓަރގައި ރާއްޖޭގެ 21 އަހަރުން ދަށުގެ ނެޓްބޯޅަ ޓީމު ވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ.
މި މުބާރާތުގައި ރާއްޖޭގެ ޓީމުން މިހާތަނަށް 3 މެޗު ކުޅެފައިވާ އިރު، ޕާކިސްތާނާއި ބައްދަލުކުރި މެޗު 49-7 ޕޮއިންޓުން ކާމިޔާބުކޮށްފައިވާ އިރު، ތައިލެންޑާއި ބައްދަލުކުރި މެޗު ތައިލެންޑުން ކާމިޔާބުކޮށްފައިވަނީ 60 ޕޮއިންޓު 28 ޕޮއިންޓުންނެވެ.
ރާއްޖެ ހިމެނޭ ގްރޫޕް އޭގައި ހިމެނެނީ ސްރީލަންކާ، ހޮންގކޮންގ، ތައިލެންޑް، ދިވެހިރާއްޖެ އަދި ޕާކިސްތާނެވެ. ގްރޫޕް ބީގައި ހިމެނެނީ މެލޭޝިއާ، ސިންގަޕޯރ، ޗައިނީސް ޓައިޕޭ، އިންޑިއާ އަދި ކޮރެއާ އެވެ.
މި މަހުގެ 6 ވަނަ ދުވަހުން ފެށިގެން 13 ވަނަ ދުވަހުގެ ނިޔަލަށް ކޮރެއާގެ ޖިއޮންޖޫގައި ކުރިއަށްދާ މި މުބާރާތުގައި ވާދަކުރާ ރާއްޖެ ޓީމުގެ ސްކޮޑުގައި 12 ކުޅުންތެރިން ވަނީ ހިމަނާފައިވާ އިރު، ރާއްޖެ ޓީމުގެ ކޯޗުގެ މަޤާމަށް ހަމަޖައްސާފައިވަނީ އައިމިނަތު ހަލީމެވެ. އަދި އެސިސްޓެންޓް ކޯޗަކަށް ހަމަޖައްސާފައިވަނީ އައިޝަތު ލޫނާ މޫސާއެވެ.
މި މުބާރާތުގައި ދިވެހިރާއްޖެ ދެ އަމްޕަޔަރުން ކަމަށްވާ ރިޟުވާން އާދަމާއި ނަބީލް އިބްރާހިމް އަންނަނީ ހަރަކާތްތެރިވަމުންނެވެ. މީގެ ތެރެއިން ރިޟުވާނަކީ މިދިޔަ އަހަރު އޮތް މި މުބާރާތުގައި ރާއްޖެ ތަމްސީލްކުރި އަމްޕަޔަރެކެވެ.
ޚަބަރާއިގުޅޭ އިތުރު ލިޔުން: އޭޝިއަން ޔޫތް ނެޓްބޯލް ޗެމްޕިއަންޝިޕުގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗު ކާމިޔާބްކޮށްފި
އޭޝިއަން ޔޫތް ނެޓްބޯލް ޗެމްޕިއަންޝިޕުގައި ރާއްޖެ އާއި ތައިލެންޑް ބައްދަލުކުރި މެޗު ތައިލެންޑުން ކާމިޔާބުކޮށްފި