ދެކުނު ކޮރެއާގެ ޖިއޮންޖޫގައި މިހާރު ކުރިއަށްދާ އޭޝިއަން ޔޫތު ނެޓްބޯޅަ ޗެމްޕިއަންޝިޕްގައި ދިވެހިރާއްޖެ އާއި ސްރީލަންކާ ބައްދަލުކުރި މެޗުންވެސް ދިވެހިރާއްޖޭގެ 21 އަހަރުން ދަށުގެ ޤައުމީ ނެޓްބޯޅަ ޓީމު ބަލިވެއްޖެއެވެ.
މި މެޗު ސްރީލަންކާއިން ކާމިޔާބުކުރީ 86-14 ޕޮއިންޓުންނެވެ.
މި މުބާރާތުގައި ރާއްޖޭގެ ޓީމުން މިހާތަނަށް ކުޅުނު މެޗުތަކުގެ ތެރެއިން ކާމިޔާބު ކުރެވިފައިވަނީ ޕާކިސްތާނާއެކު ކުޅުނު މެޗެވެ. މިމެޗުން ރާއްޖެ މޮޅުވެފައިވަނީ 49-7 ޕޮއިންޓުންނެވެ. ނަމަވެސް ތައިލެންޑާއި ބައްދަލުކުރި މެޗު ތައިލެންޑުން 60 ޕޮއިންޓު 28 ޕޮއިންޓުން ކާމިޔާބުކުރި އިރު، ތިންވަނަ މެޗުގައި ހޮންގ ކޮންގ އަތުން 61-14 ޕޮއިންޓުން ވަނީ ބަލިވެފައެވެ.
ރާއްޖެއަށް ދެން މި މުބާރާތުގައި އޮންނާނީ ރޭންކިންގެ މެޗުތަކެވެ. ރޭންކިންގެ ފުރަތަމަ މެޗުގައި ރާއްޖެ ނުކުންނާނީ ޓައިވާނާ ދެކޮޅަށެވެ.
ރާއްޖެ ހިމެނޭ ގްރޫޕް އޭގައި ހިމެނެނީ ސްރީލަންކާ، ހޮންގކޮންގ، ތައިލެންޑް، ދިވެހިރާއްޖެ އަދި ޕާކިސްތާނެވެ. ގްރޫޕް ބީގައި ހިމެނެނީ މެލޭޝިއާ، ސިންގަޕޯރ، ޗައިނީސް ޓައިޕޭ، އިންޑިއާ އަދި ކޮރެއާ އެވެ.
ކޮރެއާގެ ޖިއޮންޖޫގައި މި މުބާރާތް ކުރިއަށްދާނީ މި މަހުގެ 6 ވަނަ ދުވަހުން ފެށިގެން 13 ވަނަ ދުވަހުގެ ނިޔަލަށެވެ.
ޚަބަރާއިގުޅޭ އިތުރު ލިޔުން:
އޭޝިއަން ޔޫތް ނެޓްބޯލް ޗެމްޕިއަންޝިޕުގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗު ކާމިޔާބްކޮށްފި
އޭޝިއަން ޔޫތް ނެޓްބޯލް ޗެމްޕިއަންޝިޕުގައި ރާއްޖެ އާއި ތައިލެންޑް ބައްދަލުކުރި މެޗު ތައިލެންޑުން ކާމިޔާބުކޮށްފި
އޭޝިއަން ޔޫތު ނެޓްބޯލް ޗެމްޕިއަންޝިޕްގައި ރާއްޖެ، ހޮންގކޮންގ މެޗު ހޮންގކޮންގ ކާމިޔާބުކޮށްފި