އައްސަޔިދުނާ ޒައިނަބު ބިންތު ޢަލީ (رضياللهعنهم) އަކީ އަޅުގަނޑުމެންގެމާތް ނަބިއްޔާ މުޙައްމަދު صلىاللهعليهوسلمގެ މާފާ ދަރިފުޅެކެވެ. ޒައިނަބުގެފާނަކީ ޢަލީ (رضياللهعنهم) ގެ ފާނާއި ފާތިމާ ބިންތު މުޙައްމަދު (رضياللهعنهم) ގެ ތިންވަނަ ދަރިކަލެވެ. އަދި ޙަސަން (رضياللهعنهم) އާއި ޙުސެއިން (رضياللهعنهم) ގެ ކޮއްކޯފުޅު ވެސް މެއެވެ.
މީސްތަކުންނަށް ޒައިނަބުގެފާނު އެނގިފައިވަނީ ވަރަށް ވެސް ހިތްވަރުގަދަ ބޭކަނބަލެއްގެ ގޮތުގައެވެ. ކަރްބަލާގައި ޔަޒީދުއާއި ދެކޮޅަށް ތެދުވުމުގެ ހިތްވަރާއި ކުޅަދާނަކަން އެކަމަނާ ދެއްކެވިއެވެ. އެހެންކަމުން އެކަމަނާއަށް "ކަރްބަލާގެ ބަތަލާ" ގެ ލަޤަބުވެސް ދެވުނެވެ.
ޒައިނަބް ބިންތު ޢަލީ (رضياللهعنه) ގެ ޙަޔާތްޕުޅުޒައިނަބުގެފާނު އުފަންވީ، ޙިޖުރައިން 626 ވަނަ އަހަރުގެ ޖުމާދުލްއައްވަލް މަހުގެ ފަސްވަނަ ދުވަހު، މަދީނާ ގައެވެ. ޙަސަންގެފާނާއި ޙުސެއިންގެފާނަށް ފަދައިން ޒައިނަބުގެފާނަށް ވެސް ނަންދެއްވީ މާތް ނަބިއްޔާ މުޙައްމަދު صلىاللهعليهوسلمއެވެ.
ޢަލީ (رضياللهعنه) އަށް ލިބިލެއްވި ތިން އަންހެން ބޭކަނބަލުންގެ ނަމަކީ ވެސް "ޒައިނަބު" އެވެ. އެހެންކަމުން ޒައިނަބުގެފާނަށް ގިނަ މީހުން މުޙާތަވު ކުރެއްވީ "އެންމެ ދޮށީ ޒައިނަބު" ގެ ނަމުންނެވެ. އެކަމަނާގެ މަންމާފުޅު، ފާތިމާ ބިންތު މުޙައްމަދު (رضياللهعنه) އަވަހާރަވީއިރު، އެކަމަނާގެ އުމުރުފުޅަކީ ހަތް އަހަރެވެ.
އަންހެން ބޭކަނބަލުންނަށް ކީރިތި ޤުރްޢާން ކިޔަވާދެއްވުމުގައި ޒައިނަބް ބިންތު ޢަލީ (رضياللهعنه) ގިނަދުވަސްތަކެއް ހޭދަކުރެއްވިއެވެ. ކޫފާ އަށް ޙިޖްރަ ކުރެއްވުމަށްފަހު ވެސް އެކަމަނާ، އަންހެން ބޭކަބަލުންނަށް ކީރިތި ޤުރްޢާން އުގަންނައި ދެއްވިއެވެ.
ކައިވެނީގެ ޙަޔާތްޕުޅުޒައިނަބް ބިންތު ޢަލީ (رضياللهعنه) ކައިވެނި ބައްލަވައިގަތީ ޢަބްދުﷲ ބިން ޖަފަރް (رضياللهعنه) އާއިއެވެ. އަދި އެދެބޭފުޅުންނަށް ފަސް ދަރިކަލުން ލިބިލެއްވިއެވެ. އެއީ ހަތަރު ފިރިހެން ދަރިކަލުންނާއި އެއް އަންހެން ދަރިކަލެކެވެ.
ކަރްބަލާގައި ޒައިނަބް (رضياللهعنه) ގެ ރޯލު
ކަރްބަލާގައި ޒައިނަބްގެފާނުގެ ހިތްވަރުގަދަކަން ނުހަނު ބޮޑަށް ފެނިގެންދިޔަކަން އިސްލާމީ ތާރީޚުން ހާމަވެގެންދެއެވެ. އިސްލާމީ ތާރީޚުގައިވާ ގޮތުގައި، ކަރްބަލާ ހަނގުރާމައިގާ އެކަމަނާގެ އާއިލާގެ ގިނަ ބޭފުޅުން ޝަހީދުވީ ހިނދު، އާއިލާގެ ބާކީ ތިބި ބޭފުޅުންނަށް ހިތްވަރުދީ އެބޭފުޅުން އެންމެ ބޮޑަށް ބެލެހެއްޓެވީ ޒައިނަބް ބިންތު ޢަލީ (رضياللهعنه) އެވެ.
އެކަމަނާގެ އެއްބަނޑު އެއްބަފާ ބޭބޭފުޅު ޙުސެއިން (رضياللهعنه) ޝަހީދުވީ މަންޒަރު ލޮލަށް ފެނުމުން، ހިތްޕުޅަށް ވަރަށް ފުން އަސަރެއް ކުރިކަމަށާއި އެކަމުގެ ސަބަބުން ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުންވެސް ވަރަށް ފުން އަސަރެއް އެކަމަނާއަށް ކުރިކަން އިސްލާމީ ތާރީޚުން ހާމަވެގެން ދެއެވެ.
ޔަޒީދުގެ މައްޗަށް ކުރި ޚުތުބާ
ކަރްބަލާއަށްފަހު، ޒައިނަބު ބިންތު ޢަލީ (رضياللهعنه) އާއި ބާކީތިބި ބޭފުޅުން ޔަޒީދުގެ ކޯޓަށް ހާޒިރު ކުރެވުނެވެ. ކޯޓަށް ހާޒިރުކުރެވުނު ދުވަހު، ޔަޒީދުގެ މައްޗަށް އެކަމަނާ ކުރެއްވި ޚުތުބާ ރީތިކަމާއި މޫރިތިކަމުން، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މުސްލިމުން އެޚުތުބާގެ އެކި ތަންކޮޅުކޮޅު ކިޔައެވެ.
މާތް ﷲ ގެ އިސްމުފުޅުން އެޚުތުބާ ފެށުމަށްފަހު، އޭގައިވަނީ:
"އޭ ޔަޒީދުއެވެ. މިއަދު ތިމަންކަމަނާގެ ބޭބޭފުޅުން ޝަހީދުވެ އެއްބަޔަކު ހައްޔަރުވުމުން، ތިމަންކަމަނާމެން ބަލިވެއްޖެ ކަމަށް ހީކުރަނީ ހެއްޔެވެ؟ އެކަލާނގެ މާތް ރަސޫލާ صلىاللهعليهوسلمގެ ނަސަބުގެ ބޭފުޅުން ރަޙުމެއްނެތް ގޮތަށް ގަތުލު ކުރުމަށްފަހު، އެކަލާނގެ ކަލެއާއި ދިމާލަށް ޚާއްސަ ގޮތަކަށް ރަޙުމާއިއެކު ބަލާނެހެން ކަލެއަށް ހީވަނީ ހެއްޔެވެ؟ކަލޭ ތިހުރީ އެކަލާނގެ ވަޙީ ބަސްފުޅު ހަނދާން ނެތިފައެވެ. 'އަހަރުމެން ހަމަހިމޭނުން ތިބުމަކީ ފުރިހަމައަށް ދީން ޤަބޫލު ނުކުރާ މީހުންނަށް ހުރި ރަނގަޅު ކަމެއް ކަމުގައި އެމީހުން ދެކިގެން ނުވާނެއެވެ. ފަހެ އެއީ އެމީހުން ދުނިޔެމަތީގައި އިތުރަށް ފާފަތައް ކުރުމަށް ދެވޭ ވަގުތެކެވެ. އެއީ އެމީހުންގެ ހިތައް ނުގެނެވޭފަދަ ލަދުވެތި އަޒާބެއް އެމީހުންނަށް ލިބޭނެތީއެވެ. (ޤުރްޢާން 3:178)"
މީގެއިތުރުން، ޔަޒީދުއަށް އެކަމަނާ އެންގެވީ އެދުވަހު (ކަރްބަލާ ހަނގުރާމަ ކުރި ދުވަހު) ލިބުނީ ކާމިޔާބީއެއް ކަމަށްދެކި އުފާ ނުކުރުމަށެވެ. ނަސްރާއި ކާމިޔާބު ލިބުނީ އެދުވަހު ޝަހީދުވީ ބޭފުޅުންނަށް ކަމަށާއި، މުޝްރިކުންނަށް އޮތީ އެކަމުގެ ސަބަބުން މާތް ﷲ ގެ ޖަޒާކަން ވެސް އެކަމަނާ ޔަޒީދުއަށް ހަނދުމަ ކޮށްދެއްވިއެވެ.
ދުނިޔެ ދޫކުރެއްވުންޒައިންބު ބިންތު ޢަލީ (رضياللهعنه) އަވަހާރަވީ ރަޖަބް މަހުގެ 15 ވަނަ ދުވަހުއެވެ.
އެއިރު އުމުރުފުޅަކީ 57 އަހަރެވެ. އެކަމަނާ ހިނެވުނީ އައްސައްޔިދާ ޒޭނަބު މިސްކިތުގައެވެ. އެކަމަނާގެ ހަށިކޮޅު ވަޅުލެވުނީ ސީދާ ކޮންތަނެއްގައިކަން ތާރީޚުން އެނގިފައެއް ނުވެއެވެ. ނަމަވެސް މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެކަމަނާގެ ނަންފުޅު ލިޔެވިފައިވާ ދެމަހާނަ ގައު ވެއެވެ. އެއް މަހާނަ ގައު އިނީ ކައިރީ ގައެވެ. އަދި އަނެއް މަހާނަ ގައު އިންކަމަށް މަޢުލޫމާތު ލިބިފައިވަނީ ދިމިޝްޤުގައެވެ. ޒައިނަބު ބިންތު ޢަލީ (رضياللهعنه) ދުނިޔޭގައި ހުންނެވިއިރު، ވަސިއްޔަތް ކޮށްފައިވަނީ އެކަމަނާ އަވަހާރަވުމުން ދިމިޝްޤުގައި އެކަމަނާގެ ހަށިކޮޅު ވަޅުލާ ދެއްވުމަށްކަން އިސްލާމީ ތާރީޚުން ހާމަވެއެވެ.