ބަދުރު ހަނގުރާމައަކީ އިސްލާމް ދީނަށް މާތްﷲ މިންވަރު ކުރެއްވެވި އެންމެ ބޮޑު ނަޞްރެވެ. ޢިލްމުވެރިން ވިދާޅުވާ ގޮތުގައި ބަނދުރު ހަނގުރާމައިގައި މުސްލިމުން ބަލިވި ނަމަ އެހިސާބުން އިސްލާމް ދީނުގެ ވަސްވެސް ފިލައި ދިއުމުގެ ބިރު އޮތީ ހަމަ އަތްމަތީގައެވެ.
ބަދުރު ހަނގުރާމައިގެ އިބްރަތްތައް ފެށިގެންދަނީ މަދީނާ އިން ފެށި ދަތުރާއި ހަމައިންނެވެ. ހަނގުރާމައަށް ވަޑައިގެންނެވި މުސްލިމުންގެ އަދަދު 313 ކަމަށް ބެލެވޭއިރު ދަތުރުފުޅު ކުރެއްެވީ 70 ވަރަކަށް ޖަމަލުގައެވެ. ޖަމަލަކަށް 4 ވަރަކަށް ބޭފުޅުންނަށްވުރެ ގިނައެވެ.
އުންމަތުގެ އެންމެ އިސްވެރިޔާ އަދި ލަޝްކަރުގެ އިސްވެރިޔާ ކައު އިތުރު ރަސޫލާ މުޙައްމަދު (ﷺ) އެތަނުން އެއް ޖަމަލު އަމިއްލަފުޅަށް މިލްކު ކުރައްވައި ސަވާރުވެވަޑައިގަތީއެއް ނޫނެވެ. އެހެން މީހުން ފަދައިން ޖަމަލެއް ހިއްޞާ ކުރެއްވީއެވެ.
މިކަން ފާހަގަ ކުރައްވައި އައްޝައިޚް އިބްރާހީމް އަޙްމަދު ވިދާޅުވީ ކައު އިތުރު ރަސޫލާ މުޙައްމަދު (ﷺ) ،3 4 ބޭފުޅަކާއި ޖަމަލު ހިއްޞާކުރެއްވެވި ކަމަށެވެ. އަދި އެއިގެ ތެރެއިން 2 ބޭކަލަކު އެބޭކަލުންގެ ފުރުޞަތުތައް ރަސޫލާ (ﷺ) އަށް އަރުވައި އެބޭފުޅުން ހިންގަވާފައި ވަޑައިގަންނަވަން ހުށަހެޅުއްވުމުން އެކަން އިތުރު އެކަލޭގެފާނު ޤަބޫލުފުޅު ނުކުރެއްވެވި ކަމަށެވެ. "ޖަވާބުގައި ވިދާޅުވީ ތިއަ ދެބޭކަލުން ތިމަންކަލޭގެފާނަށްވުރެ ވަކިން ވަރުގަދަ ނޫން" ކަމަށެވެ.
މިހާލަތަށް އެކަނި ބެލި ނަމަވެސް ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ގެ އަދުލުވެރިކަމުގެ ފުރިހަމަކަމާއި ބޮޑުކަން ވަރަށް ރަނގަޅަށް ހާމަވެގެންދެއެވެ. މިފަދަ އަދުލުވެރިކަން ހުރިނަމަ މީސްތަކުން އެމީހަކަށް ކިޔަމަންތެރިކަން އަދާކުރާނެ މިންވަރު ހިތަށް ގެނައުން ރަނގަޅެވެ.