ސަމާލުވާތި!: ބައިވެރިޔާއަށް ސަމާލުކަން ނުދެވޭނަމަ ކައިވެނި އޮއޮތީ ނިމިފަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 50ސ
ސަމާލުވާތި!: ބައިވެރިޔާއަށް ސަމާލުކަން ނުދެވޭނަމަ ކައިވެނި އޮއޮތީ ނިމިފަ!

އެދެމަފިރިންގެ ކައިވެންޏަށް އެންމެ ދެތިންމަސްވީތަނާ ފިރިމީހާ އަނބިމީހާއަށް ސަމާލުކަންދިނުން ހުއްޓައިލިއެވެ. ވަކިކަމެއްގައެއް ނޫނެވެ. ހުރިހާ ކަމެއްގައެވެ. އަނބިމީހާ ރޮއި އާދޭސްކުރާއިރުވެސް ފިރިމީހާ ބޭނުންވަނީ ދުރުހެލިކަމެވެ.  

އަނބިމީހާއަށް އެކަންވީ ވަރަށް ބޮޑު ކަމަކަށެވެ. ވަރަށް ހިތްދަތިކަމުގައި އުޅޭތާ ހައަކަމަސްވީތަނާ ބައްދަލުވި ފިރިހެނަކަށް އޭނާ ވަރަށް ކަމުދިއައެވެ. މީހެއްގެ އަންތބަކުކަމަށް ބުނުމުން ބުނީ މިއުޅެނީ ގުޅުން ހިންގަން ނޫންކަމަށާއި ތިއަ ހިނިތުންވުން ކަމުދާތީ ކަމަށެވެ. އެހެން ބުނުމުން ދެމީހުންގެ މެދުގައި އެކުވެރިކަމުގެ ގުޅުން ބާއްވަން އެއްބަސްވެވުނެވެ.  

ދެން ފިރިމީހާއަށް ފެންނަންފެށީ އަނބިމީހާ ފޯނުބަލަން އިނދެ ހިނިތުންވާތަނެވެ. އެކަން ބޮޑުވެ ފާރަލުމުން ފިރިހެނަކާ ޗެޓްކުރަނީކަން އެނގުނެވެ. ފިރިމީހާ ވަރަށް ގަދައަށް ރުޅިއައިސް އެއްޗެތިގޮވުމުން އަނބިމީހާ ވިސްނައިދިނެވެ.  

"އަހުރެންނަކީ 80 އަހަރުގެ މުސްކުޅިއެއް ނޫނެވެ. އަދި އެންމެ 25 އަހަރެވެ. ސަލާންޖެހުމުންވެސް އަނގައިން ބުނެލާނެ ވަޤުތެއް ނުވެއެވެ. އެކުގައި މިނިދަނީ ހިލޭ ދެމީހުން ފަދައިންނެވެ. އެކަމަކު އަހުރެން ޚިޔާނާތްތެރިއެއް ނުވަމެވެ. ޗެޓްމިކުރަނީ ކުރިމަތީގައި އިނދެއެވެ. އެއީ ވަރަށް މަޖާމިޒާޖުގެ ޒުވާނެކެވެ. ވީމާ ކިޔާ އެއްޗެތިން ހެވެނީއެވެ. އެކަމުން އަހުރެންގެ ހިތަށް ކޮންމެވެސް ވަރެއްގެ އުފާވެރިކަމެއް ލިބެއެވެ."  

"ދެން ތިއަބުނަނީ އަހުރެންނަށް ކާންދޭ ވާހަކައެވެ. އަހުރެން ގޭގައި ހުރިއިރުވެސް ކާން ލިބިއެވެ. ތިބާއާއި ކައިވެނިކުރީ ކާންނުލިބިގެނެއް ނޫނެވެ. އިތުރު އުފާވެރިކަން ބޭނުންވާތީއެވެ. އެކަން ނުވާނަމަ މިކައިވެނިން އަހުރެންނަށް ކުރަނީ ކޮންފައިދާއެއް ހެއްޔެވެ؟"  

ފިރިމީހާއަށް ކަންކަން ވިސްނުނީ އެހިސާބުންނެވެ. އަނބިމީހާއަށް ސަމާލުކަން ނުދެވޭނަމަ ގެއްލިދާނެކަން ވިސްނުނެވެ. އަނބިމީހާ ގެއްލޭކަށް ބޭނުމެއް ނޫނެވެ. އެހިސާބުން ދެމީހުންގެ މެދުގައި ވާހަކަދެކެވި ކަންކަން އިޞްލާޙްކުރިއެވެ.  

ވަރަށް ކުރުގޮތަކަށް މިކިޔައިދިނީ ވަރަށް ދިގު ވާހަކައެކެވެ. މިއީ ދެމަފިރިންވެސް ސަމާލުކަންދޭންޖެހޭނެ ކަމެކެވެ. ބައިވެރިޔާއަށް ދޭންޖެހޭ އަޅައިލުމާއި ސަމާލުކަން ނުދެވޭނަމަ ކައިވެނިކުރި މަޤްޞަދު އެއޮތީ ގެއްލިފައެވެ. ދެމީހުންގެ ގުޅުން އެއޮތީ ކެނޑިފައެވެ. އެއިރުން ކައިވެނި އޮންނާނީ ހަމައެކަނި ލިޔެކިޔުމުގައެވެ. ދިރިއުޅުމަކު ނޫނެވެ.  

އެޙާލަތުގައި އަނެކާ އެހެން ގޮތެއް ހޯދާނެއެވެ. އެހިސާބުން އޭނާ ކުށްވެރިނުކުރާށެވެ. ތިމާގެ ކުށް ޤަބޫލުކުރާށެވެ. އެކުގައި އުޅެން ބޭނުންވާނަމަ އަނެކާގެ އިޙްޞާޞްތަކަށް އިޙްތިރާމްކުރާށެވެ!

 

- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ވާހަކަފުޅަކުން / މިއަދުނޫސް

މިއަދު އޮންލައިން