މިއުންމަތުގެ ނަބިއްޔާ، މުޙައްމަދު (ﷺ) އިތުރު އެކަލޭގެފާނުގެ "ޕާޓީ" ގެ މަސައްކަތްޕުޅު ފެށްޓެވީ ގިނިކަންޏާއެވެ. އެއީ އިސްލާމް ދީނަށް ގޮވާލެއްވެވުމެވެ.
ތަފާތު ދީންތައް ކުރިއަރުވަން އެކި ޤައުމުތަކުގައި ކުރާ މަސައްކަތްތަކުގައި އެބައަކު ކުރިއަރުވަން މަސައްކަތްކުރާ ދީނެއްގެ ނަމާއި ގުޅުވައިގެން ޕާޓީތައް ހަދައި މިހާރުވެސް ގެންދަނީ ހިންގަމުންނެވެ. މިފަދަ ޕާޓީތަކުގެ ފިކުރަށް ތަބައަ ނުވާ މީހުން މަރަމުން ގެންދާތަން މިހާރުވެސް ދަނީ ފެންނަމުންނެވެ. އިންޑިއާގައި މިހާރު އުފައްދައިގެން އުޅޭ "ގެރި ޕާޓީ" އަކީވެސް މިކަމުގެ ހެއްކަކަށް ފުދެއެވެ.
އިސްލާމް ޕާޓީއަށް މީހުން ވައްދަން ބާރާއި ނުފޫޒުގެ ބޭނުން އެއްވެސް ވަރަކަށް ކޮށްފައި ނުވުމަކީ އިސްލާމް ދީނުގެ މަތިވެރިކަން އެންމެ ބޮޑަށް ހާމަވެގެންދާ އެއް ސަބަބެވެ.
ކައުއިތުރު ރަސޫލާ މުޙައްމަދު (ﷺ) އިސްލާމް ދީނަށް ގޮވާލައްވަން ފެށްޓެވުމުން މީސްތަކުން ބައިބައަށް އިސްލާމް ދީނަށް ވަންނަމުން ދިއައެވެ. އިސްލާމް ދީނަކީ އެންމެ މަތިވެރި ދީންކަން ޤަބޫލުކުރެވިގެންނެވެ. އެހައި ފަސޭހައިން މީސްތަކުންނަށް އެކަން ޤަބޫލުކުރެވުނު އެންމެ ބޮޑު އެއް ސަބަބަކީ ކައުއިތރުު ރަސޫލާގެ އަދުލުވެރިކަމެވެ. އެންމެންނާއިމެދު ހަމަހަމަ އުޞޫލުން ކަންކަން ކުރެއްވެވުމުންނެވެ. އެއްވެސް މީހަކަށް ތަފާތުކުރެއްވެވުމެއް ނެތި އަމަލުފުޅުތައް ބަހައްޓަވަމުން ގެންދެވުމުންނެވެ.
މައްކާގައި ހޭދަކުރެއްވެވި 13 އަހަރު އިސްލާމީ ވެރިކަމެއް ނެތް ނަމަވެސް އަދި ބާރުތަކެއް މުސްލިމުންނަށް ލިބިފައި ނުވި ނަމަވެސް މަދީނާގައި އިސްލާމީ ދައުލަތެއް ޤާއިމުކުރެވުމުން މުސްލިމުންނަށް އައީ ބާރުލިބެމުންނެވެ. އެހިސާބުން ވެސް "ޕާޓީ" ބޮޑުކުރައްވަން އެއްވެސް ބާރެއް ނުފޫޒެއްގެ ބޭނުމެއް ނުކުރައްވައެވެ. ހަމަ އެންމެ މީހަކުވެސް ގަދަކަމުން ނުވަތަ މަޖުބޫރުކުރުވައިގެން އިސްލާމް ދީނަށް ވައްދަވާފައެއް ނުވެއެވެ.
މިރޭގެ އިހްޔާ ފޯރަމް ފަށަމުން ހުށަހެޅި ރިޕޯޓްގައި މިކަން ވަނީ ވަރަށް ރަނގަޅަށް ފާހަގަކޮށްފައެވެ.
ރިޕޯޓްގައި ބުނީ މުސްލިމުން ކުރިއަރައި ދިއައީ މުސްލިމުންގެ އާރާއިބާރު ވަރުގަދަކަމުން ނޫން ކަމަށެވެ. އެއިރު އިސްލާމް ދީން ފެތުރުނީވެސް އަދި މިހާރު އިސްލާމް ދީން ފެތުރެމުން ދަނީވެސް ރިވެތި އަޚްލާޤްގެ ސަބަބުން ކަމަށެވެ. އިސްލާމް ދީން ފެތުރުނީ އެހެން ދީންތަކުގެ މީހުންނާއި އެކުވެސް އިހްތިރާމާއި ޙިކުމަތާއިއެކު އަމަލުކުރުމުން ކަމަށެވެ.
މި ރިޕޯޓަށް ބާރުލިބޭ ސަބަބުތައް ވަރަށް ގިނައެވެ. އެހެން ދީންތަކުގެ ގިނަ ބައަކު އިސްލާމް ދީން ޤަބޫލުކުރީ އިސްލާމް ދީނުގައި ހުރި ރިވެތި ސިފަތައް އެމީހުންނަށް ފެނިގެން ކަމަށްވާތީއެވެ. އިސްލާމުންގެ ކިބައިގައި ޚާއްޞަކޮށް ވެރިންގެ ކިބައިގައި ހުރި ރިވެތި އަޚްލާޤީ ސިފަތަކުން ކަމަށްވާތީއެވެ. އަދުލު އިންޞާފު ޤާއިމުކުރުމުގައި ވަކި މީހަކަށް ނުބަލައި އެންމެންގެ މެދުގައި ހަމަކަމާއިއެކު އަމަލުކުރަމުން އައިސްފައިވާތީއެވެ.