މުސްލިމުންނަށް އެންމެ ބޮޑު ނަޞްރެއް ލިބިގެން ދިއަ ބަދުރު ހަނގުރާމަ މުސްލިމުންނަށް ކާމިޔާބުކުރެވުނު އެންމެ ބޮޑު އެއް ސަބަބަކީ ނުވަތަ ކާމިޔާބީގެ ސިއްރަކީ ހަނގުރާމައިގެ ހުރިހާ މަރުހަލާތަކެއްގައިވެސް ފުރިހަމައަށް މަޝްވަރާ ކުރެވުމާއި ލަޝްކަރުގެ ކިޔަމަންތެރިކަން ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަޙްމަދު ޒިޔާދު ބާޤިރު ވިދާޅުވެއްޖެއެވެ.
މިރޭގެ އިހްޔާ ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން ޑރ. ޒިޔާދު ވިދާޅުވީ ކައު އިތުރު ރަސޫލާގެ މުޅި ހަޔާތްޕުޅަށް ބަލައި ސިޔަރަތު ދިރާސާކުރި ނަމަވެސް އެނގިގެންދާނީ މަޝްވަރާ ކުރެއްވުމަށް އިތުރު އެކަލޭގެފާނު ދެއްވި ސަމާލުކަން ކަމަށެވެ. އަމިއްލަފުޅު ޢާއިލީ ކަންކަމުގައި ވެސް އަދި ރައްޔިތުންނާއި މުޖުތަމައު އާއި ގުޅުންހުރި ކަންކަމުގައި ވެސް ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ވަނީ ވަރަށް ފުރިހަމައަށް މަޝްވަރާ ކުރައްވަވާފައި ކަމަށެވެ.
ޑރ. ޒިޔާދު ވިދާޅުވީ ހަނގުރާމައިގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ މުސްލިމުންވެސް ވަނީ ވަރަށް ފުރިހަމައަށް ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ގެ އަމުރުފުޅުތަކަށާއި އިރުޝާދުފުޅުތަކަށް ކިޔަމަންތެރިކަން އަދާކުރައްވައިފައި ކަމަށެވެ.
މިކަމުން އިބްރަތް ހާޞިލުކޮށް މައިން ބަފައިންނަށާއި ޢާއިލާގެ އިސް މީހުންނަށް ފުރިހަމައަށް ކިޔަމަންތެރިކަން އަދާކުރުމަށް ޑރ. ޒިޔާދު ވަނީ އިލްތިމާސް ކުރައްވައިފައެވެ. ޑރ. ޒިޔާދު ވިދާޅުވީ ކާމިޔާބު ލިބޭނީ ކިޔަމަންތެރިވާންޖެހޭ ފަރާތްތަކަށް ކިޔަމަންތެރިކަން އަދާކޮށްގެން ކަމަށެވެ.