ޒުވާން އުމުރުުގައި މަގުމަތީގައި ރޭގަނޑު ހިނގަމުން ދިއައީ ހައިހޫނުކަންމަތީގައި ހުރެގެންނެވެ. ހިނގަނިކޮށް މަގުމަތިން ފެނުނީީ ކޮތަޅެކެވެ. ނަގައި ބެލިއިރު އެއިގައި އޮތީ އަލިމަހުން ޒީނަތްތެރި ކުރެވިފައިވާ އަގު ބޮޑު ހާރެކެވެ.
އެއިގެ ކުޑައިރުކޮޅެއްފަހުން މީހަކު ގޮވާ އަޑުއިވުނީ އޭނާގެ އަގުބޮޑު ހާރެއް ގެއްލިއްޖެ ކަމަށާއި އެ ހާރު އޭނާއަށް ރައްދުކޮށްދީފިނަމަ މިވެނި އެވެނި ވަރެއްގެ އިނާމެއް ދޭނަން ކަމަށެވެ.
ޒުވާނާ އޭނާ އާއި ބައްދަލުކޮށް ގެއްލިގެން އުޅޭ ހާރުގެ ސިފަތައް އޮޅުންފިލުވުމަށްފަހު އަތުގައި އޮތް ހާރާއި ދިމާވުމުން ހަވާލުކުރީއެވެ.
ހޮވާތަކެއްޗާއިމެދު އަމަލުކުރަން އޮންނަގޮތަކީ އެއީ އެ އެތިކަން ކަށަވަރުކުރުމަށްފަހު އެއިގެ ވެރި ފަރާތާއި ހަވާލުކުރުން ކަމަށްވާތީއެވެ.
ހާރާއި ހަވާލުވުމަށްފަހު އިނާމުގެ ގޮތުގައި 500 ދީނާރު ދިނުމުން ހައިހޫނުކަމުގައި ހުރި ޒުވާނާ އެ އިނާމު ޤަބޫލެއް ނުކުރިއެވެ. އޭނާ ބުނީ މާތް ﷲ ގެ ހަޟްރަތުން ސަވާބަށް މާބޮޑަށް އެދޭކަމަށެވެ.
ތަކުރާރުކޮށް ދިނުމުންވެސް އެއާއި ހަވާލުނުވެ ޒުވާނާ ބުންޏެވެ. "ތިއަ އިނާމަށް ތިމަންނާއަށްވުރެ ބޮޑަށް ބޭނުންވެފައި ހުރި މީހަކު ހުރިކަމަށް ހީއެއް ނުވެއެވެ. ނަމަވެސް މިފަދަ އަމާނާތެއް ހަވާލުކުރުމުން މާތް ﷲ ދެއްވަވާނެ ސަވާބު ކައު އިތުރު ރަސޫލާގެ ހަދީޘްފުޅުތަކުން އެނގޭ ކަމަށެވެ. އެހެންކަމުން ތިިއަ ފައިސާއަށް ކިތަންމެ ބޮޑަށް ބޭނުންވެފައި ހުރި ނަމަވެސް މާތް ﷲ ގެ ހަޟްރަތުން ލިބެން އޮތް ސަވާބާއި ދަރުމަ މާބޮޑަށް ބޭނުން ކަމަށެވެ. އެހެންކަމުން އެދެނީ ތިއަ އިނާމު ބޭއްވުމަށް ކަމަށެވެ."
ޒުވާނާ ހިނގަމުން ގޮސް ޖިއްދާގެ ގޮނޑުދޮށަށް ނުކުތްއިރު ފުރަން ތައްޔާރުވެފައި އޮތް ބައްތެއްޔެއް އޮތެވެ. ދުވާލަކު ެއެއް އިރުުގެ ކޮއްތު ދިނީމައި ފުދުނީ ކަމަށާއި އެ ބައްތެލީގައި ގެންގޮސް ދިނުމަށް އެދޭކަމަށް ކައްޕިތާނު ގާތު ބުނުމުން ފަޅުވެރިއެއްގެ ގޮތުގައި މަސައްކަތްކުރަން ބައްތެއްޔަށް އަރުވަން ކައްޕިތާނު އެއްބަސްވިއެވެ.
ބައްތެލީގައި ދަތުރަށް ފެށިތަނާ އެނގުނީ އެއީ އެފަދަ ދަތުރަކަށް އެކަށީގެންވާ ބައްތެއްޔެއް ނޫން ކަމެވެ. ތަންތަނުން ދިޔައަރަމުންދާތީ އެވާހަކަ ކައްޕިތާނު ގާތު ުބުނުމުން ކައްޕިތާނު އެންގީ އަނގަމަޑުން ލައިގެން ހުރުމަށެވެ. އެއިގައި ތިބި ވިޔަފާރިވެރިން ރުޅިއަރުވަން އެބާވަތުގެ ވާހަކަތައް ނުދެއްކުމަށެވެ.
އެއިގެ ކުޑައިރުކޮޅެއްފަހުން ނެގި ވިލާގަނޑެއްހައި ބައްތެލި ފުނޑުފުނޑުވެގެން ދިއުމުން ފިލާގަނޑެއްގެމަތީގައި ޒުވާނާ އޮއްވައި އޮޔާ ގެންގޮސް އެތާއޮތް ޖަޒީރާ ރަށަކަށް ލެއްގިއެވެ.
ޒުވާނާ ފުރަތަމަވެސް ދިއައީ މިސްކިތްދޮށަށެވެ. އެއިރު އެތަނުގައި މީހުންތައް އުޅެނީ މިސްކިތުގެ އިމާމް މަރުވެގެން އެކަމުގެ ކަންބޮޑުވުމުގައެވެ.
މިއީ މައްކާއިން އައި ޒުވާނެއްކަން އެގުމުން އެމިސްކިތުގައި އިމާމްވެ ނަމާދުކޮށްދިނުމަށް އެދުނެވެ. ނަމާދުކުރިއިރު ޤްރްއާން ކިޔެވިލެއް ރީތިކަމުން އެމީހުން އެދުނީ އިމާމްވެ ނަމާދުކޮށްދިނުމަށް މަޑުކޮށްދިނުމަށެވެ. އަދި އެކަމަށް އުޖޫރައެއްވެސް ހުށަހެޅިއެވެ.
އޭނާއަކީ ލިޔަންކިޔަން ދަންނަ މީހަކަށްވުމުން ކުދިންނަށް ކިޔަވައިދޭ އެދުރަކަށްވުމަށްވެސް އެދުނެވެ. އަދި އެކަމަށް ވެސް އުޖޫރައެއް ދިނުމަށް ހުށަހެޅިއެވެ. އޭނާ އެކަން ޤަބޫލުކުރިއެވެ. ނަމަވެސް ދާއިމީ ގޮތެއްގައި ނުހުރެވޭނެ ކަމަށް ބުނެފައެވެ. ސަބަބެއް ކަމަށް ބުނީ އިލްމް ހޯދަން އަދިވެސް ބޭނުންވާތީ ހިޖުރަކުރަން ބޭނުންވާތީ ކަމަށެވެ.
މިގޮތުން އެރަށުގައި ހުއްޓައި ރަށުގެ ބޮޑުންގެ ބައަކު ބުނީ އެރަށުގައި ހުރި ޔަތީމް އަންހެން ކުއްޖަކާއި ކައިވެނިކުރުމަށް އެދޭ ކަމަށެވެ. ޒުވާނާ އެކަމަށް ފުރަތަމަ ކުރީ އިންކާރެވެ. އެއީ އޭނާއަކީ ދާއިމީ ގޮތެއްގައި އެރަށުގައި ހުންނާނެ މީހަކަށް ނުވާތީއެވެ.
އެމީހުން އެނބުރި އައިސް އެގޮތާއިވެސް އެކުއްޖާ ޤަބޫލުކަމަށް ބުނުމުން ކައިވެނިކުރަން އެއްބަސްވެ ކައިވެނިކުރިއެވެ.
ކައިވެނީގެ ހަފްލާއަށް ގޮސް އެކުއްޖާގެ ގާތު އިންއިރު އޭނާގެ ސަމާލުކަން ހުއްޓުނީ އަންހެން ކުއްޖާއަކަށް ނޫނެވެ. ވިދަވިދާ އޭނާގެ ކަރުގައި އޮތް ހާރަށެވެ. މާގިނައިރު ހާރަށް ބަލާތީ އަދި އެއީ މުދަލަށް ދަހިވެތިވާ މީހުން ކުރާ ޒާތުގެ ކަމަކަށްވާތީ އެމީހުން އެކަމާއިމެދު ކަންބޮޑުވެ އެމީހުން އެވާހަކަ ދެއްކިއެވެ.
އެހިސާބުން ޒުވާނާ ކިޔައިދިނީ މައްކާގެ މަގުމަތިން އޭނާ ހޮވި ހާރުގެ ވާހަކައެވެ. އަދި ބުނީ އެ ހާރަކީ އޭނާ އެރޭ ހޮވި ހާރު ކަމަށެވެ.
"އެހިސާބުން އެމީހުން ﷲ އަކްބަރު ގޮވައި ﷲ އަށް ހަމްދުކުރަން ފެށުމުން އެވީގޮތަކާއިމެދު ޒުވާނާ ސުވާލުކުރިއެވެ. އެމީހުން ބުނީ މިސްކިތުގެ އިމާމަކީ އެ އަަންހެން ކުއްޖާގެ ބައްޕަ ކަމަށެވެ. މައްކާއިން އެނބުރި އައިސް ބައްދަލުވި އަމާނާތްތެރި ރަނގަޅު ޒުވާނެއްގެ ވާހަކަ ދެއްކި ކަމަށެވެ. އަދި އެޒުވާނާއި އޭނާގެ އަންހެން ދަރިފުޅާއި އެކުކޮށްދެއްވަވާތޯ ދުޢާކުރި ކަމަށެވެ. އެގޮތަށް ކަންތައް ކުރެވުނީ އެދުޢާ އިޖާބަވެގެން ދިއަތަން ފެނުމުން ކަމަށެވެ."
ފަހުން އެ ޒުވާނާ ވެގެންދިއައީ އެރަށުގެ ޤާޟީއަށެވެ.
ދިރިއުޅެމުން ގޮސް އަނބިމީހާ މަރުވުމުން ހާރު އޮތީ އޭނާގެ މިލްކަކަށްވެފައެވެ. ﷲ އަންގަވާފައިވާ ގޮތަށް އަމަލުކުރަންވެގެން އެދުވަހު 500 ދީނާރު ޤަބޫލު ނުކުރިކަން މިހާރުވެސް އޭނާ ހަނދާން އެބަހުއްޓެވެ. އެކަމުގެ އަގެއްގެ ގޮތުން މިއަދު އޭނާއަށް ލިބިފައި އެވަނީ 100،000 ދީނާރުގެ އަގުހުރި ހާރެކެވެ.
މާތްﷲ އަންގަވާފައިވަނީ މީހުންގެ ހައްޤުތަކާއި އަމާނާތްތައް އިޚްލާޞްތެރިކަމާއިއެކު ހަވާލުކުރުމަށެވެ. އެކަމަށް އަގެއް ނަގާކަށް ނޫނެވެ. ބުނެވޭ ގޮތުން މިއީ ހިޖުރައިން 5 ވަނަ ޤަރުނުގައި ހިނގައިދިއަ ކަމެކެވެ.
މިއީ ވިޔަފާރިވެރިންގެ މިސްކިތުގައި ރަމަޟާން މަހުގެ 16 ވަނަ ދުވަހު ދަރުސް ދެއްވަމުން އައްޝައިޚް މުޙައްމަދު މަންޞޫރު ވިދާޅުވި ވާހަކައެކެވެ.
ވާހަކައިގެ އޯޑިއޯ