މާތް ﷲ އަށް އީމާންވާކަމަށް ބުނުމުން އެކަނި ނުފުދޭ ކަމަށާއި މާތްﷲ އަށް އީމާންވުން ފުރިހަމަވާނީ ކައު އިތުރު ރަސޫލާ މުޙައްމަދު (ﷺ) އަށް ކިޔަމަންތެރިވެގެން ކަމަށާއި އިތުރު ރަސޫލާ (ﷺ) އަށް ކިޔަމަންތެރިނުވާ މީހާއަށް އޮތީ ނަރަކަ ކަމަށް އައްޝައިޚް މުޙައްމަދު ނަޝީދު އާދަމް ވިދާޅުވެއްޖެއެވެ.
އިސްލާމީ މަރުކަޒުގައި ޢަޞްރު ނަމާދަށްފަހު ދަރުސް ދެއްވަމުން ޝައިޚް ނަޝީދު ވިދާޅުވީ ކައު އިތުރު ރަސޫލާ މުޙައްމަދު (ﷺ) ރަސޫލުކަމާއިގެން ވަޑައިގެންނެވިފަހުން ދުނިޔެއަށް އުފަންވާ އެއްވެސް މީހަކަށް އިސްލާމް ދީން ނޫން އެހެން އެއްވެސް ދީނަކަށް އުޅުމުގެ ހައްޤު ލިބިފައި ނުވާކަމަށާއި އެހެން ދީންތަކަށް އުޅޭ އެންމެން ވެސް ދާނީ ނަރަކައަށް ކަމަށެވެ.
ޝައިޚް ނަޝީދު ވިދާޅުވީ ކައު އިތުރު ރަސޫލާ މުޙައްމަދު (ﷺ) އަށް ކިޔަމަންނުވާމީހާއަށް އާޚިރަތުގައި ދިންނެވުން ނެތްކަން ކީރިތި ޤްރްއާނުގެ އެތައް އާޔަތްތަކަކުން އެނެގެން އެބައޮތް ކަމަށާއި ތިމަންނާއަކީ ހަމައެކަނި މާތް ﷲ އަށް އީމާންވާ މީހެއްކަމަށް ބުނުމަކުން ސަލާމަތްކަމެއް ނެތް ކަމަށެވެ.
ޝައިޚް ނަޝީދު ވިދާޅުވީ މިއީ އެންމެންވެސް ވަރަށް ބޮޑަށް ވިސްނަން ޖެހޭނެ ކަމެއް ކަމަށެވެ. އެހެނީ ހިދާޔަތް ލިބޭނީ ކައު އިތުރު ރަސޫލާ މުޙައްމަދު (ﷺ) އަށް ފުރިހަމައަށް ކިޔަމަންތެރިކަން އަދާކޮށްގެން ކަމަށްވާތީ ކަމަށެވެ.
ޝައިޚް ނަޝީދު ވިދާޅުވީ ކައު އިތުރު ރަސޫލާ މުޙައްމަދު (ﷺ) އަށް ލޯބިކުރުން އިތުރުކުރުމާއި އަދި އިތުރު އެކަލާގެފާނަށް ކިޔަމަންތެރިކަން އަދާކުރުން އިތުރުކުރުމަކީ މާތް ﷲ އަށް ލޯބިކުރުން ވެސް އިތުރުވެގެންދާ ކަމެއް ކަމަށެވެ.
ޝައިޚް ނަޝީދު ވިދާޅުވީ ތިމާ އެންމެ ލޯބިވާ މީހާއަކީ ކައު އިތުރު ރަސޫލާ މުޙައްމަދު (ﷺ) ކަމުގައި ވަންދެން އެއްވެސް މީހެއްގެ އީމާންކަން ފުރިހަމަ ނުވާނެކަން ހަދިޘްފުޅުން ސާބިތުވާ ކަމަށެވެ. "އަޅުގަނޑުމެން ޤަބޫލުކުރަންވީ ކައު އިތުރު ރަސޫލާ އަކީ މާތް ﷲ ފޮނުއްވެވި އެންމެ މާތް އިންސާނާކަން. އަޅުގަނޑުމެންނަށް އިސްލާމް ދީނުގެ ހިދާޔަތް ލިބިގެން މިދިއައީ އިތުރު އެކަލޭގެފާނު މެދުވެރިކުރައްވައިކަން. އެއިރުން އެ ލޯބި ދާނީ ދުވަހެއް ދުވަހަކަށް އިތުރުވަމުން." ކަމަށްވެސް ޝައިޚް ނަޝީދު ވިދާޅުވިއެވެ.