އަޅުގަނޑުމެން ހައްޖަށް ނުވަތަ އުމުރާއަށް ދިއުމަށް ފުރަނީ އެމީހެއްގެ ހުރިހައި ކަމެއް މާތް ﷲ އާއި ހަވާލުކޮށްފައިކަމަށް ދަންނަވައި ދުޢާ ދަންނަވައިފައެވެ. އަނބިދަރިންނާއި ވިޔަފާރިތަކާއި މިހެން ގޮސް ތިމާގެ ހުރިނަމަ ހުރި ހުރިހައި ކަމެކެވެ.
އެކަން އެގޮތަށް ކުރަންޖެހެނީ ވެސް ސަބަބުތަކެއް ހުރުމުންނެވެ. އަޅުގަނޑުމެންގެ ތެރޭއިން ކޮންމެ މީހަކީވެސް އުނިކަންތައްތަކެއް ހުރި ނުކުޅެދުންތެރިއެކެވެ. ހުރިހައި ކަމެއް ފުރިހަމަ ފަރާތަކީ ހަމަ އެކަނި މާތް ﷲ އެވެ. އަދި މާތްﷲ އަޅުގަނޑުމެންނަށް އަންގަވާފައިވަނީ ކަންކަން ހާޞިލުކުރުމަށް ސަބަބުގައި ހިފައިގެން ތިބެ ގަދައަޅައި މަސައްކަތްކުރުމަށެވެ. އަދި އެކަލާނގެއަށް ވަކީލު ކުރުމަށެވެ.
ތިމާގެ ހުރިހާ ކަންކަން މާތް ﷲ އަށް ވަކީލުކުރުމަށްފަހު ފުރައިގެން މައްކާއަށް މިދަނީ މުހިންމު އަޅުކަމެއް އަދާކުރުމަށެވެ. އެހެންކަމަށްވާއިރު އެ އަޅުކަން އަދާކުރުމަށް ގޮސް ހަރަމްފުޅުގައި ތިބޭއިރުގައާއި މިސްކިތްތަކުގައި ތިބޭ ވަގުތުތަކުގައި ފޯނުން އަތް ދޫކޮށްނުލެވެނަމަ، އަވަދި ނެތި އުޅެންޖެހެނީ ވިޔަފާރިތަކާއި ގޭގެ ހާލަތު ބެލުން ފަދަ ކަންކަމުގައި ކަމަށްވާނަމަ ތިމާ ފުރަމުން މާތް ﷲ އަށް ވަކީލުކުރީ ކޮން ކަމަކަށްކަމާއިމެދު ސުވާލުއުފެދެއެވެ.
ތިމާގެ ހުރިހައި ކަންކަން މާތް ﷲ އަށް ވަކީލްކޮށް އެކަލާނގެއާއި ހަވާލުކުރުމަށް މާތް ﷲ ވަނީ ވަހީ ކުރައްވަވައިފައެވެ. އަޅުގަނޑުމެންގެ ކަންކަން އެންމެ މޮޅަށް ދެކެދެނެވޮޑިގެންވަނީ މާތް ﷲ އެވެ. އަދި އެންމެ ފުރިހަމައަށް ޙިމާޔަތް ކޮށްދެއްވެވޭނީ ވެސް މާތް ﷲ ގެ ޙަޟްރަތުންނެވެ.
ނަމަވެސް މި މަޤްޞަދު ތިމާއަށް ޙާޞިލުކުރެވޭނީ ތިމާއަށް އެކަން ފުރިހަމައަށް ޤަބޫލުކުރެވިގެންނެވެ. މާތް ﷲ ގެ މަތިވެރިކަމާއި އެންމެހައި ބާރުތައް ލިބިވޮޑިގެންވާ ހަމައެކަނި ފަރާތަކީ މާތް ﷲ ކަމަށް ހިތުގެ އަޑިން ޤަބޫލުކުރެވިގެންނެވެ.
"މާތް ﷲ ވަޙީ ކުރައްވަވާފައިވަނީ މާތް ﷲ އަށް ވަކީލުކުރާމީހާ ދަންނާށޭ. އޭނާގެ ހުރިހާ ކަމަކަށް ތިމަން ﷲ ފުދެއެވެ."
އެހެންކަމަށްވާއިރު އެކަން ޤަބޫލުކުރާ މީހާ، އެކަން ޤަބޫލުކުރިކަމަށްވާނީ ހިތުގެ އަޑީން އެކަން ޤަބޫލުކޮށް އަމަލުތަކުންވެސް އެކަން ދެއްކުމުންނެވެ. އެފަދަ މީހުން ހަރަމްފުޅާއި މިސްކިތްތަކުގައި ތިބެގެން އަބަދު ގޭގެ ހާލު ބަލާކަށް ނުގުޅާނެއެވެ!
މިއީ މިއަދުގެ ޢަޞްރު ނަމާދަށްފަހު ވިޔަފާރިވެރިންގެ މިސްކިތުގައި އައްޝައިޚް ޖައުފަރު ފާއިޒް ދެއްވި ދަރުސްގެ މައްޗަށް ލިޔެފައިވާ ލިޔުމެކެވެ.