ބާރާ ނުފޫޒު ބޭނުންކޮށް އަނިޔާވެރިވުމަކީ ވެސް ހަވާ ނަފުސަށް އަނިޔާވެރިވުން: ޝައިޚް މުޙައްމަދު ނަޝީދު އާދަމް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 51ސ
ބާރާ ނުފޫޒު ބޭނުންކޮށް އަނިޔާވެރިވުމަކީ ވެސް ހަވާ ނަފުސަށް އަނިޔާވެރިވުން: ޝައިޚް މުޙައްމަދު ނަޝީދު އާދަމް
ބާރާއި ނުފޫޒު ބޭނުންކޮށް މީސްތަކުންނަށް އަނިޔާވެރިވުމަކީ ވެސް ހަވާ ނަފުސަށް އަނިޔާވެރިވުން ކަމަށް އައްޝައިޚް މުޙައްމަދު ނަޝީދު އާދަމް ވިދާޅުވެއްޖެއެވެ.

މިއަދުގެ ޢަޞްރު ނަމާދަށްފަހު މަސްޖިދު މުޙައްމަދު ތަކުރުފާނުލްއަޢުޒަމްގައި ދަރުސް ދެއްވަމުން ޝައިޚް ނަޝީދު ވިދާޅުވީ ބާރާއި ނުފޫޒު ބޭނުންކޮށް މީސްތަކުންނަށް އަނިޔާވެރިވާ މީހުންނަކީ ހަވާނަފުސަށް ގެއްލި ފަނާވެގެން ހިނގައިދާނެ ބައެއް ކަމަށެވެ. އަދި ޝަހުވަތްތެރިކަމަށާއި މުދަލަށް އަދި ދުނިޔޭގެ އެދުންތަކަށް ދަހިވެތިވާ މީހުންނަކީ ވެސް އެގޮތުގައި ހަލާކުވެގެން ހިނގައިދާނެ ބައެއް ކަމަށެވެ. މިފަދަ ކޮންމެ ކަމެއްގެ ސަބަބުންވެސް އާޚިރަތުގައި ކުރިމަތިވާނީ އަބާއްޖަވެރިކަން ކަމަށެވެ.

ޝައިޚް ނަޝީދު ވިދާޅުވީ ދުނިޔޭގެ ދަހިވެތިކަމުގައި މިދުނިޔޭގައި ކިތަންމެ އަގުބޮޑު މައުދަންތަކެއް ބޭނުންކޮށްގެން ކިތަންމެ ފުރިހަމައަށް ގެދޮރު ބިނާކުރި ނަމަވެސް އެކަމުން ކުރާނެ ހަޤީޤީ ފައިދާއެއް ނެތް ކަމަށާއި ހަޤީޤީ ފައިދާއެއް ކުރާނީ އާޚިރަތަށްޓަކައި ބިނާކުރާ އިމާރާތުން ކަމަށެވެ. އާޚިރަތަށްޓަކައި ބިނާކުރާ އިމާރާތް ބިނާކުރަން އެއްވެސް މައުދަނެއް ބޭނުން ނުވާ ކަމަށާއި ބޭނުންވަނީ ހަމައެކަނި އިޚްލާޞްތެރި ހެޔޮ އަމަލުތައް ކަމަށެވެ.

ޝައިޚް ނަޝީދު ވިދާޅުވީ އިންސާނުން ނުބައި އަމަލުތައް ކުރާއިރު އެކުރެވެނީ ނުބައި އަމަލެއްކަން ބުއްދި އެމީހަކަށް އަންގައިދޭނެ ކަމަށާއި އަޅުގަނޑުމެންނަށް އޮތީ ބުއްދި އަންގައިދޭ އެންގުންތައް ދެނެގަތުމުގެ ބާރު ލިބިގަތުން ކަމަށެވެ.

ްޝައިޚް ނަޝީދު ވިދާޅުވީ މީސްތަކުންނަށް ވަސްވާސް ދިނުމުގެ ބާރު ޝައިޠާނާއަށް ދެއްވި ފަދައިން އެ ވަސްވާސްތަކުން ސަލާމަތްވެ ނުބައި އަމަލުތަކާއި ދުރުހެލިވުމުގެ ބާރުވެސް މާތް ﷲ ވަނީ މީސްތަކުންނަށް ދެއްވަވާފައި ކަމަށެވެ.

ޝައިޚް ނަޝީދު ވިދާޅުވީ އިންސާނުން ދުނިޔޭގައި ހޭދަކުރާ މަދު ދުވަސްކޮޅު އަމަލުކުރަންވީ ގޮތުގެ އިންތައް މާތް ﷲ ވަނީ ކަނޑައަޅުއްވަވާފައި ކަމަށާއި އަޅުގަނޑުމެންނަށް އޮތީ އިންތައް ފަހަނައަޅައި ނުދިއުން ކަމަށެވެ. ހަވާ ނަފުސް ކޮންޓްރޯލްކުރަން މަސައްކަތްކުރާނަމަ އެކަން ކާމިޔާބުކުރެވޭނެ ކަމަށެވެ.

ޝައިޚް ނަޝީދު ވިދާޅުވީ ހަވާ ނަފުސް އަބަދުވެސް އަމުރުކުރާނީ ނުބައި އަމަލުތައްކޮށް ދުނިޔޭގެ އެދުންތައް ހާޞިލުކުރުމަށް ކަމަށެވެ. ބާރާއި ނުފޫޒު އެއްކުރުމަށް ކަމަށެވެ. ނަމަވެސް މިދުނިޔެއަކީ ދާއިމީ މަންޒިލެއް ނޫން ކަމާއި އަދި ދާދި އަވަހަށް އަޅުގަނޑުމެންނާއި ވަކިވެގެންދާނެ ތަނެއްކަން ޤަބޫލުކުރާމީހާއަށް ހަވާނަފުސުކުރާ ނުބައި އަމުރުތަކަށް އަމަލުނުކޮށް ކެތްތެރިވެވޭނެ ކަމަށެވެ.
މިއަދު އޮންލައިން