"ދުނިޔެމަތީގެ އެންމެ އަމާން ސުވަރުގެ" ކަމަށް ބުނަމުން އަންނަ ދިވެހިރާއްޖޭގައި މަގުފޭރުން އިތުރުވަމުން އައިސް ފަތުރުވެރި އަންހެނެއްގެ އަތްދަބަސް ފޭރެން އުޅުމުގެ ތެރޭގައި އަންހެން މީހާއަށް އަނިޔާތަކެއް ވެއްޖެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ހުޅުމާލޭ ފެރީ ޓަރމިނަލް ކައިރިން ހިނގާފައި 3 ފަތުރުވެރިއަކު ދަނިކޮށް ސައިކަލެއްގައި އައިސް އަތް ދަބަސް ފޭރިގަންނަން އުޅުނީ ކަމަށެވެ. އަދި އަތް ދަބަސް ގެންދިއަ ނުދިނުމަށް މަސައްކަތްކުރުމުގެ ތެރޭގައި އަނިޔާލިބިފައިވަނީ މަލްޑޯވާގެ އަންހެނަކަށް ކަމަށެވެ.
މީޑިއާ އޮފިޝަލް ވިދާޅުވީ ތަޙްޤީޤް ކުރިއަށްދާތީ އެކަން ކުރި ބައެއްގެ މައުލޫމާތު ލިބިފައިވާ މިންވަރެއް އަދި ހާމަކުރެވެން ނެތް ކަމަށެވެ.
މީގެ އިތުރުން ލަގްޒަރީ ޝޮޕިންސެންޓަރުން ކައިރިން ބިދޭސީއެއްގެ ފޯނު ފޭރިގަތް މީހަކު މިއަދު ވަނީ އަތުލައިގެންފައެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ހާދިސާ ހިނގިއިރު ދާދި ކައިރީގައި ފުލުހުންގެ ވެހިކަލެއް އޮތް ކަމަށާއި އަތުލައިގަނެވުނީ ފުލުހުންނަށް ފިލަން ދުއްވަނިކޮށް ސައިކަލެއްގައި ޖެހިގެން ފިލަންދުއްވި ސައިކަލް ވެށްޓުމުން ކަމަށެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވާ 24 އަހަރާއި 34 އަހަރުގެ މީހާގެ ބަންދަށް ދީފައިވަނީ 5 ދުވަސް ކަމަށްވެސް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.